ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ހިނގާލުމެއް ބާއްވައިފި އެވެ.ހޯރަފުށީ ސިއްހީ މަރުކަޒުން އިންތިޒާމުކުރި މި ހާއްސަ ހިނގާލުމުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ސިއްހީ މަރުކަޒުގެ ހުރިހާ މުވައްޒަފުން ބައިވެރިވި އެވެ.ހޯރަފުށީ ސިއްހީ މަރުކަޒުން  ބުނީ މި ހިނގާލުމުގެ މަގްސަދަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ނަރުހުން ކޮށްދެއްވާ އަގުހުރި ހިދުމަތުގެ އަގު ވަޒަންކޮށް، ހިތްވަރުދީ އަދި އެފަރާތްތަކާއެކު ތިބިކަން ރަމްޒުކޮށްދިނުމެވެ.މިއަދު ހަވީރު ހޯރަފުށީގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހޯރަފުށީ ސިއްހީ މަރުކަޒުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހު އެވެ. ނަރުހުންގެ ދުވަސް ފާހަގަކުރަނީ އިންސާނިއްޔަތަށްޓަކާ ނަރުހުންވަމުންދާ ޤުރުބާނީއާއި އެމީހުންގެ ހިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމަށެވެ.ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހަށް އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސެސްއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އަވަރ ނަރސެސް، އަވަރ ފިއުޗަރ. ކެއަރިން ފޮރ ނަރސަސް ސްޓްރެންތެން އިކޮނޮމީސް." މި ޝިއާރެވެ. މި ޝިއާރުގެ މަގުސަދަކީ، ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަނެ، ކުރިމަގަށް ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށްޓަކާ ނަރުހުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމެވެ.މި އަހަރުގެ ނަރުހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ޑރ. މުހައްމަދު މުއިޒު ދެއްވި ހިތާބުގައި ވިދާޅުވީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި ޒިންމާ އަދާކުރާ ބަޔަކީ ނަރުހުން ކަމަށެވެ.ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ތައްޔާރު ވެފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރުގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ ވަރުބަލި ކަމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ މި ބޮޑު މަސްއޫލިއްޔަތުގެ އަގު މީގެ ކުރިން ވަޒަން ނުކުރާ ވަރަށް މި ސަރުކާރުން ވަޒަން ކުރާނެ ކަމަށެެވެ. ނަރުހުންގެ އަޑު އަހައި އީޖާބަދޭނެ ކަމަށާއި ނަރުހުންނަށް ފައިދާހުރި އެތައް ކަމަކަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ "ނަރުސް" ނަމަކީ އޯގާތެރިކަމާއި އަޅާލުމާއި ހިތްވަރާއި މުރާލިކަމާއި ރީތި އެތައް ސިފައެއް އެކުލެވިފައިވާ ގަދަރުވެރި ނަމެއް ކަމަށެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ބަތަލެއް ކަމުގައި އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނާ ސަބަބަކީ ނަރުހުންދޭ ވަފާތެރި އަގުހުރި ހިދުމަތުގެ މަތިވެރިކަމުންނެވެ.ރައީސް ވިދާޅުވީ ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 ޕަސެންޓަކީ އަންހެނުން ކަމަށާއި އެ އިން ދޭހަވަނީ އެފަދަ ބުރަ ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެނުން ކުރާ އަގުހުރި މަސައްކަތް ކަމަށެވެ.ނަރުހުންނަކީ ބަލިމީހާއާއި އެންމެ ގާތުން މަސައްކަތްކަތްކުރާ ބަޔަކަށްވާއިރު، ބަލިމީހުން ބަލި ހާލަތުގައި އޮންނައިރު އެމީހުންނަށް ބޭނުންވާ ފަރުވާއާއި، އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމުގައި ނަރުހުން އަދާކުރަނީ ލާމަސީލު ދައުރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ