ބީއެމްއެލްގެ ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމަށް ބާއްވާ "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް މިއަހަރުގެ ޖަނަވަރީމަހު އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި އެ ބޭންކުގެ 30 މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުތެރޭ މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެކަމަށްވެސް ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފަންނީ ތަރައްޤީއަށް ކުރެވޭ މަސައްކަތަކީ އެ މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ލިބިގެންދާނެ މުހިންމު ބާރެއްކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ އަޅުގަނޑުމެންގެ މުވައްޒަފުން. މެދުނުކެނޑި ފަންނީ ތަރައްޤީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ލިބިގެންދާނެ މުހިންމު ބާރެއްކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް." ޝަރީފް ވިދާޅުވިއެވެ.
ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ.
މިއީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ