ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އިންސްޓަގްރާމަށް ވަނުމަށް ދަތިތަކެއް!

ދުނިޔޭގެ އެތައް މިިލިއަން ބަޔަކު ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގެ ޚިދުމަތްތަކަށް ކުރިމަތިވި ބޮޑު ހުއްޓުމަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔޫޒަރުންނަށް އެޕްލިކޭޝަނަށް ވަނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މައްސަލަތައް ފެށިފައިވަނީ އިރުމަތީ ގަޑިން ގާތްގަނޑަކަށް 1:27 ހާއިރުއެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 5:27 ކަމަށް ވެއެވެ. މި ހުއްޓުމާ ގުޅިގެން ޑައުންޑިޓެކްޓާފަދަ އައުޓޭޖް ޓްރެކިން ޕްލެޓްފޯމްތަކަށް ޔޫޒަރުންގެ ރިޕޯޓުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އިންސްޓަގްރާމް ބޭނުންކުރާ ގިނަ ފަރާތްތަކުން ވަނީ އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ 'އެކްސް'ގައި ވެސް ކަނެކްޓިވިޓީގެ މައްސަލަތައް ރިޕޯޓުކޮށް، މި އައުޓޭޖާ ގުޅޭގޮތުން އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ. ގިނަ ބަޔަކު ވަނީ ފީޑް ރިފްރެޝް ނުވުމާއި، ޕޯސްޓްތައް އަޕްލޯޑް ނުވުން އަދި އެޕްލިކޭޝަނަށް ވަނުމުގައި ދިމާވި ދަތިތަކުގެ ވާހަކަތައް ދައްކާފައެވެ. އިންސްޓަގްރާމްއަކީ މެޓާ ކުންފުނީގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އެ އެޕް 2010 ވަނަ އަހަރު ތައާރަފުކުރި ފަހުން، މިއަދު މި ވަނީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް އެޕްލިކޭޝަންގެ ގޮތުގައި ބަދަލުވެފައެވެ. ދެ ބިލިއަނަށްވުރެ ގިނަ މީހުން މި ޕްލެޓްފޯމްގައި އެކްޓިވްކޮށް ހަރަކާތްތެރިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަމިއްލަ ފަރުދުންގެ އިތުރުން ވިޔަފާރިތަކާއި، ބްރޭންޑްތައް އަދި ސެލެބްރިޓީން ވެސް އިންސްޓަގްރާމް ބޭނުންކުރެއެވެ. ވީޑިއޯ އަދި ފޮޓޯ ހިއްސާކުރުމާއި، ލައިވް ސްޓްރީމް ކުރުމާއި، ވިޔަފާރިކުރުމާއި، މެސެޖުކުރުން ފަދަ އެތައް ޚިދުމަތްތަކެއް މި ޕްލެޓްފޯމުން ލިބެން ހުރެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުރިމަތިވާ މިފަދަ ހުއްޓުންތަކުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ވިޔަފާރިތަކަށް އިންސްޓަގްރާމް މެދުވެރިކޮށް ޕްރޮމޯޝަންތައް ހަދާ އަދި ވިޔަފާރި ކުރާ ފަރާތްތަކަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބި، ކަސްޓަމަރުންނާ ދެމެދު މުއާމަލާތް ކުރުމަށް ހުރަސް އެޅެއެވެ. ސެލެބްރިޓީން އަދި އިންފްލުއެންސަރުންނަށް އަމިއްލަ ބްރޭންޑް އިޝްތިހާރު ކުރުމާއި، ފޯލޯވަރުންނާ ގުޅުން ބަދަހި ކުރުމަށް ހުރަސް އެޅެއެވެ. މި އައުޓޭޖް ކުރިމަތިވި ސަބަބު އަދި ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން އިންސްޓަގްރާމްގެ ފަރާތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އިންސްޓަގްރާމްގެ ޚިދުމަތްތައް އަލުން ކުރިއެކޭ އެއްގޮތަށް ރަނގަޅުކުރެވޭނެ ވަގުތެއް އަދި ސާފެއް ނުވެއެވެ. ޔޫޒަރުން އުއްމީދު ކުރަމުން ދަނީ ކުންފުނިން އަވަހަށް މައްސަލަ ހައްލުކޮށް، ޚިދުމަތްތައް އާންމު ހާލަތަކަށް ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ