ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު

ދިވެހިރާއްޖެއަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ފަހަތުގައި އޮތީ، އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވާ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތްކަން ހަނދާންކުރަމުން، ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ، ޤައުމަށް މަންފާހުރި ކުދި ބޮޑު އެންމެހައި މަސައްކަތްތަކުގައި ޝާމިލްވާ ދިވެހީންނަށާއި ބިދޭސީންނަށް، އަދި މަސައްކަތްތެރީންގެ ޢާއިލާތަކަށް، ސާބަހާއި ހިތްވަރުގެ ބަސްތަކާއެކު ދަންނަވަމެވެ.
ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ އިރުޝާދުތަކުން ފެންނަން އޮތް އެއް ޙަޤީޤަތަކީ، ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ޙަލާލް ރިޒްޤު ހޯދުމަކީ ސަވާބު ލިބެނިވި އަޅުކަމެއް ކަމެވެ. އަދި ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާން ޖެހޭނޭ ކަމެވެ.
ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ލިޔުއްވި ކޮންމެ މުއައްރިޚަކުވެސް، ދިވެހީންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ވަނީ ތާރީފު ކުރައްވައިފައެވެ. ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން މިއަދުވެސް ދިވެހީންގެ ފަންނުވެރިކަމަށާއި، ޤައުމު ބިނާކުރާން ކުރި ބުރަ މަސައްކަތަށް ހެކިދެއެވެ.
ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް މި ދަނީ ދެމުންނެވެ. ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިރާދަކުރެއްވިއްޔާ ބޮޑު ކާމިޔާބެއް އަޅުގަނޑުމެން ހޯދާނަމެވެ.
ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެއެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހެއެވެ.
މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފަށަން ޖެހެއެވެ. ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުންނެވެ.
މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، އަޅުގަނޑުމެން ގަބޫލު ކުރާ ޙަޤީޤަތަކީ، ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނަމެވެ.
ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީންނެވެ. އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީންނެވެ. ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީންނެވެ.
ކުރިއެރުމާއި ތިޔާގިކަން ހާސިލުކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ ޤައުމީ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރު ކުރައްވާށިއެވެ. މި ޤައުމުގެ ޚިދުމަތްތެރި މަސައްކަތްތެރީންގެ ރިޒްޤު ރޯދީގައި ބަރަކާތް ލައްވައި، ދުޅަހެޔޮކަމާއި ތަނަވަސްކަން އިތުރުކޮށްދެއްވާށިއެވެ. އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ