ބޭރުގެ ގައުމުތަކުން ޑޮކްޓަރުކަން ކިޔެވުމަށް ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އޮޅުވާލަމުންދާ އެޖެންސީއެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ލޯ ފާމަކުން ބުނެފި އެވެ.
އެޗް އެންޑް އެސޯސިއޭޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒީޑް އިންޓަރނޭޝަނަލް، ޒީޑް ކޮންސަލްޓަންސީ، އަދި ޒީޑްލް.ކޯ މި ނަންނަމުގައި މަސައްކަތްކުރާ މި އެޖެންސީ ފައިސާ ނެގުމަށްފަހު ލަނޑު ދީފައިވާ ދަރިވަރުންތަކަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެ ދަރިވަރުންގެ އަތުން މެޑިސިން ދާއިރާއިން ކިޔެވުމަށް މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި ކިޔަވައިދޭ މަރުކަޒުތަކުން ނަގާ ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނައަށްވާ ފައިސާ ޒީޑުން ނަގާފައިވާ ކަމަށް ލޯ ފާމުން ބުނެ އެވެ.
"އެ އޭޖެންސީން ދަރިވަރުންނަށް ދީފައިވާ ގޯސް މައުލޫމާތުގެ ސަބަބުން، ދަރިވަރުންނަށް ވިސާގެ މައްސަލަތައް، ބައެއް ދަރިވަރުން ޤައުމުތަކުން ޑީޕޯޓުކުރުމާއި، އަދި ބައެއް ދަރިވަރުންގެ އަތުން ފީ ނަގައި ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކަށް ފައިސާ ނުދެއްކުން ފަދަ ސީރިއަސް މައްސަލަތައް ވަނީ ދިމާވެފަ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
މިހާރު ވެސް ޒީޑުން ސްކޭމް ހިންގަމުންދާ ކަމަށާއި މާލޭގެ މަގުތަކުގައި އިސްތިހާރު ޖަހާފައިވާކަން އެ ފާމުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ޒީޑުން ރާއްޖޭގެ ކްރިކެޓް ބޯޑުގެ އޮފީސް ބޭނުންކޮށްގެން ދަރިވަރުންނާއި ބައްދަލުކޮށްފައިވާ ކަމަށް ބުނެ، ދަރިވަރުންގެ ލޯ ފާމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި މަތީ ތައުލީމާއި ގުޅޭ ވުޒާރާގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ބަޔާން ނިންމާލަމުން އެޗް އެންޑް އެސޯސިއޭޓްސް އިން ވަނީ މި މައްސަލަ ސީރިއަސް ގޮތެއްގައި ބެލުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލާފަ އެވެ.
އަދި، މިފަދަ ކަަންކަމުގައި ދަރިވަރުންނާއި ބެލެނިވެރިން ސަމާލުވެ ޓިއުޝަން ފީ ދެއްކުމުގެ އިންތިޒާމުތައް ސީދާ ކަމާބެހޭ ޔުނިވަރސިޓީތަކުން ޔަގީންކޮށްގެން ނޫން ގޮތަކަށް ކުރިއަށް ނުގެންދިޔުމަށް އެ ފާމުން އިލްތިމާސްކޮށްފައިވެ އެވެ.
މި ނޫހުން ބެލި ބެލުމުން ޒީޑުގެ އިސްތިހާރުތަކެއް މާލޭގެ މަގުމަތިން ފެނިފައިވާއިރު، ސޯޝަލް މީޑިއާ އާއި އަމިއްލަ ވެބްސައިޓުގައި ވެސް އެ އެޖެންސީން ދަނީ ބޭރުގެ ކޯސްތައް އިސްތިހާރު ކުރަމުންނެވެ.
ޑޮކްޓަރުކަން ކިޔަވަން އެހީތެރިވާނެ ކަމަށް ބުނެ ސްކޭމެއް ހިންގަނީ ޑޮކްޓަރުކަން ކިޔަވަން އެހީތެރިވާނެ ކަމަށް ބުނެ ސްކޭމެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ