އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތިންވަނަ ދައުރަކަށް ކުރިމަތިލުމުގެ ނިޔަތް ފާޅުކޮށްފިއެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ “ޓްރަމްޕް ސްޓޯރ” އިން އާ ކެޕެއް މިހާރު ވަނީ ނެރެފައެވެ.
އެމެރިކާގެ ޤާނޫނުއަސާސީގެ 22 ވަނަ އިސްލާހުގައި ރައީސަކަށް 2 ދައުރަށްވުރެ ގިނަ ދައުރު އަދާނުކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޓްރަމްޕް ސްޓޯރއިން ނެރެފައިވާ “ޓްރަމްޕް 2028” ކެޕް 50 ޑޮލަރަށް ދަނީ ވިއްކަމުންނެވެ.
މި ކެޕް ތަޢާރަފް ކުރުމުގެ ފުރަތަމަ ބަޔާނުގައި “މުސްތަގުބަލު އުޖާލާވަނީއެވެ! ޓްރަމްޕް 2028 ކެޕާއެކު ގަވާއިދުތައް އަލުން ލިޔުއްވާށެވެ” ކަމަށް ބަޔާންކޮށްފައިވިއެވެ. ނަމަވެސް، މި ބަޔާން ފަހުން ބަދަލުކޮށް “އެމެރިކާގައި އުފައްދާފައިވާ ޓްރަމްޕް 2028 ކެޕާއެކު ބަޔާނެއް ދެއްވާށެވެ” މިގޮތަށް ބަދަލުކޮށްފައިވެއެވެ.
ޓްރަމްޕްގެ ދަރިފުޅު އެރިކް ޓްރަމްޕް މި ކެޕް އަޅައިގެން ފޮޓޯއެއް ނަގާފައިވާއިރު، އޭނާ ޑެއިލީމެއިލަށް ދިން ބަޔާނެއްގައި ބުނެފައިވަނީ “މިއީ ވަރަށް އާދަޔާ ޚިލާފު އައިޓަމެއް ކަމަށާއި، މި ކެޕް ވިކޭ މިންވަރުވަނީ ރެކޯޑް އަދަދަކަށް އަރާފައި ކަމަށެވެ.
ރައީސް ޓްރަމްޕްވަނީ ތިންވަނަ ދައުރަކަށް ކުރިމަތިލުމާ ބެހޭގޮތުން އެން.ބީ.ސީ ނިއުސްއަށް ދިން އިންޓަވިއު އަކީ މަޖަލެއް ނޫން ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ “ގިނަ ބަޔަކު” އެކަން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނެ “ގޮތްތަކެއް ހުރި” ކަމަށެވެ. ނަމަވެސް، އޭނާ ފަހުން އެއްބަސްވެފައިވަނީ “އެކަމާމެދު ވިސްނުމަށް މާބޮޑަށް އަވަސްވެފައިވާ” ކަމަށެވެ.
ޓެނެސީ ރިޕަބްލިކަން މެންބަރު އެންޑީ އޯގްލްސް ވަނީ 22 ވަނަ އިސްލާހަށް ބަދަލުގެނައުމަށް ކޮންގްރެސްއަށް ހުށަހަޅާފައެވެ. މި ބަދަލުގައި ބުނެފައިވާ ގޮތުން، ފުރަތަމަ ދެ ދައުރު ވިދިވިދިގެން ނޫންނަމަ، ތިންވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލެވޭނެއެވެ.
އެމެރިކާގެ ޤާނޫނުއަސާސީގެ 22 ވަނަ އިސްލާހު ގެނެވުނީ 1951 ވަނަ އަހަރުގައެވެ. މި އިސްލާހުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވަނީ އެއްވެސް މީހަކަށް ދެ ދައުރަށްވުރެ ގިނަ ދައުރު ރައީސްކަމުގައި ނުހުރެވޭނެ ކަމަށެވެ. މި އިސްލާހު ގެނެވުނީ ފްރޭންކްލިން ޑީ. ރޫޒްވެލްޓް ހަތަރު ދައުރު ރައީސްކަމުގައި ހުރުމަށްފަހުގައެވެ.
ޓްރަމްޕް ފުރަތަމަ ދައުރު ރައީސްކަމުގައި ހުރީ 2017 އިން 2021 އަށެވެ. އަދި މިހާރު ހުންނެވީ ދެވަނަ ދައުރުގައި (2025 އިން ފެށިގެން)، ވުމާއެކު މިހާރުގެ ޤާނޫނުއަސާސީގެ ދަށުން 2028 ގައި އޭނާއަށް އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަންޑީ އޯގްލްސްގެ ހުށަހެޅުމަކީ ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ، ނަމަވެސް ޤާނޫނުއަސާސީގެ އިސްލާހެއް ގެނައުމަށް ކޮންގްރެސްގެ 2/3 އަދި ސްޓޭޓްތަކުގެ 3/4 ގެ ތާއީދު ބޭނުންވެއެވެ – މިއީ ވަރަށް ބޮޑު އަޣުލަބިއްޔަތެކެވެ.
ޓްރަމްޕް ތިންވަނަ ދައުރަކަށް ކުރިމަތިލުމުގެ ނިޔަތް ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ