ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4 ބިލިއަނުގެ އާމްދަނީއެއް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފިއެވެ. އެ ކުންފުނިންވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ. އެއިން ދައްކާ ގޮތުގައި މި ކުއާޓަރުގައި ލިބުނު އާމްދަނީއަކީ މިދިޔަ ކުއާޓަރާ އަޅައިބަލާއިރު، 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އާމްދަނީ ދަށްވީ، ދުނިޔޭގެ މާކެޓުގައި އުފުލިފައިވާ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުން ކަމަށެވެ. އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވާ ކަމަށް އެސްޓީއޯއިން ފާހަގަކުރި މައިގަނޑު ސަބަބަކީ، ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރުމެވެ. އެހެން ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާ ކަމަށް ބުނެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ، އަދި ކުރީ ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 169 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޝަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯއިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާ ތަޢާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށެވެ. މުހިންމު އިންފްރާސްޓްރަކްޗަ މަޝްރޫއުތައް ކުރިއަށްދާއިރު، އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެއެވެ. އެސްޓީއޯއިން ބުނީ، ތެލުގެ ވޮލިއުމް އިތުރުވެ، ގެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތުކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ހާސިލް ކުރެވުނު ކަމަށެވެ. ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުން ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. ޚާއްސަކޮށް އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްހީ ޚިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވާ ކަމަށް ބުނެފައިވެއެވެ. އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކު ވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ. މި ކަމުން ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމި އޮތްކަން ހާމަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ