ކަރްނާޓަކާގައި ސްކޫލްތަކުގައި ބުރުގާ އެޅުން ހުއްދަކޮށްފި
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސްކޫލްތަކުގައި އަންހެން ދަރިވަރުން ބުރުގާ އެޅުން މަނާކޮށް 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރު ބާތިލުކުރުމަށްފަހު, ސަރުކާރާއި އަމިއްލަ ސްކޫލްތައް އަދި ޔުނިވާސިޓީ, ކޮލްޖްތަކުގައިވެސް ޔުނީފޯމާއެކު ސަގާފީ އަދި ދީނާ ގުޅޭ ހެދުން އެޅުން ހުއްދަކޮށްފިއެވެ. އާ ގަވާއިދުގެ ދަށުން މުއައްސަސާތަކުން އެ މުއައްސަސާތަކުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ޔުނީފޯމް ތަންފީޒު ކުރަމުން ގެންދަން ޖެހެއެވެ. މިހާރު ދަރިވަރުންނަށް ބުރުގާ އަޅައިގެން އުޅުމުގެ ހުއްދަ ދީފައިވަނީ ޔުނީފޯމް ޕޮލިސީގެ ޖުމްލަ މަގްސަދު ނުގެއްލޭ ގޮތަށެވެ. "ސަގާފީ އަދި އީމާންތެރިކަމުގެ ނިޝާންތަކުގެ ތެރޭގައި އާންމުކޮށް ދަރިވަރުން ލައިގެން އުޅޭ ބުރުގާ، ޖަނޭއު، ޝިވާދަރާ، ރުދްރަކްޝާ، ހިޖާބު ނުވަތަ އެފަދަ ތަކެތި ހިމެނިދާނެ." އެ އަމުރުގައިވެއެވެ. ޔުނީފޯމާއެކު ހުއްދަ ލިބިފައިވާ ތަކެތި ލައިގެން އެއްވެސް ދަރިވަރަކަށް ކްލާސްރޫމްތަކާއި އިމްތިހާނުތަކާއި އެއްވެސް ތައުލީމީ ހަރަކާތަކަށް ވަނުން މަނާކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ދަރިވަރަކަށް އެފަދަ އެއްޗެއް ލައިގެން ހުއްޓާ އެ ނެގުމަށް މަޖުބޫރު ނުކުރޭވޭނެ ކަމަށްވެސް އަމުރުގައިވެއެވެ. މި ސަބަބުތަކާހުރެ ދަރިވަރުންނަށް އުނދަގޫ ނުކުރުމާއި ތަފާތު ނުކުރުމަށާއި މުއައްސަސާތަކުގެ ޑިސިޕްލިން ދަމަހައްޓައިގެން އެއްވެސް ކުއްޖަކު ތައުލީމުން މަހުރޫމު ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. އާ އަމުރު ތަންފީޒު ކުރުމަށް މިހާރު ހުރި ފުށުއަރާ ހުރިހާ ސާކިއުލާ، ގަރާރު އަދި ގަވާއިދުތައްވެސް ބާތިލު ކުރަންޖެހެއެވެ. އެ އަމުރާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ބީޖޭޕީގެ މެމްބަރު ބާރަތު ޝެޓީ ވިދާޅުވީ އެއީ އެމީހުންގެ ނާކާމިޔާބީތަކުން އެއްކިބާވުމަށް ކުރާ މަސައްކަތެއް ކަމަށާއި ހިންދޫ ދަރިވަރުންނަށް ވެސް ސެފްރަން ޝޯލް އަޅައިގެން އުޅުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ. "ކަރްނާޓަކާ ސްޓޭޓް ސަރުކާރުން ތައުލީމީ މުއައްސަސާތަކުގައި ބުރުގާ އެޅުމުގެ ހުއްދަ ދީފި ނަމަ، ހިންދޫ ދަރިވަރުންނަށް ވެސް ސެފްރަމް ޝޯލް އަޅައިގެން އުޅުމުގެ ހުއްދަ ދޭން ޖެހޭ. މިއީ ބުރުގާގެ މައްސަލަ ފުރަތަމަ ފެށުނުއިރު ކަރްނާޓަކާގެ ދަރިވަރުން ކުރި ޑިމާންޑެއް. ހައިކޯޓުން ތައުލީމީ މުއައްސަސާތަކުގައި ބުރުގާ މަނާކޮށް، އެއީ އިސްލާމްދީނުގައި މުހިންމު ދީނީ ކަމެއް ނޫން ކަމަށް ނިންމައި، މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރުވެސް، ސިއްދާރަމަޔާ ސަރުކާރުން ވަނީ އެކަން ހުއްދަ ކޮށްފައި، އެހެންވީމާ ގާނޫނީ މައްސަލަތައް ކުރިމަތިވާނެ." ޝެޓީ ވިދާޅުވިއެވެ. ދެހާސް ބާވީސް ވަނަ އަހަރު ނެރުނު އަމުރުގައި ސަރުކާރާއި އަމިއްލަ ސްކޫލްތަކާއި ޕްރީ ޔުނިވާސިޓީ ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުން އެކި އިދާރާތަކުން ކަނޑައަޅާފައިވާ ޔުނީފޯމް ލައިގެން ތިބުމަށް ވަނީ ލާޒިމްކޮށްފައެވެ. ޔުނީފޯމެއް ކަނޑައެޅިފައި ނުވާ ތަންތަނުގައި ދަރިވަރުން ލައިގެން އުޅެން ޖެހުނީ ހަމަހަމަކަމާއި އެއްބައިވަންތަކަމާއި އާންމު ތަރުތީބާ އެއްގޮތްވާ ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ