ތިލަފުއްޓަށް ކުނި އުކާނުލެވި މާލޭގެ މަގުތައް ގޮނޑުވާން ފަށައިފި

މިދިޔަ ހަފުތާގައި ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުނި އުކާނުލެވި، މާލެ ސަރަހައްދުގެ މަގުތައް ގޮނޑުވާން ފަށައިފި އެވެ.
ވީ ކިހިނެއް؟- ތިލަފުށީގައި ހިންގާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 10 ވަރަކަށް ގަޑިއިރު ފަހުންނެވެ. އެ ހާދިސާއާ ގުޅިގެން، މާލެ ސަރަހައްދުން އެތަނަށް ގެންދާ ކުނި ވަނީ މަދުކޮށްފަ އެވެެ.
ތިލަފުއްޓަށް ކުނި ނުގެންދެވޭތީ، މާލޭގެ މަގުތަކާއި މައިޒާންތަކުގައި ދަނީ ކުނި ގިނަވަމުންނެވެ.
އެކަން ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި:
މާލޭގެ މަގުތަކުން ނަގާ ކުންޏާއި ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް ނެތް
އަލިފާނުގެ ހާދިސާއާ ގުޅިގެން ތިލަފުއްޓަށް ކުނި ނުގެންދެވޭތާ 10 ވަރަކަށް ދުވަސްވެފައިވާއިރު، ކައުންސިލުން މިހާރު ކުނިއަޅަމުންދާ ސަރަހައްދު ވަނީ ފުރިފައި
އެހެންވެ، ކުނި އުކާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި
މާލޭ ސިޓީ ކައުންސިލުން ބުނީ، މާލެތެރޭގައި ކުނި ގިނަވެ، އާންމު ސިއްހީ ބޮޑު މައްސަލައަކަށް އެކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެ ކަންބޮޑުވުުންތަކާ އެކު 11 ކައުންސިލަރަކު މިއަދު ވެމްކޯއަށް ވަޑައިގެން، އެތަނުގެ ބައެއް ވެރިންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ކައުންސިލަރުންނާ ވާހަކަ ދައްކަވަމުން ވެމްކޯގެ އެޗްއާރު ޖެނެރަލް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ އަލިފާނުގެ ސަބަބުން، އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުނު ކަމަށެވެ. އެކަމާ ގުޅިގެން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރާފައިވާ ކަމަށާއި ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ހިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މި ހަފުތާ ނިމުމުގެ ކުރިން، ކުނި އަޅާ ސައިޓު އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެ ނަމަ، އެތަނަށް އަލުން ކައުންސިލަރުން ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ