މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ފޯރަމްގައި ޓެކްސީ ޑްރައިވަރުން ވެސް ބައިވެރިވާން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'ހިޔާލާއި ފިކުރު ކަފުނަށް'ގެ ނަމުގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ބާއްވާ ފޯރަމް ފަށާނީ މިރޭ 8:45 ގައެވެ.
ބުނީ ކީކޭ؟ - ޓެކްސީ ޑްރައިވަރުން ތަމްސީލުކުރާ ޖަމިއްޔާ 'ޓެކްސީ ޑްރައިވާސް ކޮމިއުނިޓީ'އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފޯރަމްގައި ޓެކްސީ ޑްރައިވަރުން ވެސް ބައިވެރިވާނެ ކަމަށެވެ.
"ޓެކްސީ ޑްރައިވަރުންނަށް މި ސަރުކާރުން އަނިޔާކުރި ދުވަހު ހިލޭ ސާބަހަށް އަޑު އިއްވައިދިނީ މީޑިއާތައް. އެންމެހާ ޑްރައިވަރުން ނުކުންނަވާ. މިރޭ 8:45 އަށް އާޓިފިޝަލް ބީޗަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ތަފްސީލު - އެމްޖޭއޭއިން ބުނީ ފޯރަމް ކުރިއަށްދާނީ 'އޯޕަން މައިކް' އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.
ބިލާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރަން އެމްޖޭއޭއިން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިދިޔަ ދެ ދުވަހު ހަވީރު އާންމު ތަންތަނަށް އެއްވެ ތިބި މީހުންނަށް، ބިލުން އާންމުންނަށް ކުރާނެ އަސަރު ލިޔެފައިވާ ލީފްލެޓްތަކެއް ވަނީ ބަހައިފަ އެވެ. މި ހަރަކާތުގެ ތެރެއިން ވެސް ބައްދަލުވާ މީހުނަށް ބިލުގެ ތަފްސީލްތައް ނޫސްވެރިން ކިޔައިދިނެވެ.
ގުޅުންހުރި ކަމެއް - އެ ފޯރަމްގައި ސަރުކާރާ އިދިކޮޅު އެމްޑީޕީއިން ވެސް ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ޕާޓީން ވަނީ އާންމުންގެ ތެރެއިން ވީހާ ވެސް ގިނަ އަދަދެއްގެ މީހުން ވެސް ފޯރަމްގައި ބައިވެރިވުމަށް ގޮވާލާފަ އެވެ.
'ހިޔާލާއި ފިކުރު ކަފުނަށް' ފޯރަމްގައި ޓެކްސީ ޑްރައިވަރުން ވެސް ބައިވެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ