ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރު ފަށާ ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވަނީ ތައްޔާރުވެފައެވެ. މިއަހަރު ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18،17،15 އަދި 19ވަނަ ދުވަހުއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ގިނަ އަދަދެއްގެ ހައްޖާޖީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވާއިރު، ހައްޖާޖީންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކައި އެމްއޭސީއެލްއިން ވަނީ ތައްޔާރުވެފައެވެ.
އެގޮތުން، ހައްޖާޖީން ވީއައިއޭގައި ހޭދަކުރާނެ ވަގުތުތަކުގައި، ނަމާދުކުރުމާއި، ފާޚާނާ ބޭނުންކުރުމާއި، ފެނާއި ކާބޯތަކެތި ލިބޭނެ އިންތިޒާމު، ހައްޖުވެރިންނަށް ޚާއްސަކޮށްގެން ވަރަށް ފުރިހަމަށް އިންތިޒާމްކޮށްފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ، މާދަމާއެވެ. މާދަމާއަކީ، ރަސްމީ ބަންދު ދުވަހަކަށްވީނަމަވެސް، އެއާޕޯޓުން ހައްޖާޖީންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެގޮތުން އެއާޕޯޓަށް ދިއުމަށްޓަކައި ބަހުގެ ދަތުރުތަކާއި، ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމްއާއި، ބޯފެން ލިބޭނެ އިންތިޒާމްތައް އެއާޕޯޓުގައި ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ޙަރަކާތްތެރިވަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރަކީ މިއީ ވީއައިއޭގެ އައު ޓާމިނަލް ހުޅުވިފަހުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ފުރަތަމަ އަހަރުކަން ފާހަގަކުރައްވާ އެ ކުންފުނިން ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
" ބޯޑިން ގޭޓު ސަރަހައްދުގައި ތިބޭއިރު ފާހާނާގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ. ރިފްރެޝްމެންޓް އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ. އެބޭފުޅުން ބޯޑު ކުރެވިގެން ދާނީ އެއިރޯ ބްރިޖުން. އެހެންވީމަ އާންމުގޮތެއްގައި ދިމާވާ ސިޑިން އަރައި ފޭބުމާއި، މިކަހަލަ ކަންތައްތަކަށް ވަރަށް ބޮޑަށް ލުއިތަކެއް ލިބިގެންދާނެ." އެމްއޭސީއެލްއިން ވިދާޅުވިއެވެ.
މީގެއިތުރުން އެކުންފުނިން ވިދާޅުވީ، މާދަމާ ފުރާ ހައްޖާޖީންނާއެކު އެއާޕޯޓަށް ވަޑައިގަންނަވާ އާއިލާގެ މެމްބަރުންނަށްވެސް އިށީންދެވޭނެ ގޮތަށް އެއާޕޯޓުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި އައުމާއި ދިޔުމަށް އާއިލާގެ މެމްބަރުންނަށް ބަހުގެ ޚިދުމަތް ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.
" އެންމެ ފުރަތަމަ ހައްޖާޖީން ވަޑައިގަންނަވާނީ އެމްޓީސީސީ ބަހުގައި. ބަސް އަޅުގަނޑުމެން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިހާރު ޓެކްސީ ޕާކްކުރާ ޕާކިން ޒޯނުގައި. ހައްޖާޖީން ފުރުމަށް ޑިޕާޗާ ހޯލަށް ވަނީމަ، މާލެ ވަޑައިގަންނަވާ ބޭފުޅުން އެނބުރި ބަހަށް ވަޑައިގަތީމަ ޓްރާންސްޕޯޓުގެ ކަންކަން ހަމަޖެހިގެންދާނެ." އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ޙައްޖުވެރިން ފުރާ ދުވަސްތަކުގެ ތެރެއިން 15 އަދި 19ވަނަ ދުވަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ، އެއާޕޯޓުގެ އެންމެ ޕީކް ގަޑިތަކުގައި ކަމުން މި ވަގުތުތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ބޭފުޅުން މިކަމަށް ސަމާލުވެލެއްވުމަށް އެމްއޭސީއެލްއިން އިލްތިމާސް ކުރެއެވެ.
ޙައްޖުވެރިންނަށް އެއާޕޯޓުގައި ޚާއްޞަ އިންތިޒާމްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ