ގެދޮރު އަޅަން ދޫކުރާ 'ހިޔާވެހި' ލޯނުތަކަށް އެދުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އަނެއްކާ ވެސް މިއަދު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ދޫކުރާ ލޯނެކެވެ. މި ލޯނުތަކަށް އެދި އެޕްލިކޭޝަން ހުށަހަޅަން ފުރަތަމަ ހުޅުވާލީ މިދިޔަ 8 ނޮވެމްބަރުގަ އެވެ. އޭގެފަހުން މުއްދަތު އިތުރުކުރާ މިއީ ދެވަނަ ފަހަރެވެ.
ތަފްސީލު - ލޯނަަށް ހުށަހެޅުމުގެ މުއްދަތު މިފަހަރު އިތުރުކޮށްފައިވަނީ މި ފެށޭ މަހުގެ 31 ގެ ނިޔަލަށެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވިގޮތުގައި މުއްދަތު އިތުރުކުރީ، މި ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭއިރު، އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ މީހުން އެދެމުންދާތީ އެވެ.
ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހިނުކުރުމަށް ފަހު
އިންޓްރެސްޓް ރޭޓު - %5
ލޯނު އަނބުރާ ދައްކަން - ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން)
ގްރޭސް ޕީރިއަޑު - ގިނަވެގެން 18 މަސް
އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ
އެޑުވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ %15؛ އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު
ހިޔާވެހި ލޯނުތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން'އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.
ލޯނު ދޫކުރާ ތިން ކެޓަގަރީ
1-ހިޔާވެހި ފައިނޭންސިން - ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
2-ހިޔާވެހި ފައިނޭންސިން - ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
3-ހިޔާވެހި ފައިނޭންސިން - ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ