ޔުމްނުގެ މައްސަލަ އެމްޑީޕީގެ ބޮލުގައި އެޅުވުން ވަރަށް ޣައިރު ޒިންމާދާރު: ޑިމޮކްރެޓްސް

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގާމެދު ސުވާލު އުފެދި، އިތުބާރު ކުޑަވެފައިވަނިކޮށް، އިދިކޮޅު އެމްޑީޕީގެ ބޮލުގައި އެ ކަން އަޅުވަން އުޅުމަކީ ވަރަށް ޣައިރު ޒިންމާރު ކަމެއް ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ. ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ. މިއަދަށް މައްސަލައަށް ހަފުތާއެއްވީއިރު، މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ، ޒުވާނުންވަނީ އިހުތިޖާޖެއް ވެސް ފަށައިފައެވެ. ބުރާސްފަތި ދުވަހުގެ ރޭ އޮތް ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ފުރަތަމަ ފަހަރަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ވާހަކަފުޅު ދައްކަވައިފައެވެ. ވިދާޅުވީ އެ މައްސަލައިގައި ޒިންމާވާން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓު ކުރި މީހުން ކަމަށެވެ. https://sun.mv/205193 "މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން"، މިއީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ސިޔާސަތެކެވެ. މައިގަނޑު ގޮތެއްގައި އެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ، ކޮންމެ އުމުރެއްގެ މީހަކަސް، ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ވަސީލަތްތައް ގާއިމްކޮށްދިނުމާއި، އެ ކަމަށް ފަހި މާހައުލެއް އުފެއްދުމުގެ މައްޗަށެވެ. ޔުމްނުގެ މައްސަލައިގައި ޒިންމާވާން ޖެހޭނީ، މި ސިޔާސަތު ޕްރޮމޯޓުކުރި މީހުން ކަމަށް ރައީސް ވިދާޅުވެ، ރައީސްވަނީ އެމްޑީޕީއަށް ތުހުމަތު ކުރައްވައިފައެވެ. ޑިމޮކްރެޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި، މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ރައީސް، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެ މައްސަލަ އެމްޑީޕީގެ ބޮލުގައި އެޅުުވުމަކީ ރައީސް ކުރެއްވި ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށާއި، އެ ކަން ކުށްވެރިކުރާ ކަމަށެވެ. "... [މިއީ] ފުލުހުންގެ ތަހުގީގަށް މިހާރު ވެގެންދާ ގޮތާއި، މީހުން ސުވާލު އުފައްދަމުންދާ ދިއުމާއި، މި ކަންކަމުން ނެއްޓި، އެހެން ބައެއްގެ ބޮލުގައި މި ކަން އެޅުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ސިޔާސީ ވާހަކަފުޅެއް" އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވި ގޮތުގައި ރައީސް އެ ކުށްވެރިކުރައްވާ މެނިފެސްޓޯއަކީ، ޒުވާނުން ބާރުވެރި ކުރުވުމުގެ މައްޗަށް ބިނާކޮށްފައި އޮތް ސިޔާސަތުތަކެކެވެ. އޭގެ ތެރެއިން އެއް ސިޔާސަތަކީ މުނިފޫހިފިލުވުމާއި ކުޅިވަރެވެ. އެއީ އެ ދުވަސްވަރު މީހުން ހިފައި ހައްޔަރުކޮށް، ބަންދު ކޮށްގެން އަނިޔާ ކުރުން އާންމުވެފައިވަނިކޮށް، ޒުވާނުން ބާރުވެރި ކުރުވުމަށް ޓަކައި، ދިރާސާތަކެއްގެ އަލީގައި އެ މީހުން އެދޭ ގޮތަށް ތައްޔާރުކުރި މެނިފެސްޓޯއެއް ކަމަށް އިންތި ވިދާޅުވިއެވެ. "...[އެ ވިދާޅުވަނީ] ރައްޔިތުން ވޯޓުދީފައިވާ މެނިފެސްޓޯއެއްގެ ވާހަކަ. މިއަށް ފުރައްސާރަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ޒިންމާދާރުކަން ކުޑަ އަމަލުފުޅަކީ އަޅުގަނޑު އަދި ވެސް ކުށްވެރިކުރާ ކަމެއް. އޭގެ ބަދަލުގައި އަޅުގަނޑު އެދެނީ އަދި ވެސް، ރައްޔިތުންގެ އަދި އާއިލާއަށް ވެސް އިތުބާރު ލިބިގެންވާ، އިންސާފަށް ވާސިލްވެވޭނެ ފުރިހަމަ ތަހުގީގެއް ހިންގަވައި ދެއްވުމަށް" އިންތި ވިދާޅުވިއެވެ. އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ވެސް އިންތި ގޮވައިލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ