މަސްޖިދުއްނަބަވީގެ އިމާމުގެ ދަތުރުފުޅު: ފުރަތަމަ ދުވަހު ގިނަ ކަންތައްތަކެއް ކުރައްވައިފި
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގިނަ ކަންތައްތަކެއް ކުރައްވައިފިއެވެ. ފަސް ދުވަހުގެ ދަތުރުފުޅެއްގައި ޑރ. ޞަލާހުލް ބުދައިރު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. އެ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އިމާމު މާލެއަށް ވަޑައިގަންނަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި ޒިޔާރަތުގައި ސައުދީ އަރަބިއްޔާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ޑރ. ޞަލާހުލްބުދައިރު ރައީސް މުއިއްޒާ ސަލާން ކުރައްވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެ ޒިޔާރަތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސަށް ޒިޔާރާތް ކުރެއްވުމަށް ފަހު، ޑރ. ޞަލާހުލް ބުދައިރު ވަނީ އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތްކުރައްވައި، މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ. މިނިސްޓްރީން އިމާމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، އިމާމަށް މަރުހަބާ ދެންނެވީ މިނިސްޓަރު ޝަހީމެވެ. އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާ ޑރ. ޞަލާހުލްބުދައިރު ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެ ޒިޔާރަތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އެގޮތުން، އެ ބައްދަލުކުރެއްވުމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމާއި ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. ޢަބްދުލް ސައްތާރު ޢަބްދުލް ރަޙްމާނުގެ އިތުރުން އެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގެންފައެވެ. އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާ ޑރ. ޞަލާހުލްބުދައިރު ބައްދަލުކުރެއްވުން ----- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މިނިސްޓްރީން ވަނީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ބައެއް ތަކެތި އިމާމަށް ހަދިޔާކޮށްފައެވެ. އެއާއެކު، މިއަދު އިމާމު ވަނީ، މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާ ބައްދަލު ކުރައްވަފައެވެ. މަދީނާގެ އިސްލާމީ ޔުނިވާސިޓީ ފުރަތަމަ ތައުލީމު ހާސިލުކުރެއްވި ދިވެހި އިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދު އިމާމާއި ބައްދަލުކުރެއްވުން ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މިނިސްޓަރު ޝަހީމާއެކު، ޑރ. ޞަލާހުލް ބުދައިރު ވަނީ ހުކުރު މިސްކިތަށް ވެސް ޒިޔާރަތްކުރައްވައި، އެތަނުގެ އާސާރުތައް ބައްލަވާލައްވާފައެވެ. އޭގެތެރޭގައި، މިސްކިތުގެ ތާރީޚީ ލިޔުންތަކާއި ހިރިގަލުގެ ކުރެހުންތައް ހިމެނެއެވެ. ހުކުރު މިސްކިތަށް ކުރި ޒިޔާރަތުގައި އެތަނުގެ ވާހަކަތައް މިނިސްޓަރު ޝަހީމް ޑރ. ސަލާހުލްބުދައިރާއި ހިއްސާކުރައްވަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މީގެއިތުރުން މިއަދު އިމާމު ވަނީ، އިސްލާމީ މަރުކަޒުގައި ގިނަ އަދަދެއްގެ ޕްރީ ސުކޫލު ކުދިންނާ ބައްދަލުކުރައްވާފައެވެ. އެމިސްކިތުގެ ނަމާދު ކުރާ ބައިއެއްކޮށްހެން ކުޑަކުދިންތަކުން ފުރައިފައި އޮއްއިރު، އެކުދިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ބައްދަލުވުމުގައި ބައެއް ކުދިން ވަނީ އެކުދިންގެ ގުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފައެވެ. އެގޮތުން، ޑރ. ޞަލާޙުލް ބުދައިރު ވަނީ އެ ކުދިންނާ ބައްދަލު ކުރެއްވުމުން އުފާކުރައްވާ ކަމަށާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް އެދޭ ކަމަށް ވިދާޅުވެފައެވެ. އިމާމު ކުޑަކުދިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މިކަންތައްތަކުގެ އިތުރުން ވެސް މި ދަތުރުފުޅުގެ ތެރެއިން ޑރ. ޞަލާހުލްބުދައިރު ގިނަ ކަންތައްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. ހަމައެއާ އެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ވެސް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ. އިމާމު ކުޑަކުދިންނާއެކު އިސްލާމީ މަރުކަޒުގައި ----- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު، ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީ ވެސް ޞަލާޙުލް ބުދައިިރުއެވެ. އަދި، ޢިޝާ ނަމާދަށް ފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް އޭނާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ 40 އަހަރު ފަހުން ރާއްޖެއަށް ހަރަމްފުޅެއްގެ އިމާމަކު ވަޑައިގަންނަވާ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ