ހާލަތު ރަނގަޅު ވަންދެން ނޭޕާލަށް ދަތުރުނުކުރުމަށް އެދެން: ފޮރިން މިނިސްޓްރީ

ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ފޮރިން މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.ނޭޕާލުގައި ސޯޝަލް މީޑިއާގެ ގިނަ އެޕްލިކޭޝަންތަކެއް މަނާ ކުރުމާއި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އަދި އެ މުޒާހަރާތައް ހޫނުވެ، މިއަދު ގާނޫނު ހަދާ މަޖިލީހާއި ބައެއް ތަންތަނުގައި ރޯކޮށް، ސަރުކާރުގެ އިސް ބޭފުޅުންނަށް ހަމާލާދީފައިވެ އެވެ.އެކަމާ ގުޅިގެން މިއަދު ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެ، ދިވެހިން ސަމާލުވުމަށް ވަނީ އެދިފަ އެވެ.އެ ބަޔާނުގައި ބުނީ ނޭޕާލުގައި ކިޔަވަމުން އަންނަ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، އެ ހާއްސަ ހާލަތުގައި ބޭނުންވާ ލުއި ފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި އެ މިނިސްޓްރީން މަސައްކަތްކުރާ ކަމަށެވެ.އޭގެ އިތުރުން އެ ގައުމުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓްރިން ވަނީ އަރުވައިފަ އެވެ.ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ނަމްބަރު، 919910040786‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬+ ނުވަތަ މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމާއެކު، ނޭޕާލުގައި އިއްޔެ ފެށުނު ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާގެ އަމާޒު ބަދަލުކޮށް މިއަދު އިތުރަށް ފުޅާކޮށްފައި ވާއިރު ތަންތަނުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ. ހާލަތު ގޯސްވެ އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ މިއަދު އިސްތިއުފާ ވެސް ދެއްވައިފަ އެވެ.ނޭޕާލުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް އަންނަނީ ކިޔަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ