ކުރުސީއަކީ ނަޝީދު ކަމަށް ލަންކާގެ ނޫހަކުން ބުނުމުން އަނެއްކާ ވެސް އެކަން ދޮގުކުރައްވައިފި
އެކްސްގައި ތަފާތު ސިޔާސީ ބޭފުޅުންނާއި ސަރުކާރާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ހިއްސާކުރަމުން އަންނަ ކާކުކަން ނޭނގޭ އެކައުންޓަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ލަންކާގެ ނޫހަކުން ތުހުމަތު ކުރުމުން، އެއީ އެ މަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ނަޝީދު އަނެއްކާވެސް މިއަދު ވިދާޅުވެއްޖެއެވެ. 'ލަންކާ އީ ނިއުސް'ގައި ވަނީ ކުރީގެ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، މިދިޔަ މަހުގެ 22ގައި ހައްޔަރުކުރުމާ ގުޅިގެން ކުރުސީ އެކައުންޓުން ކުރި ޕޯސްޓެއްގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ. ކުރުސީގެ ޕޯސްޓުގައި ވަނީ، ވިކްރަމަސިންހަ ހައްޔަރުކޮށްފައިވަނީ ރައީސް އަނޫރާ ކުމާރު ޑިސަނަޔަކަ އެ މައްސަލައިގެ ފަހަތުގައި ހުންނަވައިގެން ކަމަށެވެ. އަދި ޑިސަނަޔަކައަކީ ކޮރަޕްޓް ބޭފުޅެއް ކަމުގެ ތުހުމަތުކޮށްފައިވެއެވެ. ލަންކާގެ ނޫހުގައިވަނީ އެ ޕޯސްޓާ ގުޅިގެން ކުރާ ތަހުގީގުގައި ކުރުސީ އެކައުންޓާ ގުޅުންހުރި އައިޕީ އެޑްރެހާއި ވައިފައި ނެޓްވޯކްތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެ ނޫހުގައިވަނީ، ކުރުސީ އެކައުންޓު ހިންގަނީ ރާއްޖޭގައި މީގެ ކުރިން ރައީސް ކަމާއި މަޖިލީހުގެ ރައީސް ކަމާއި އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި، ބޮމުގެ ހަމަލާއަކުން ސަލާމަތްވި ބޭފުޅެއް ކަމަށް، ސޯޝަލް މީޑިއާގައި މީހުން ތުހުމަތު ކުރާ ކަމަށް ބުނެފައެވެ. https://x.com/MohamedNasheed/status/1965378356624363710 ނަޝީދަށް އިޝާރާތްކޮށް ލިޔެފައިވާ އެ ވާހަކަތަކާ ގުޅިގެން އެ މަނިކުފާނުގެ ރަސްމީ އެކައުންޓުގައި ވަނީ، ކުރުސީ ހިންގަނީ އެ މަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑިސަނަޔަކައާ ގުޅޭ ގޮތުން ކޮށްފައިވާ ޓުވީޓުތަކާ އެ މަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މަނިކުފާނަކީ އަބަދުވެސް ލަންކާއާ ގާތް ބޭފުޅެއް ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ނަޝީދު ވަނީ، އެ މަނިކުފާނާއި ލަންކާއާ ދެމެދު ދެކޮޅުވެރިކަމެއް އޮތްކަން ދައްކަން މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. ބައެއް މީހުންގެ ޒާތީ މައުލޫމާތާއި ސިއްރު ލިޔެކިޔުންތައް ކަމަށް ބުނާ ލިޔުންތައް އާންމުކޮށްފައިވާ ކުރުސީ އެކައުންޓުގެ ހަގީގަތް ހޯދުމަށް މީގެ ކުރިން ނަޝީދު، ފުލުހަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފައިވެއެވެ. https://www.sun.mv/170328 މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ އެކައުންޓު މަޝްހޫރުވާން ފެށިއިރު އެންމެ ގިނަ ބަޔަކު ތުހުމަތުކުރީ އެއީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ އެކައުންޓެއް ކަމަށެވެ. އެ މައްސަލައިގައި މީގެ ކުރިން އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ ކުރުސީއަކީ ޖިސްމާނީ ގޮތުން އެ މަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ. ފަހުން ވެސް އެ ތުހުމަތުތައް ކުރުމުން ޖަނަވަރީ 10، 2024 ގައި ނަޝީދު ވަނީ ކުރުސީ އެކައުންޓާއި އެ މަނިކުފާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރުސީއަކީ ކާކުކަން ހޯދަން ފުލުހުން ކްރިމިނަލް ކޯޓު މެދުވެރިކޮށް އޮގަސްޓް 2023 ގައި އަމުރެއް ވެސް ނެރުނެވެ. ނަޝީދު ނޫން ވެސް އެކިއެކި ސިޔާސީ ބޭފުޅުންނާއި މީހުންނަށް ކުރުސީ އެކައުންޓު ހިންގާކަމަށް ތަފާތު މީސްމީހުން ތުހުމަތުކުރެއެވެ. އެކަމަކު، އެ އެކައުންޓު ހިންގަނީ ކާކުކަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. https://sun.mv/204849 ރަޝިއާއަށް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް މި އަހަރުގެ އޭޕްރިލް މަހު ކުރުސީ އެކައުންޓުން ކުރި ޕޯސްޓަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައި، ރަޝިއާއިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވަނީ، ކުރުސީ މަސައްކަތްކުރަނީ އެމެރިކާއާ އެކު އެ ގައުމުން ބާއްވާ މަޝްވަރާތަކާއި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުން ހީނަރުކުރަން ކަމަށް ވިދާޅުވެފައެވެ. އޭޕްރިލް 16ގައި ސަފީރު ކުރެއްވި ޕޯސްޓުގައިވަނީ ކުރުސީ އެކައުންޓު ހިންގަނީ ޔޫރަޕްގެ ގައުމެއްގައި 'ފިލައިގެން' ހުރި ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށެވެ. އެ އެކައުންޓުން ދައްކާ ވާހަކަތަކާ ގުޅިގެން ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ގުޅުންތަކަށް އަސަރުކުރިއަނުދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ