ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަންނަ މަހު އެއް ވަނަ ދުވަހަަށް އާންމު ބައްދަލުވުމެއް ތާވަލުކޮށްފި އެވެ.
ބީީއޭއެމް މިހާރު ހިންގަމުން އަންނަނީ، އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް، މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށެވެ.
އެ ގޮތުން، ވޯކިން ގްރޫޕުން ޓައިމްލައިނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފަހު، އެންމެ ފުރަތަމަ ނިންމީ މި މަހުގެ ފުރަތަމަ ހަފްތާ ނޫނީ ދެ ވަނަ ހަފްތާ ތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަނުގެ އާންމު ޖަލްސާއެއް ބާއްވައި، އާ އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރުން، ނޮވެމްބަރު އެއް ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެެވެ. އެކަމަކު، މި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި، އާންމު ޖަލްސާއެއް ބޭއްވުމަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
އެއާ އެކު، ބީއޭއެމް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ ހާއްސަ އާންމު ޖަލްސާއެއް ޖަލްސާ އެއް އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ 8.30 ގައި މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގެ ސެމިނާ ރޫމް (ހެންވޭރު ބޯޅަގެ)ގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގޮތުން، މިޖަލްސާގައި ބައިވެރިވެ ވޯޓްދެވޭނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ނަމްބަރު BAM/IUL/2024/15 އިއުލާނާއެކު ގެޒެޓް ކުރެވިފައިވާ އެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރުންނާއި، ފަރުދީ މެމްބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރުދީ މެމްބަރުންނަށެވެ. އެހެންކަމުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރުދީ މެމްބަރުން (އަމިއްލަ މެމްބަރުން) ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށް ފަހު އަންނަ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް (ތޮލާ) ނިންމެވީ، ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ނަގައި، އެ އެސޯސިއޭޝަން ހިންގުމާއި ހުރި މައްސަލަތައް ހައްލުކުރަން، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއް ނެގުމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދިން މުއްދަތުގައި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވުމަކީ ދިމާވި ބޮޑެތި މައްސަލަތަކެެވެ. އެ ކަންކަމަށް ބަލައި، ތޮލާލް ގޮތެއް ނިންމެވީ އެވެ.
އެކަމަކު، އެޑްހޮކް ކޮމިޓީގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް، ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ. އެޑްހޮކް ކޮމިޓީ އޮތްގޮތާ މެދު ބީޑަބްލިއުއެފް އިން ހިތްހަމަނުޖެހުމުން، ފަހުން ނިންމީ، އޮލިމްޕިކް ކޮމީޓީ އާއި ބީޑްބަލިއުއެފް އަދި ބީީއޭއެމްގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއް މެދުވެރިކޮށް މަސައްކަތް ކުރުމަށެވެ.
އެ ވޯކިން ގްރޫޕްގެ މަސައްކަތް ފެށި ތާވަލާ އެއްގޮތަށް ކަންކަން ހިނގަން ފެށުމުން، ބީޑަބްލިއުއެފް އިން ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެވޭ ގޮތަށް ސަސްޕެންޝަަށް ލުޔެއްދީފަ އެވެ. އެއީ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީއޭއެމްގެ އާ އަސާސީ ގަވާއިދު ފާސްކުރެވުމާ އެކު، އާ އިންތިހާބުގެ މަސައްކަތް ފެށިގެންދާނެ އެވެ. އަދި، އާ އިންތިހާބެއް ބާއްވައި އެ ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމާ އެކު، ބީޑަބްލިއުއެފްގެ ސަސްޕެންޝަން ހާލަތުން ރާއްޖެ ސަލާމަތްވާނެ އެވެ.
އަންނަ މަހު އެއް ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންގެ އާންމު ޖަލްސާއެއް އަންނަ މަހު އެއް ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންގެ އާންމު ޖަލްސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ