ވީއައިއޭގެ ޓާމިނަލް 1 ގައި ޕަސިންޖަރުން މަޑުކޮށްލާނެ އާ ސަރަހައްދެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ދަތުރުވެރިން މަޑުކުރާނެ އާ ސަރަހައްދެއް ތަރައްގީކޮށް، ހުޅުވައިފި އެވެ.
އެމްއޭސީއެލްއިން މިއަދު ބުނީ އަރާމުކުރާ އަދި ޚިދުމަތް ލިބޭ އާ ޖާގައެއް ބޭނުންކުރަން ފެށުމަކީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދޭން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ޖާގައާއެކު ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދަތުރުވެރިން ފުރުމުގެ ކުރިން މަޑުކޮށްލުމަށްޓަކައި އެތަނުގައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނެ ގޮތަށެވެ.
އެގޮތުން ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ތަނެއް ވެސް އެ ސަރަހައްދުގައި ގާއިމްކޮށްފައިވެ އެވެ. އަދި އެ ބައިގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި ރައްކާތެރި ހޮޅިތަކާއި ވާ އަދި ރިންގް ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހަދާފައިވެ އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި އެއީ އާ ޓާމިނަލް ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
އާ ވެއިޓިން އޭރިއާގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެ ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި ދިވެހިންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
"އާ ޖާގަ ހުޅުވުމަކީ ޓާމިނަލް އެކެއް ގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް،" އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެއީ އެއާޕޯޓް ޒަމާނީކޮށް، ހުރިހާ އެންމެންނަށް ބޭނުން ކުރެވޭނެ އަދި ޕަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް އެތަން ހަދަން އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ