ޗެޓްޖީޕީޓީގެ ޚިދުމަތް ގިނަބަޔަކަށް މެދުކެނޑިއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެޓްޖީޕީޓީ ބޭނުންކުރާ ގިނަ ބަޔަކަށް މިއަދު އެ ޚިދުމަތްތައް މެދުކެނޑި، ބޮޑެތި ދަތިތަކަކާ ކުރިމަތިވެއްޖެއެވެ. އޮންލައިން ޚިދުމަތްތަކުގެ ހާލަތު ދައްކުވައިދޭ ‏ޑައުންޑިޓެކްޓާ ‏‎‏ފަދަ ‏ވެބްސައިޓްތަކަށް އެތައް ސަތޭކަ ރިޕޯޓްތަކެއް ލިބިފައިވާއިރު، ސޯޝަލް މީޑިއާ، ޚާއްސަކޮށް "އެކްސް" ގައި ގިނަ ބަޔަކު ވަނީ އެމީހުންނަށް ދިމާވި ދަތިތައް ހިއްސާކޮށްފައެވެ. މައިގަނޑު މައްސަލައަކީ ޗެޓްބޮޓާ ސުވާލު ކުރުމުން ޖަވާބު ނުލިބުމެވެ. މީގެ އިތުރުން، ބައެއް ޔޫޒަރުންގެ ފަރާތުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހުންގެ ކުރީގެ ޗެޓްތައް ވެސް ގެއްލިފައިވެއެވެ. މި މައްސަލަ ވެބް ބްރައުޒާ މެދުވެރިކޮށާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ‏ޗެޓްޖީޕީޓީ‏‎ ބޭނުންކުރާ ފަރާތްތަކަށް ވެސް ދިމާވެފައިވެއެވެ. ޗެޓްޖީޕީއަކީ އެންމެ ގިނަބަޔަކު ބޭނުންކުރާ އޭއައި ޗެޓްބޮޓް --- ‏ޗެޓްޖީޕީޓީ‏‎ ‎އުފެއްދި އޯޕަންއޭއައިއިން ވަނީ މި މައްސަލަ ދިމާވިކަން އެ ކުންފުނީގެ ރަސްމީ "ސްޓޭޓަސް ޕޭޖް"ގައި ކަށަވަރުކޮށްދީފައެވެ. އެފަރާތުން ބުނެފައިވަނީ ޗެޓްޖީޕީން ޖަވާބު ނުދިނުމުގެ މައްސަލަ ދިމާވެގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ވީ އެންމެ އަވަހަށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބައެއް މީހުން ދިމާވި އެ މައްސަލަ، ކުޑައިރުކޮޅެއް ފަހުން ހައްލުވެފައިވާ ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ. މިފަދަ ޚިދުމަތްތައް މެދުކެނޑުމަށް މެދުވެރިވެދާނެ އާންމު ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ގިނަ ބަޔަކު ޚިދުމަތް ބޭނުންކުރަން ފެށުމުން ސާވާތަކަށް ބާރުބޮޑުވުމާއި، ސާވާތަކުގެ ސޮފްޓްވެއާ އަޕްޑޭޓް ކުރުން ނުވަތަ އެހެން ޓެކްނިކަލް މައްސަލައެއް ދިމާވުމާއި، ސިސްޓަމްގައި ހުންނަ ބަގްތައް ހިމެނެއެވެ. މިސާލަކަށް، 2023 ވަނަ އަހަރުގެ މާރިޗު މަހު ދިމާވި ބަގެއްގެ ސަބަބުން ބައެއް މީހުންގެ ޗެޓް ހިސްޓްރީ އާއި ފައިސާ ދެއްކި މައުލޫމާތުތަކެއް އެހެން މީހުންނަށް ފެނިގެން ‏ޗެޓްޖީޕީޓީ‏‎ން ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލިއެވެ. މީގެ އިތުރުން، އިންޓަނެޓް ކަނެކްޝަންގެ މައްސަލަތަކުގެ ސަބަބުންނާއި ބްރައުޒާގައި ހުންނަ ބައެއް ބޭކާރު ޑޭޓާގެ ސަބަބުން ވެސް ޚިދުމަތް ލިބުމުގައި ދަތިތައް ކުރިމަތިވެދާނެއެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި މިފަދަ މެދުކެނޑުންތަކަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް، މިފަދަ ދަތިތައް ކުރިމަތިވާއިރު، ބޭނުންކުރާ ފަރާތްތަކަށް އެކަމުން އަރައިގަތުމަށް ބޭނުންވާ މަޢުލޫމާތު ލިބިފައިވުމަކީ މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ