ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް ކުޑަކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އިއްޔެ ރައީސް ފޮނުއްވާފައިވާ މެސެޖުގައި ވަނީ ކުރީގެ ރައީސުންނާ ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި އަދި ރައްޔިތުން އެދެނީ ވެސް އެ ގޮތަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ މެމްބަރުން ވަނީ ރައީސްގެ މި ވާހަކަފުޅަށް ތާއީދު ކުރައްވާފައެވެ. ފާހަގަކުރެވޭ ގޮތުގައި މި ދަނޑިވަޅަކީ ކުރީގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތަކާ ގުޅިގެން ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްވެސް މެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހު ސޯޝަލް މީޑިއާގައި މީހަކު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި މަހަކު 24،000 ރުފިޔާ ދެއެވެ. އަހަރަކަށްފަހު އަހަރެއް މެމްބަރުން އިތުރުވަމުންދާތީ ކުރާ ހަރަދުވެސް ދަނީ ބޮޑުތަނުން އިތުރު ވަމުންނެވެ.
ސިއްހީ އިންޝުއަރެންސްގެ އިތުރުން އެއް ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންގެ އިނާޔަތަށް 2014 އިން ފެށިގެން 2024 ގެ ނިޔަލަށް ޖުމްލަ 17،590،600 މިލިއަން ރުފިޔާ އަދި ދެ ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންނަށް މި މުއްދަތުގައި ޖުމްލަ 17،525،996 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަންވެސް އެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
ކުރީގެ މެންބަރުންނަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރު ފުރުމުންނެވެ. އެ ގޮތުން 1 ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ ލިބެއެވެ. އަދި 2 ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ.
2009 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފަށާފައިވާއިރު، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާ ދެއެވެ. މީގެއިތުރުންވެސް ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއާއި، އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ވެސް އަންނަނީ ދެމުންނެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން އަންނަނީ މި އިނާޔަތްތައް ކުޑަކުރުމަށް ގޮވާލަމުންނެވެ.
ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް ކުޑަކުރަން ޖެހޭކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ