ޓާމިނަލް ހުޅުވަން ކުރި ބައެއް ޚަރަދު ސިއްރު، ހާމަކުރި ބަޔަށް 18 މިލިއަން ރުފިޔާ

ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު އިންޓަނޭޝަނަލް ޓާމިނަލްގެ އެއްބައި ހުޅުވުމަށް ބޭއްވި, ބޮޑު ރަސްމިއްޔާތުގެ ބައެއް ޚަރަދުތައް ސިއްރުކުރަން އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ނިންމައިފިއެވެ. ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުނު, މިދިޔަ ޖުލައި 26 ވަނަ ދުވަހު އާ ޓާމިނަލްގެ ބައެއް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތު ބޭއްވީ ޑްރޯން ޝޯއަކާއި ދުނިޔޭގެ ރިކޯޑް ފޮތަށް އެރި ހަވާ ޝޯއަކާ ވެސް އެކުއެވެ. އެ ރަސްމިއްޔާތުގައި އެރުވި ޑްރޯންތަކަށް މައްސަލަ ދިމާވެ, ގެއްލުންތަކެއް ވެސްވިއެވެ. އެ މައްސަލަ އެމްއޭސީއެލްއިން ވަނީ ތަހުގީގުކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ. https://www.sun.mv/209326 ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ, ހަރަދު ކުޑަކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެތައް ލަފައެއް ވެސް ދީފައިވަނިކޮށް, ކުރި މި ޚަރަދުތަކުގެ ތަފުސީލު ހޯދުމަށް "ސަން"އިން އާރްޓީއައިއެއް ހުށަހެޅުމުން އެމްއޭސީއެލްއިން ޖަވާބުދީފައިވަނީ މައުލޫމާތު ހާމަކުރުމަށް ގާނޫނުގައި ފުރަތަމަ ބުނާ 21 ދުވަސް ހަމަވި ފަހުން އިތުރުން 14 ދުވަސް އިތުރު ކުރުމަށް ފަހުގައެވެ. "ސަން" އިން އެދުނީ, އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ޖުމުލަ ކިހާ ވަރެއް ޚަރަދުވިތޯއާއި ވަކިވަކި ކަންކަމަށް ޚަރަދުވި ވަރުގެ ތަފުސީލު ދިނުމަށެވެ. އަދި، މި ޚަރަދު ކުރީ ސަރުކާރުގެ ބަޖެޓުންތޯ ނޫނީ ކުންފުނީގެ ފައިސާއިންތޯއާއި މި ހަފުލާގައި މަސައްކަތް ކުރި ކުންފުނިތަކަށް ފައިސާ ދޭގޮތުގެ ތަފުސީލަށް ވެސް އެދުނީމެވެ. އަދި، ވަކިވަކި މަސައްކަތްތަކަށް ޚަރަދު ކުރި ގޮތުގެ ތަފުސީލަށް ވެސް އެދުނީމެވެ. ނަމަވެސް، އެމްއޭސީއެލްއިން މިއަދު ދިން ޖަވާބުގައި ބުނެފައިވަނީ "ސަން"އިން ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި ތިންވަނަ ފަރާތަކާއެކު ސިއްރު ހިފަހައްޓަން ޖެހޭ ގޮތަށް ކޮށްފައިވާ މުއާމަލާތްތަކެއް ހިމެނޭ ކަމަށެވެ. އެހެންކަމަށް ބުނެ އެ މުއާމަލާތްތަކަށް ކުރި ހޭދައެއް ހާމައެއް ނުކުރިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް އޭގެ ބަދަލުގައި އެމްއޭސީއެލްއިން ބުނީ، އެކަންކަން ފިޔަވައި ދެން ކުރި ޚަރަދުތަކަށް 18.9 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށެވެ. އެދުނު ނަމަވެސް އެއީ ކޮން ކަމަކަށް ކިހިނެއް ކުރި ޚަރަދުތަކެއް ކަމެއް އެ ކުންފުނިން ނުބުންޏެވެ. އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި 19 ސަރަހައްދަކުން ހަވާ އަރުވާފައިވެއެވެ. އެއީ، މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައެވެ. އާ ޓާމިނަލްއަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެއްޓެވި މުހިންމު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ކޮށްފައިވެއެވެ. އަދި އެ ޓާމިނަލްގެ އެއް ބައި ބޭނުން ކުރެވޭ ވަރަށް ނިންމައި ހުޅުވާފައި މި ވަނީ މިހާރުގެ ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހުގައެވެ. ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ