ދެ ވަނަ ކުއާޓަރުގައި ސިނާއަތްތަކާއި އިގްތިސާދަށް ކުރިއެރުން

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި މައިގަނޑު ސިނާއަތްތަކަށް ކުރިއެރުން ލިބި، އިގްތިސާދު ކުރިއަރާފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭއިން ނެރުނު 'ކުއާޓަލީ އިކޮނޮމިކް ބުލެޓިން'ގައި ބުނެފައިވާ ގޮތުގައި ދެ ވަނަ ކުއާޓަރު (އޭޕްރީލް - ޖޫން)ގައި އިގްތިސާދީ ކުރިއެރުން ލިބުނީ ފަތުރުވެރިކަމާއި މަސްވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއިން ލިބުނު ރަނގަޅު ކުރިއެރުމުގެ ސަބަބުންނެވެ.
ތަފްސީލު - ވަކިވަކި ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކަށް ބަލާއިރު، 
ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް: ޖޫން މަހުގެ ނިޔަލަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ މިހާތަނަށް ލިބުނު އެންމެ އަވަސް ކުރިއެރުން
މަސްވެރިކަމުގެ ދާއިރާގެ ފުޅާވުން: ގަނެވުނު މަހުގެ ޖުމްލަ އަދަދު %101 އިތުރުވެ، ކަޅުބިލަމަހުގެ އަދަދު %133 އަށް އިތުރުވެފައިވޭ
އިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުން: އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން މި ދާއިރާ ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރާފައި
ދާދި އެއް ހަމައެއްގައި ރިއަލް އެސްޓޭޓް ދާއިރާ ވެސް ވަނީ ކުރިއަރާފައި
އެމްއެމްއޭއިން ބުނީ ދެ ވަނަ ކުއާޓަރުގައި ސަރުކާރުގެ މާލީ ހާލަތު ވެސް ފާހަގަކޮށްލެވޭ މިންވަަރަކަށް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން:
ހިލޭ އެހީ ނުހިމަނައި ޖުމްލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވި
ޖުމްލަ ހަރަދު (ލޯނު އަނބުރާ ދެއްކުން ނުހިމަނައި) 1.6 ބިލިއަން ރުފިޔާއަށް ދަށްވި؛ ހަރަދު ދަށްވީ ކެޕިޓަލް ހަރަދު ކުޑަކުރުމުގެ ސަބަބުން
ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ހުރީ %50 ގައި ހިފެހެއްޓިފައި
ލޯނު ދޫކޮށްފައިވާ އަދަދު އެއް ހަމައެއްގައި ހިފެހެއްޓިފައިވޭ
ރަސްމީ ރިޒާވް 832.4 މިލިއަން ޑޮލަރަށް އިތުރުވި؛ އޭގެ މައިގަނޑު ސަބަބަކީ އިންޑިއާގެ ރިޒާވް ބޭންކާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުން
އިންފްލޭޝަން ރޭޓު %4.6 އަށް ދަށްވި؛ ފުރަތަމަ ކުއާޓަރުގައި ހުރީ %5.3 ގައި؛ އިންފްލޭޝަން ރޭޓު ދަށްވީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް ދަށަށް ދިއުމުން
ދުނިޔޭގެ އިގްތިސާދީ ހާލަތު ޔަގީންކަން ކުޑަ ގޮތަކަށް ހުރި ނަމަވެސް، އެމްއެމްއޭއިން ބުނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ހަލުވި މިނެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރަނީ %4.5 އަށެވެ.
ވަކިވަކި ސިނާއަތްތަކުގެ ކުރިއެރުމާ އެކު އެމްއެމްއޭއިން ބުނާ ގޮތުގައި މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް ރާއްޖޭގެ އިގްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ