ހުކުމް އައިގޮތުން މީދޫ ރައީސްގެ ގޮނޑީގެ ނަތީޖާ އެއްވަރުވެއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް އިންތިހާބު އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށް، އަދި އެ ދާއިރާގެ ނަތީޖާ އަލުން އިއުލާންކުރަން ހައި ކޯޓުން ހުކުމްކޮށްފި އެވެ. 
މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީންނާއި އެމްޑީއޭއިން ވާދަ ކުރިއިރު މިހާރުގެ ނަތީޖާ ދައްކާ ގޮތުން އެންމެ ވޯޓެއްގެ ތަފާތުން އެ މަގާމަށް އިންތިހާބުވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. 
ނަމަވެސް، އެ ނަތީޖާ އިއުލާންކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލް ކުރުމަށްފަހު ބުނެ، އެ ނިންމުން ބަދަލު ކުރަން ސުހާގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. 
އޭގެ ތެރެއިން އެއް ވޯޓު ކަރުދާސް ބާތިލް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ ހެޔޮ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވާތީ އެވެ. އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް އެ ފާހަގައިގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ކުރެހުމެއް ވޯޓު ކަރުދާހުގައި ނެތް ކަމަށެވެ.
އެހެންވެ، އެ ވޯޓުލި މީހާ ހިޔާރުކޮށްފައިވާ ކެންޑިޑޭޓަކީ ކޮބައިކަން ސާފުކޮށް އެނގޭ ކަމަށާއި އެހެންކަމުން އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމްގައިވެ އެވެ. 
The most trusted news source in the Maldives
އެހެން ނަމަވެސް ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތެވެ. އެހެންވެ އެއީ ބާތިލް ވޯޓެއް ކަމަށް ނިންމުން ނިންމުން ރަނގަޅު ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ހައި ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުން ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގެން ނަތީޖާ އަލުން އިއުލާން ކުރަން އަންގައިފަ އެވެ. އެހެންކަމުން އެ ހުކުމާ އެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވާނެ އެވެ. އެއީ 392 ވޯޓެވެ. 
އެއީ މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބާ ގުޅިގެން ހައި ކޯޓުން ކުރި ދެވަނަ ހުކުމެވެ.
އެގޮތުން މ. ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އިއްޔެ ކުރި ހުކުމާއެކު ވެސް އެ ދާއިރާގެ ނަތީޖާއަށް ވަނީ ބަދަލު އައިސްފަ އެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ ބާތިލް ކަމަށް ބެލެވޭ ތިން ވޯޓު ކަރުދާހެއް ސައްހަ ކަމަށް ކޮމިޝަނުން ކަނޑައެޅުމުންނެވެ. ނަމަވެސް ހައި ކޯޓުން އިއްޔެ ކަނޑައަޅާފައިވަނީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. 
އެގޮތަށް އަމަލު ކުރުމުން އިންތިހާބުގައި ކުރި ލިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ