ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހަދިޔާގެ ގޮތުގައި ފާއިތުވި އަހަރުގެ ތެރޭގައި ހެޔޮއެދޭ ފަރާތްތަކުން 9.5 ލައްކަ ރުފިޔާދީފައިވާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ މެންބަރުންގެ މާލީ ބަޔާން އާންމުކޮށްފައެވެ.
އަބްދުއްރަހީމްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ހެޔޮއެދޭ މީހުންގެ ފަރާތުން ލިބިފައިވާ ފައިސާގެ އަދަދަކީ 958،982.48 ރުފިޔާއެވެ. އެއީ ދަތުރުފަތުރުކުރުމަށާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް މާލީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަބްދުއްރަހީމަށް ރައްޔިތުންގެ މަޖިލީހުން މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ 658،894.95 ރުފިޔާއެވެ. މުސާރައާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާގެ ގޮތުގައި ދިން ފައިސާގެ އިތުރުން އިތުރު އެއްވެސް ފައިސާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށް މާލީ ބަޔާނުގައިވެއެވެ.
މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އަބްދުއްރަހީމްގެ ބީއެމްއެލް ސޭވިންގްްސް އެކައުންޓުގައި މިދިޔަ ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް 101،698.21 ރުފިޔާ ހުއްޓެވެ. އަދި އެމަނިކުފާނުގެ ބީއެމްއެލްގެ ކްރެޑިޓް ކާޑުން 3،680.04 ޑޮލަރު ބޭނުންކޮށްފައިވެއެވެ.
އަބްދުއްރަހީމް 4.5 މިލިއަން ރުފިޔާއަށް 2017 ވަނަ އަހަރު ރެހެންދި އެޕާޓްމެންޓް ބައްލަވައިގެންފައިވާ ކަމަށާއި އެއީ ދިިރިއުޅުމަށް އެއްކޮށްފައިވާ ފައިސާއާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމުގެ އިތުރުން އަބުރާދައްކާ ގޮތަށް ލޯނުގެ ގޮތުގައި ހޯދާފައިވާ ފައިސާއަށްކަން މާލީ ބަޔާނުން އެނގެއެވެ. އަދި އެމަނިކުފާނުގެ ރަށް ލ. ފޮނަދޫގައި ހުރި އެމަނިކުފާނުގެ ގެކޮޅުގެ އިމާރާތަކީ ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތުން 5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ އިމާރާތެއްކަން މާލީ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އަބްދުއްރަހީމްގެ ނަންފުޅުގައި 67،000 ރުފިޔާއަށް ބައްލަވައިގަތް ސައިކަލެއް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 3.5 މިލިއަން ރުފިޔާގެ "އަރަފާ އެކްސްޕްރެސް" ކިޔާ ބޯޓެއް ވެސް އެމަނިކުފާނުގެ ނަންފުޅުގައި ރަޖިސްޓްރީކޮށްފައިވެއެވެ.
މީގެއިތުރުން އެމަނިކުފާނުގެ ނަންފުޅުގައި ލޯނެއް ނުވަތަ ދަރަންޏެއް ނެތްކަން މާލީ ބަޔާނުން އެނގެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ހަދިޔާގެ ގޮތުގައި އަހަރެއްގެ ތެރޭ 9.5 ލައްކަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ