ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް ގެނައި 1983.7 ގްރާމު މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ ހަވާލުވާން ދިޔަ އަންހެނަކަށް 18 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މިއީ ސެޕްޓެމްބަރު 16، 2023 ގައި ފެޑެކްސް އިން ރާއްޖެ ގެނައި ފޮށިގަނޑެއްގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ ފޮށިގަނޑު އެކްސްރޭ ކުރުމަށް ފަހު ފޮށިގަނޑުގެ ހަތަރު އަރިމަތިން ފެނުނު ހުދު ކުލައިގެ ޕައުޑަރެއް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭއަށް ޕޮޒިޓިވުވުމް ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ.
އެ ފޮށިގަނޑު ބަލާ އައީ އަޒްމާ ޝަރީފް، ކަށިކެޔޮމާގެ، ގއ. ކަނޑުހުޅުދޫ އެވެ. އެ ފޮށިގަނޑުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އެވެ. މި މައްސަލާގައި ނިޔާ ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ގާޒީ އަަލީ އާދަމް އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ ދައުލަތުން ކުރި ދައުވާއަށް އިންކާރު ކޮށްފަ އެވެ. އެއީ ފޮށިގަނޑުގައި ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ހުރި ކަމަށް ނޭނގޭތީ އާއި ފޮށިގަނޑަކީ އޭނާގެ އެއްޗެއް ކަމަށް ނުވާތީ އާއި އެއީ އެހެން މީހަކު ބުނެގެން ބަލައިދިޔަ ފޮށިގަނޑަކަށް ވުމުން ކަމަށް ދިފާއީ ވަކީލު ބުނެފައިވެ އެވެ.
ޝަރީއަތުން ވަނީ އެ ތުހުމަތުން ބަރީއަވުމަށް އަޒްްމާ ޝަރީފް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރި ކަމަށް އޭނާއަށް ނޭނގޭ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ. އެ ފޮށިގަނޑާ ހަވާލުވި ކަމަށް ޝަރީއަތުގައި އޭނާ އިންކާރުކޮށްފައެއް ނުވެ އެވެ.
އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 18 އަހަރަށް ޖަލަށްލުމާއެކު 75،000ރ. ޖޫރިމަނާ ކުރުމުގެ ހުކުމެކެވެ. ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަން ޖެހެނީ 15 އަހަރާއި ނުވަ އަހަރާއި ތިން ދުވަހުގެ ހުުކުމެވެެ.
ފެޑެކްސް މެދުވެރިކޮށް ގެނައި ދެ ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކަށް 18 އަހަރުގެ ޖަލު ހުކުމެއް ފެޑެކްސް މެދުވެރިކޮށް ގެނައި ދެ ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކަށް 18 އަހަރުގެ ޖަލު ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ