ވީއައިއޭގެ އައު ޓާމިނަލްގައި ފަސިންޖަރުން އަރާމުކޮށް، ޚިދުމަތް ހޯދަން އައު ޖާގައެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެއްގައި ދަތުރުވެރިން އަރާމުކުރުމަށާއި، ޚިދުމަތްތައް ހޯދުމަށް އައު ޖާގައެއް ހުޅުވައިފިއެވެ. އެމްއޭސީއެލްއިން ބުނީ މިއީ އެއާޕޯޓުން ފުރާ މީހުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއި ފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ކުންފުނިން ބުނީ އަލަށް ހުޅުވި މި ޖާގައާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް ވަނީ އިތުރުކޮށްފައި ކަމަށެވެ. އެ ތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަކަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެމްއޭސީއެލްއިން ވީއައިއޭގައި ހުޅުވައިފައިވާ އައު ޖާގަ -- ފޮޓޯ/ އެމްއޭސީއެލް މީގެ އިތުރުން، މި ޖާގައިގައި ކުޑަކުދިންނަށް ޚާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ތަރައްގީކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެ ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ކުންފުނިން ބުނީ އެއީ ޓާމިނަލް އެކަކުން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަަމަށެވެ. އެ ޖާގައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚާއްސަ ކައުންޓަރެއް ވެސް ގާއިމުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ވީއައިއޭގެ އައު ޖާގަ: އެ ތަނުން ބީއެމްއެލް ކައުންޓަރަކުން ޚިދުމަތް ލިބޭނެ -- ފޮޓޯ/ އެމްއޭސީއެލް އެމްއޭސީއެލްއިން ބުނީ އެ އާ ޖާގަ ހުޅުވުމަކީ ޓާމިނަލް އެކެއްގެ ޚިދުމަތްތައް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، އެންމެންނަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވައިފައި ވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހެވެ. އެ ޓާމިނަލް ތަރައްގީކުރީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ