ހައްޖުވެރިންނަށް ލުއިތައް ލިބިދޭ މައްކާ ރޫޓް ތަންފީޒުކުރުމަށް، ސައުދީ ވަފުދުން މަޝްވަރާކޮށްފި

ހައްޖުވެރިންނަށް ލުއި ގޮތްތައް ފަހިކޮށްދިނުމަށް ސައުދީ އަރަބިއާއިން ހިންގާ 'މައްކާ ރޫޓް އިނިޝިއޭޓިވް' ރާއްޖޭގައި ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދުން ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާ މިއަދު ބައްދަލުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ހެނދުނު އޮތް މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލްގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލާ ރިޓަޔާޑް މުޙައްމަދު ފަޞީޙް ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް ބޭފުޅުންގެ އިތުރުން ޙައްޖުވެރިން ދަތުރުކުރާ ފްލައިޓުތައް އިންތިޒާމުކުރާ މޯލްޑިވިއަންއާއި ސަޢުދީ އެއާލައިންގެ އިސް ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. ސައުދީގެ ވަފުދުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރުން ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވިއިރު، ޙައްޖުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޙައްޖު ކޯޕަރޭޝަނުން ވެސް ވަނީ މަޢުލޫމާތުދީފައެވެ. ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފެއްޓުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ސައުދީން އިއްޔެ ރާއްޖެއަށް ވަޑައިގެންނެވި އެ ވަފުދުގައި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ