ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުގެ ޑިއުޓީ ރޭޓު ކުޑަކުރުމުގެ ކުރިން ރާއްޖެއަށް އެެތެރެކުރި ސިނގިރޭޓު ކޮންޓޭނަރުތަކަށް ކުޑަ ރޭޓުގައި ޑިއުޓީ ނެގުމާ ގުޅޭ ގޮތުން ބަންޑާރަނައިބު (އޭޖީ) އޮފީހުގެ ލަފައަކަށް އެދިފައިވާ ކަމަށް އަދަދު ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.
ޑިއުޓީ ނަގާނެ ރޭޓަކާ މެދު އޭޖީގެ ލަފައަކަށް އެދިފައި މި ވަނީ ކަސްޓަމްސްގެ އުސޫލުތަކާ ހިލާފަށް، އަދި އެކަން އެގޮތަށް ނުކުރަން ކަސްޓަމްސްގެ ތެރެއިން ވެސް ލަފާދިފައި ވަނިކޮށް. މި މައްސަލައިގައި ހިމެނޭ ދެ ކޮންޓޭނަރުގެ ޑެކްލަރޭޝަން ފޯމު ކެންސަލް ކުރުމަށް ފަހުގަ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދެ ކޮންޓޭނަރަކީ އެއް ވެސް އެއް ބިލް އޮފް ލޭޑިން (ބީއެލް) އެއްގެ ދަށުން މި މަހުގެ 3 ގައި ރާއްޖެ އައި ދެ ކޮންޓެއިނަރެވެ. އޭރު އެއް ކޮންޓޭނަރުގެ ފޯމު ނިމިފަ އޮތް އިރު، ދެވަނަ ކޮންޓޭނަރުގެ މައުލޫމާތަށް ބޭރުކޮށްފަ އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ މީހުން ބުނީ މި ކޮންޓޭނަރުުތައް ގެނައި ކުންފުނިން ފޯމު ހުށަހެޅިއިރު ހުރި ރޭޓުގައި ޑިއުޓީ 76 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެކަމަކު ފަހުން އެ ކުންފުނިން ވަނީ ޑިއުޓީ ކުޑަކުރާތީ، ކަސްޓަމްސްގެ ވެރިންތަަކަކަށް ގުޅައިގެން އެއް ކޮންޓޭނަރުގެ ފޯމު ކެންސަލްކުރުވާ، އަލުން އެ ފޯމު ހުށަހަޅާފަ އެވެ. މިކަން ކުރީ ކަސްޓަމްސްގެ ޑޮކިއުމެންޓޭޝަންގެ ވެރިއަަކަށް ހުރި އޮފިސަރުގެ ހުއްދައާ އެކީ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ކުރިން އެތެރެކުރި ދެ ކޮންޓޭނަރެއްގެ ޑިކްލަރޭޝަން، ކަސްޓަމްސްގެ ލީގަލް ސެކްޝަނުގެ ލަފައާ ހިލާފަށް ކެންސަލްކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މި ނިންމުމުގެ ސަބަބުން، ކުރިން ދައްކަންޖެހޭ 76 މިލިއަން ރުފިޔާގެ ބަދަލުގައި މިހާރު ދައްކަންޖެހޭނީ 38 މިލިއަން ރުފިޔާ އެވެ.
އެކަމަކު މިއީ ކަސްޓަމްސްގެ ގަވާއިދާ ހިލާފަށް ކުރި ކަމެކެވެ. ކަސްޓަމްސްގެ ގަވާއިދު ބުނާ ގޮތުން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހެއް ގެނެސް އަމަލު ކުރަން ފެށުމުގެ ކުރިން ރާއްޖެއަށް އައިސްފައިވާ މުދަލަށް އައު ޑިއުޓީ ރޭޓުން ފޯމު ހަދައިދެވޭނީ، އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައި ނުވާނަމަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ ޖުލައި 1، ގަ އެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ ޖުލައި 2، ގަ އެވެ.
މިހެންކަމުން މި ތާރީހުގެ ކުރިން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ކެންސަލް ކުރުމަކީ ކަސްޓަމްސްއަށް ލިބޭ ބާރެއް ނޫނެވެ.
މި މައްސަލައިގައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު، އިބްރާހިމް މަފާޒަށެވެ. މި ނޫހާ ވާހަކަ ދެއްކި މީހުން ބުނީ މަފާޒު ވަނީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތުމަތު ދިޔާނާ އަންގައިގެން ކަމަށް ބުނެ ޑޮކިއުމެންޓޭޝަންގެ ވެރިންނަށް ބިރުދައްކައި، މިކަން ކުރުވަން މަޖުބޫރުކުރުވާފަ ކަމަށެވެ.
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި މި މައްސަލައިގައި ތުހުމަތުވާ މީހުންގެ ނޫނީ އިދާރާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.
ސިިނގިރޭޓު ކޮންޓެއިނަރުތަކުން ދަށް ރޭޓުގައި ޑިއުޓީ ނަގަން ބަންޑާރަނައިބުގެ ލަފާ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ