ޔުމްނުގެ ފަރުވާއަށް ހަތްލައްކަ ރުފިޔާ ޓިކްޓޮކް ލައިވްއަކުން ދޮޅުގަޑިއިރުތެރޭ ހޯދައިފި

މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ފަރުވާއަށް ބޭނުންވާ ހަތްލައްކައަށްވުރެ ގިނަ ފައިސާ ޓިކްޓޮކް ލައިވްއެއް މެދުވެރިކޮށް ދޮޅުގަޑިއިރުތެރޭ ހޯދައިފިއެވެ. މި ފައިސާ ހޯދީ ޝެހެނާޒް މޫސާ (ޝެހޭ) އިސްވެ ކުރިއަށް ގެންދިޔަ ލައިވްއެއްގެ ތެރެއިންނެވެ. މި ލައިވް ފެށީ މިއަދު ހަވީރު 04:30ގައި ޔުމްނު އެއްބަނޑު އެއްބަފާ ދައްތަ ވެސް ލައިވްގައި ބައިވެރި ކޮށްގެންނެވެ. އޭނާގެ ދައްތަ ލައިވްގައި ބައިވެރިވީ މެލޭޝިއާގައި ހުރެގެންނެވެ. މި ލައިވްއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ޝެހޭ ބުނީ، މި ލައިވް އަކީ އާންމު ރައްޔިތެއްގެ އާއިލާއަށް އެހީވުމުގެ ނިޔަތުގައި ކުރިއަށް ގެންދިޔަ ލައިވްއެއް ކަމަށެވެ. "ސަރުކާރުން ފުރަތަމަ ބުނީ ޔުމްނުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކަވާ ކުރާނެއޭ. ނަމަވެސް، މެލޭޝިއާގެ ހޮސްޕިޓަލުން ލިޔުން ލިބުނު ހިސާބުން ސަރުކާރުން ބުނީ، ހުރިހާ ޚަރަދެއް ކަވާއެއް ނުވާނެއޭ. 25،000 ޑޮލަރު ސަރުކާރުން އެންސްޕާ މެދުވެރިކޮށް ދިނީ މުޅި ޖުމުލަ،" ޝެހެނާޒް ކިޔައިދިނެވެ. ނަމަވެސް، ޔުމްނު ރާއްޖޭން ބޭރަށް ގެންދިއުމަށް ވެސް ވަރަށް ބޮޑު ޚަރަދެއް ހިނގާކަމަށާއި ހަމަ އެކަނި ސިއްހީ ފަރުވާއަށް ވެސް އަށް ލައްކަ ރުފިޔާ ޚަރަދުވާކަން އޭނާ ފަހަގަކުރިއެވެ. އެންސްޕާއިން ދިން ފައިސާގެ އިތުރުން ޔުމްނުގެ ފަރުވާއަށް އިތުރު ހަލައްކަ ތިރީސް އެއްހާސް ރުފިޔާ ބޭނުންވާތީ ޓިކްޓޮކް މެދުވެރިކޮށް މި ފަންޑްރައިޒިން ހަރަކާތް ކުރިއަށް ގެންދަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ. މި ފަންޑްރައިޒިން އިން ލިބިފައި ވަނީ: 565,501.21 ރުފިޔާ 11,015.95 ޑޮލަރު މުޅި ޖުމުލަ: 735,367.16 ފަންޑްރައިޒިންގެ ތެރެއިން ފައިސާ ޖަމާކޮށްފައި ވަނީ ޔުންމުގެ ދައްތަގެ އެކައުންޓަށެވެ. ޝެހޭ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ. "މީގެ ތެރެއިން ރައްޔިތުން ސަރުކާރަށް އިއްވައިދިނީ ރައްޔިތުން އިންސާފަށް ކިހާ ވަރަކަށް ކަން ފެންބޮވައިގެންފައި ތިބީ،" އޭނާ ބުންޏެވެ. ޔުމްނު ބޭސްފަރުވާއަށް މެލޭޝިއާއަށް ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ