ޔުމްނު ވެއްޓުނު ހާދިސާގެ އިންސާފުވެރި ތަހުގީގެއް ހިންގަން ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަނީ
މިމަހުގެ 18 ވަނަ ދުވަހު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މިނިވަން ތަހުގީގެއް ހިންގައިދިނުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ވަނީ ސޮއިކޮށްފައެވެ. ޕެޓިޝަންގައި ވަނީ، ޔުމްނު ހ. ފެންޓޯނިއޯ ގެއިން ވެއްޓުމާއި 'ބަދަލުކޮށްފައިވާ' ސީސީޓީވީ ފުޓޭޖާއި ހޮސްޕިޓަލުގައި ދިން ފަރުވާ ގުޅޭ ހާލަތްތަކާ ގުޅޭ މިނިވަން ތަހުގީގެއް އދ. އިން ހިންގަން ފެށުމަށް ގޮވާލާފައެވެ. މި މައްސަލައަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުން ސަމާލުކަން ދީ، އިންސާފު ހޯދުމަށް ޕްރެޝަރު ކޮށްދިނުމަށް ވެސް އެދިފައިވެއެވެ. އޭގެއިތުރުން، ފުލުހުންނަށް ތަހުގީގުން ހޯދުނު ހުރިހާ ހޯދުންތަކެއް ހާމަކުރުމަށާއި 'ހެކިތަކާ ކުޅެ' ޔުމްނުގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލުކުރަން މަސައްކަތް ކުރި މީހުންނަށް އަދުލު އިންސާފު ލިބުން ކަށަވަރު ކުރުމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. މި މައްސަލައިގައި ހިމެނޭ ރައުދު، ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށް، ހުކުރު ދުވަހުވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ މި މައްސަލައިގައި ފުލުހުން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައެވެ. އެގޮތުން އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ. އަދި ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށް ބުނެ "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ