އިލްމީ ނަޒަރިއްޔާއަކުން: ރައީސް މުއިއްޒު ދޮގު ހައްދަވަނީ ކީއްވެ؟ އިލްމީ ނަޒަރިއްޔާއަކުން: ރައީސް މުއިއްޒު ދޮގު ހައްދަވަނީ ކީއްވެ؟

ތިބާ އަދި އަހަންނަކީ ވެސް ދޮގު ހަަދާ މީހުންނެވެ. ބޮޑު ދޮގާއި ކުޑަ ދޮގާއި އެ ދޭތެރެ ދެމެދުގެ ދޮގެވެ. މަޖަލަކަށް ހަދާއި ދޮގާއި ސީރިއަސް ދޮގުތަކެވެ. އެކަމަކު ތިޔައީ ދޮގުވެރިއެއް ހެއްޔެވެ؟ ތިބާ ތިޔަ އުޅެނީ، ދޮގު ހަދަމުން، ކިޔަމުން، ލިޔަމުން، އިއުލާނު ކުރަމުން ގޮސް ދޮގު ހެދުން ނުހުއްޓިގެން ހެއްޔެވެ؟
އެފަދަ އެއް ބޭފުޅަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް މުއިއްޒަކީ ދޮގުވެރިއެކެވެ. ތެދަކަށް ނުވާ ވާހަކަ އާއި އަސްލެއް ނެތް ވާހަކަ އާއި ހަގީގަތާ ހިލާފު އެތައް ވާހަކައަކުން އެމަނިކުފާނުގެ ހަސީލަތް ހުތުރުވެއްޖެ އެވެ.
ކަންކަން އޮޅުވާލުމާއި ދޮގު އުފަން ކުރުވުމާއި ކަމެއް ބޮޑުވަރުކޮށްގެން ދެއްކުމާއި ކަންކަން ސިއްރު ކުރުމާއި ދޮގަކީ ތެދުކަން ދެއްކުމާއި ހުދު ދޮގާއި އަޅި ދޮގާއި ކޯޓަށް ގޮސް ދޮގު ހެދުމާއި ތެދާއި ދޮގު މަސްހުނި ކުރެއްވުމަކީ މުއިއްޒު ކުރައްވާފައިވާ ކަންކަމެވެ.
އެކަމަކު އެމަނިކުފާނު ވިދާޅުވާ ގޮތުން ދޮގު ހައްދަވަނީ އެހެން މީހުންނެވެ؛
"އޮންނަ ފަލްސަފާއެއް އެއީ. ކިތަންމެ ދޮގު ވާހަކައެއް ވެސް ތަކުރާރުކޮށް އެ ވާހަކަ ދައްކާ ކަމުގައިވާ ނަމަ، އަޑުއިވޭ ކަމުގައިވާ ނަމަ، ކޮންމެވެސް ވަރަކަށް އެކަން ގަބޫލުކުރެވޭ ސަބްކޮންޝަސް މައިންޑުގައި ނަމަވެސް،" އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ދޮގު ހަދާ ކަމަށް ތުހުމަތު ކުރައްވަމުން ސެޕްޓެމްބަރު 13، 2023، ގައި މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، އެއީ ކީއްވެތޯ އެވެ؟ ރައީސް މުއިއްޒު ދޮގު ހައްދަވަނީ ކީއްވެތޯ އެވެ؟ މުއިއްޒު ފަދަ ބޭފުޅުން މަސައްކަތް ކުރައްވާ، ސިޔާސީ ދާއިރާގައި، ދޮގު ހެދުމަކީ އާންމު ކަމެކެވެ. ސިޔާސީން ދޮގު ހަދާ ސަބަބު ހޯދަން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ދިރާސާތައް ވަނީ ހަދައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަން މަސައްކަތް ކުރަނީ ސިޔާސީން ދޮގު ހަދާ ސަބަބުތަކުގެ މައްޗަށެވެ.
ދޮގު ހެދުމަކީ ކޮންމެ އިންސާނަކު ވެސް ކުރާނެ ކަމެކެވެ. ކަމުގެ ތަޖުރިބާކާރުން ވަނީ މިކަމާ ގުޅޭ ގޮތުން ގިނަ ދިރާސާތަކެއް އާންމުކޮށްފަ އެވެ. ސިޔާސީން ދޮގު ހަދާ ސަބަބަށް ބަލައިލުމުގެ ކުރިން، އިންސާނުން ދޮގު ހަދާ ސަބަބުގެ މައްޗަށް ބަލައިލުން މުހިންމެވެ.
ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ އެޕްލައިޑް ސައިކޮލޮޖީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ޕްރޮފެސަރު ކާންގް ލީ ވިދާޅުވަނީ އިންސާނުން ދޮގު ހަދަން ފަށަނީ، އޭނާގެ ސިކުނޑީގައި އެނބުރޭ ހިޔާލުތައް އެހެން މީހުންނަށް ނޭނގޭނެކަން އަމިއްލައަށް ވިސްނޭ ހިސާބުންނެވެ. އެއީ ގާތްގަނޑަކަށް އުމުރުން ދެ އަހަރާއި ތިން އަހަރާ ދެމެދުގަ އެވެ.
"ދޮގު ހެދުމުން ތިމާއަށް ފައިދާތަކެއްވާކަން އުމުރުން ގާތްގަނޑަކަށް ދެ އަހަރުގައި އެބަ ވިސްނޭ. އެއީ އޭގެ ޒާތުގައި މައްސަލައެއް ނޫން އަދި ގޯސްކަމެއް ވެސް ނޫން،" އެމެރިކާގެ ޕަބްލިކް ބްރޯޑްކާސްޓިން ސާވިސްއަށް ދެއްވި އިންޓަވިއުއެއްގައި ލީ ވިދާޅުވި އެވެ.
ކާންގް ލީގެ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން ދެ އަހަރުގައި 30 ޕަސެންޓު ކުދިން ދޮގު ހަދަ އެވެ. އުމުރުން ތިން އަހަރުގައި ދެބައިކުޅަ އެއްބައި ކުދިން ދޮގު ހަދަ އެވެ. އަދި އުމުރުން ފަސް އަހަރާއި ހަ އަހަރުގެ 90 ޕަސެންޓު ކުދިން ދޮގު ހަދަ އެވެ.
"ކުޑަކުދިން ދޮގު ހެދުމަކީ ރަނގަޅު ކަމެއް. ޅަ އުމުރުގައި ގޯސް ކަމެއް ކުރުމަށްފަހު އެކަމާ ދޮގު ހަދާ ކުދިންގެ ސިކުނޑި ދޮގު ނުހަދާ ކުދިންނަށް ވުރެ ރަނގަޅު ކަމަށް ފާހަގަ ކުރެވޭ،" ރޭޑިއޯ ނިއުޒިލެންޑަށް ދެއްވި އިންޓަވިއުއެއްގައި ލީ ވިދާޅުވި އެވެ.
ކުޑައިރު ދޮގު ހަދަން ދަސްވެ، ގައިގައި އަށަގަންނަ އެ އާދަ، މީހާ ފުރާފުރިހަމަވުމުން ވެސް ފިލައިނުދެ އެވެ. ދޮގާއި ދޮގު ހެދުމާ ގުޅޭ ގޮތުން ހަތަރު ފޮތެއް ޝާއިއުކޮށްފައިވާ ޑރ. ބެލާ ޑި-ޕައުލޯ ވިދާޅުވާ ގޮތުގައި، އިންސާނުން ކުރާ ކޮންމެ ފަސް މުއާމަލާތަކުން މަދުވެގެން އެއް މުއާމަލާތެއްގައި ދޮގު ހަދަ އެވެ.
"ކޮލެޖުގައި ކިޔަވާ ދަރިވަރުން އެކި މީހުންނާ ދިމާވާ ފަހަރުތަކުގެ ތެރެއިން ކޮންމެ ތިން ފަހަރަކުން އެއް ފަހަރު ދޮގު ހަދާ. މުޖްތަމައުގައި ދިރިއުޅޭ އެހެން މީހުން، ކޮންމެ ފަސް ފަހަރަކުން އެއް ފަހަރު ދޮގު ހަދާ،" ސައިކޮލޮޖީ ޓުޑޭއަށް ލިޔުއްވި ލިޔުމެއްގައި ޑި-ޕައުލޯ ވިދާޅުވެފައިވެ އެވެ.
ދޮގު ހެދުން މުޖްތަމައުގައި ކިތަންމެ އާންމު ނަމަވެސް ދޮގު ހެދުމަކީ އޭގައި ގެއްލުމެއް ނުވާ ކަމެއް ނޫނެވެ. އިންސާނުން ދޮގު ހަދާ ސަބަބު ހޯދަން މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ޔުނިވާސިޓީ އޮފް މަސަޗޫސެޓްސްގެ ޕްރޮފެސަރު ރޮބަޓް ފެލްޑްމަން ވަނީ އެކަން ވަރަށް ރަނގަޅަށް ދިރާސާކޮށްފަ އެވެ.
"ކުދި ދޮގުގެ ސަބަބުން ވެސް ގެއްލުންތަކެއް ވޭ. ކުދި ދޮގެއް ހެދުމުން އެ ދޮގު ފޫބައްދަން އެހެން ދޮގުތަކެއް ވެސް ހަދަން ޖެހިދާނެ. އަދި ފުރަތަމަ އެ ހަދާ ކުޑަ ދޮގުގެ ސަބަބުން ފަހުން ބޮޑު ދޮގެއް ވެސް ހަދަންޖެހިދާނެ،" ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފެލްޑްމަން ވިދާޅުވި އެވެ.
ސިޔާސީ (ގިނަ) މީހުން ތެދު ހަދާއިރު ތެދު ހަދަނީ އެއީ ރަނގަޅު ގޮތް ކަމަށްވާތީއެއް ނޫނެވެ. އަދި ސިޔާސީން ދޮގު ހަދާއިރު ދޮގު ހަދަނީ އެއީ ނުބައި ގޮތެއްކަން ނޭނގޭތީކީ ވެސް ނޫނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ސިޔާސީން ދޮގު ހެދުމާއި ދޮގު ނުހެދުން ބިނާވަނީ، ރަނގަޅު ގޮތް ހިޔާރު ކުރުމާއި ނުކުރުމުގެ މައްޗަކަށް ނޫނެވެ. ސިޔާސީން ދޮގު ހެދުމާއި ނުހެދުން ބިނާވަނީ އޭނާއަށް ވާނެ ފައިދާ އާއި ގެއްލުމުގެ މައްޗަށެވެ.
މިސާލަކަށް، ތެދެއް ހަދައިގެން އޭނާގެ މަގުބޫލުކަން ފަނޑުވި ނަމަވެސް އޭނާގެ މަގާމު ނުގެއްލޭ ނަމަ ސިޔާސީން ކަމަކަށް އެއްބަސްވެދާނެ އެވެ. ނުވަތަ ތެދަށް ވާހަކަ ދައްކާފާނެ އެވެ. އެކަމަކު، ތެދު ހަދައިގެން އޭނާގެ މަގުބޫލުކަން ގެއްލި އަދި މަގާމު ވެސް ގެއްލޭނެ ކަމަށް ބެލެވޭ ނަމަ ސިޔާސީ މީހާ ދޮގު ހަދަން ބޭނުންވާނެ އެވެ.
"މައްސަލައަކަށް ނުވަތަ ކަމަކަށް ސިޔާސީން އެއްބަސްވުން ބިނާވަނީ އޭނާގެ ގޮނޑީގެ ނުވަތަ މަގާމުގެ ކުރިމަގަށް ކަމަށް އަހަރުމެންނަށް ބުނެވިދާނެ،" ސިޔާސީން ދޮގު ހެދުމާ ގުޅޭ ގޮތުން އޭނާ ހެދި ދިރާސާއެއްގައި ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ޕްރޮފެސަރު ޕޯލް-އާމްސްޓްރޯންގް ޓޭލާ ވިދާޅުވެފައިވެ އެވެ.
އެ ތިއަރީއަށް އެއްބަސްވެވަޑައިގަންނަވާ އަނެއް ބޭފުޅަކީ، ޕުލިޓްޒާ ޕްރައިޒް ލިބިފައިވާ ފެކްޓް ޗެކިން ވެބްސައިޓް، ޕޮލިޓިފެކްޓް އުފެއްދި ބިލް އަޑެއާ އެވެ. ހާވަޑް ޔުނިވާސިޓީގައި ދެއްވި ތަގުރީރެއްގައި ބިލް ވިދާޅުވީ، ދޮގު ހަދައިގެން އޭނާގެ ފައިދާވާނެ ކަމަށް ބެލެވޭ ނަމަ ސިޔާސީން ހަދާނީ ދޮގު ކަމަށެވެ.
"ދޮގެއް ހެދުމުގެ ކުރިން ސިޔާސީން ވިސްނާނީ، މި ދޮގު ހަދައިގެން ތިމަންއަށް ވާނީ ފައިދާތޯ ނޫނީ ގެއްލުންތޯ. އެހާ ވެސް އާދައިގެ ކަމެއް އެއީ،" ސިޔާސީން ދޮގު ހެދުމާ ގުޅޭ ގޮތުން ފޮތެއް ވެސް ޝާއިއުކޮށްފައިވާ ބިލް ވިދާޅުވެފައިވެ އެވެ.
ހާވަޑް ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ބިލް އަލިއަޅުވާލި އަނެއް މައުލޫއަކީ ސިޔާސީން ދޮގު ހެދުމުގެ ނަތީޖާ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ސިޔާސީން ދޮގު ހެދުމަކީ ގެއްލުމެއް ނެތް ކަމެއް ނޫނެވެ. ސިޔާސީންގެ ދޮގުން ގައުމެއްގެ މިސްރާބު އެއްކޮށް ބަދަލުވެދާނެ އެވެ. އަދި މީހެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިދާނެ އެވެ.
"ދޮގު ހެދުމަކީ ވިކްޓިމްލެސް ކްރައިމްއެއް ނޫން. ސިޔާސީ ދޮގު ހެދުމުން އޭގެ ސަބަބުން ގެއްލުންވާނެ ބަޔަކު ތިބޭނެ. އޭގެ ނޭދެވޭ އަސަރު ކުރާނެ ބަޔަކު ތިބޭނެ. އަދި ގިނަ ފަހަރު، ސިިޔާސީން ހަދާ ދޮގުގެ ސަބަބުން އަބުރު ގެއްލި، އޭނާގެ ހަޔާތް އެފުށްމިފުށަށް ޖެހޭނެ ބަޔަކު ވެސް ތިބޭނެ،" ބިލް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މިސާލެއް ނަގާ ނަމަ، އެމަނިކުފާނު މިފަހުން ހެންމެ ފާޅުކަން ބޮޑު ގޮތެއްގައި ހެއްދެވި ދޮގަކީ، ސަރުކާރުން ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ފަސް ހަފުތާ ތެރޭގައި ދައްކައި ހަލާސް ކުރައްވާނެ ކަމަށް ވިދާޅުވެފައި، ފަހުން އެހެން ވިދާޅުނުވާ ކަމަށް ވިދާޅުވުމެވެ.
ފައިސާ ދައްކާ ހަލާސް ކުރަން ދެއްވި ފަސް ހަފުތާ ހަމަވުމުގެ އެއް ދުވަސް ކުރިން މުއިއްޒު ވިދާޅުވީ، ކުރިން ވެސް އެމަނިކުފާނު ވިދާޅުވެފައިވާނީ ފަސް ހަފުތާގެ ތެރޭގައި ފައިސާ ދައްކަން ފަށާނެ ކަމުގެ ވާހަކަ ކަމަށެވެ.
އޮކްޓޯބަރު 2، ގައި ވިދާޅުވި ވާހަކަ
"17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން."
ނޮވެމްބަރު 5، ގައި ވިދާޅުވި ވާހަކަ
" ... ހަމަ އެއާއެކީގައި، ކުރީ ސަރުކާރުން ނުދީ ފުނިޖައްސާފައި ހުރި ބިލްތަކަށް ފައިސާ ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. ފަސް ހަފުތާ ވުމުގެކުރިން ފަށާނަމޭ. އިއްޔެގައި އެ މަސައްކަތް އެވަނީ ފަށާފައި. މިހާރު އެދަނީ ބިލްތަކަށް ޕޭ ކުރަމުން. ހަމަ ކުރިއަށް އޮތް ކޮންމެ ދުވަހަކު، މިގޮތަށް ނުދީހުރި ބިލްތަކަށް ފައިސާ ލިބެމުންދާކަން، މި ފައިސާ ލިބެން ޖެހިފައި ތިބި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ފެނިގެންދާނެ. ލިބިގެންދިޔައިމާ، ޖަމާވީމާ ފެންނާނެތާ ދޮގެއްތޯ؟"
މި ދޮގު ހެދުމުގައި މުއިއްޒު ވިސްނާވަޑައިގެންފާނެ ގޮތްތައް
ސިނޭރިއޯ 1
ސަރުކާރުން ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ދައްކާނެ ކަމަށް އޮކްޓޯބަރު 2، ގެ ކުރިން ވެސް ދެ ފަހަރަކަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ތިން ވަނަ ފަހަރަށް ވި މި ވައުދު ފުއްދުނު ކަމަށް ދެއްކުން އެމަނިކުފާނަށް މުހިންމެވެ.
ސިނޭރިއޯ 2
ފަސް ހަފުތާގެ ތެރޭގައި ވިޔަފާރިވެރިންނަށް ފައިސާ ދޫކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17، ގައި ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން އިއުލާނު ކުރައްވާފައި ވަނިކޮށެވެ. މި ވައުދު މި ގޮތަށް ވެވަޑައިގަތީ އެ މުޒާހަރާއަށް ވިޔަފާރިވެރިންގެ ތާއީދު ލިބިދާނެ ލަފާ ކުރެއްވުމަށްފަހު ކަމަށްވުން ގާތެވެ.
އެމްޑީޕީގެ މުޒާހަރާ އިއުލާނު ކުރިއިރު، ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައި ހުރި ނުތަނަވަސްކަން ގިނަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ވިޔަފާރިވެރިންނަށް ފައިސާ ނުދިނުމެވެ. އެހެންކަމުން، އެހެންކަމުން މުޒާހަރާގެ ކުރިން ސަރުކާރާ މެދު އޮތް ރުޅިވެރިކަން ފިނި ކުރުމަކީ ވެސް މުއިއްޒު ދޮގު ހެއްދެވި އެއް ސަބަބަށްވެދާނެ އެވެ.
ދޮގުގެ ނަތީޖާ
ފަސް ހަފުތާގެ ތެރޭގައި ވިޔަފާރިވެރިންނަށް ފައިސާ ދައްކާ ހަލާސް ކުރައްވާނެ ކަމަށް ވިދާޅުވުމުން މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެއީ އޭގެ ކުރިން ވެސް އެކަން ކުރަން ދެ ތާރީހެއް ދެއްވާފައިވާތީ އެވެ. އެކަމަކު، ދޮގު ހެދުމުން ފައިސާ ލިބޭނެކަމުގެ އުއްމީދެއް ވެސް ވިޔަފާރިވެރިންނަށް ލިބިފައި އޮވެދާނެ އެވެ.
މި ދޮގު ހެދުމުގެ ނަތީޖާ އަޅައިކިޔަން ޖެހޭނީ އަމާޒުވި ފާޑުކިޔުމާއި ވިޔަފާރިވެރިންނަށް ލިބުނު އުއްމީދުގެ މައްޗަށެވެ. އެ ދޮގު ހެދުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް އެމަނިކުފާނުގެ ތާއީދު އިތުރަށް ދަށްވިތޯ އެވެ. ދޮގު ހެދުމުން ބަޔަކަށް ކޮންމެވެސް ވަރަކަށް އުއްމީދެއް ލިބުނެތޯ އެވެ؟ އެ އުއްމީދާއެކު އެމަނިކުފާނުގެ ތާއީދު އިތުރުވިތޯ އެވެ؟
ވިޔަފާރިވެރިންނަށް ފައިސާ ދިނުމާމެދު މުއިއްޒު ހެއްދެވި ދޮގުން އެމަނިކުފާނަށް ވީ ފައިދާތޯ ނުވަތަ ނޫންތޯ އެނގޭނީ އެ ސުވާލުތަކަށް ޖަވާބެއް ހޯދައިގެންނެވެ. އެ މަސައްކަތް ކުރުމަކީ މުއިއްޒުގެ ޕަބްލިކް ރިލޭޝަންސް ޓީމުން ކުރަންޖެހޭނެ މަސައްކަތެކެވެ.
ސިޔާސީން ދޮގު ހެދުމާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ދިރާސާތަކުގެ ތެރެއިން ޝައުގުވެރި އެހެން ދިރާސާއެއް ވެސް އެބަ އޮތެވެ. އެއީ ސިޔާސީންގެ ސަބަބުން އާންމު މީހާ ދޮގު ހަދަން މަގުފަހިވޭތޯ ބަލަން ޖެރެމީ ސެލްސް އަދި ކާކް ޗާންގް ހެދި ދިރާސާ އެވެ.
ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއު ކުރި އެ ދިރާސާއިން ދައްކާ ގޮތުގައި، ސިޔާސީން ދޮގު ހަދާ ކަމަށް ގަބޫލު ނުކުރާ ގިނަ މީހުންނަށް ވުރެ ބޮޑަށް ސިޔާސީން ދޮގު ހަދާ ކަމަށް ގަބޫލު ކުރާ އާންމު މީހާ ދޮގު ހެދުމުގެ ފުރުސަތު ބޮޑެވެ. އެހެންވަނީ، ސިޔާސީން ހަދާ ދޮގުން އާންމު މީހާ ދޮގު ހަދަން މަގުފަހި ކުރުވާތީ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
"މީހާއަށް އަސަރު ފޯރުވާ އޭނާގެ ވަށައިގެންވާ ނުފޫޒުތަކުގެ ސަބަބުން ވެސް އާންމު މީހާ ދޮގު ހަދަން މަގުފަހިވޭ. އޭގެ ތެރޭގައި ގައުމުތަކުގެ ރައީސުން އަދި ސިޔާސީން ފަދަ ބޭފުޅުންގެ ނުފޫޒު ވެސް ހިމެނޭ. ޖުމްލަކޮށް ބުނާ ނަމަ، ސިޔާސީންގެ ސަބަބުން އާންމު މީހާ ދޮގު ހަދަން މަގުފަހިވޭ،" އެ ދިރާސާގައި ހެދި އެކްސްޕެރިމެންޓަށް ހަވާލާދީ މުސައްނިފުން ބުނެފައިވެ އެވެ.
ސިޔާސީ ދޮގު ހެދުމުގެ އެންމެ ބޮޑު މައްސަލައަކީ، އެ ދޮގުގެ މައްޗަށް ސަރުކާރުން ދޭ ހިދުމަތްތަކާއި ސިޔާސަތުތައް އަދި ގައުމުގެ ކުރިމަގު ބައްޓަން ކުރުމެވެ. ސިޔާސީން ހަދާ ދޮގުތައް މީޑިއާއިން ފެތުރުމުން، އޭގެ ސަބަބުން ވެސް ގައުމަށް ކުރާ އަސަރު ބޮޑެވެ.
~~
ސިޔާސީ ދާއިރާއަކީ އަދި ސިޔާސީ މަސައްކަތަކީ ދޮގާއި މަކަރާއި ކެހިވެރިކަމުން ފުރިފައިވާ ދާއިރާއެއް އަދި މަސައްކަތެކެވެ. ސިޔާސީ ގިނަ މީހުން ވިސްނާނީ ތިބާ އަދި މުޖްތަމައުގެ ގިނަ އެހެން މީހުން ވިސްނާ ގޮތަކަށް ނޫނެވެ.
ހެވާއި ރަނގަޅު ގޮތް ހޯދައިދިނުމަށް ވުރެ ސިޔާސީ މީހާއަށް މުހިންމީ އާރާއި ބާރު ހޯދުމެވެ. ސިޔާސީންގެ ތެރެއިން ވީހާ ވެސް މަދުން ދޮގު ހަދާ މީހުންނަށް ވޯޓު ދިނުން މުހިންމީ އެހެންވެ އެވެ. މަދުން ދޮގު ހަދާ މީހާއާމެދު ހިތްހަމަނުޖެހޭ ނަމަ ދެންޖެހޭނީ ގައުމުގައި އަތްފުނާ އަޅައިގެން ތެދުވެރިއަކު ހޯދާށެވެ. އެކަމަކު އެއީ ވާނެ ކަމެއްތޯ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ