އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި
އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފި އެވެ.އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."އެކަމާ ގުޅިގެން އަޅުގަނޑުމެން މި ނޯ ކޮންފިޑެންސް މަޖިލީހަށް ހުށަހެޅީ." ނާޒިލް ވިދާޅުވި އެވެ.އިދިކޮޅު އެމްޑީޕީން އެ މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި މިނިސްޓަރު އަމީނަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.ޕާޓީގައި ޔުމްނުއާ އެކީ އުޅުނު މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވެސް ފުލުހުންގެ ޖިނާއީ ތަހުގީގުތަކުގެ ޑިޕާޓްމަންޓް ހިންގާ އިމާރާތް ދޮށަށް ކޮންމެ ރެއަކު ޒުވާނުން އެއްވެ މުޒާހަރާކުރަން ފެށި ހިސާބުންނެވެ.ތަހުގީގަށް އަމީންގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވަނީ އެ ކަމާ ގުޅުވަ އެވެ. އޭގެ ފަހުން އެނގުނު ގޮތުގައި އަމީން ވެސް ދިރިއުޅުއްވާ މއ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖުތައް ވެސް ފުލުހުންނަށް ނުލިބޭ ކަމެވެ. ފުލުހުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން ކެމެރާ ހަލާކުވެފައިވާ ކަމަށް ބުނި ކަމަށެވެ.މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު އަހުމަދު ޒިލާލް، 21، ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ވެސް ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.ނަމަވެސް އަމީން ކުރިން ވިދާޅުވެފައިވަނީ އެ މައްސަލާގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ