ދެކޮޅު ނުޖެހޭ ދިފާއު: ކުރިން އިންމީހާއާއި ކުރީ ސަރުކާރު!
މި ދައްކަން އުޅޭ ވާހަކަ ފަހުމުވުމަށްޓަކައި މި މިސާލާމެދު ވިސްނާލާށެވެ. ވަރަށް ލޯބިން ކައިވެނިކޮށްގެން އުޅުނު ދެމަފިރިންނެވެ. އެ މީހުން ކައިވެނިކުރީ އެކަކު އަނެކަކާ ނުލައި ހަމަ އެއްގޮތަކަށް ވެސް ނޫޅެވޭނެކަން ޔަގީންވި ހިސާބުންނެވެ. އެކަމަކު، ގިނަ ދުވަސް އެކުގައި ހޭދަވާ ވަރަކަށް, ކަމަކަށް ފަހު ކަމެއް ފެންނަމުން ގޮސް ފޫހި މައްޗަށް ފޫހިވާން ފެށިއެވެ. ކައިވެންޏަށް ވިއްސަކަށް އަހަރުވެ, ލިބުނު ދަރިން ފުރާވަރަށް އެރިއިރު އަނބި މީހާގެ ފަރާތުން ފިރިމީހާއަށް އުނި ސިފަތައް ފެންނަން ފަށައިފިއެވެ. އޭނާ ކަންކަން ކޮށްދޭ ގޮތް ކަމުނުދާން ފަށައިފިއެވެ. އެހެންކަމުން ފިރިހެން މީހާއަށް މި ގޮތަށް ވުރެން މޮޅު ގޮތެއް ބޭނުންވެއްޖެއެވެ. ކަމަކަށް ހިތުލައިގެން އުޅެންޏާ އެ ކަމަކަށް މަގު ފެންނާނޭ ބުނާ އުސޫލުން ފޭސްބުކުން ވާހަކަދެއްކި މީހުންގެ ތެރެއިން މީހަކު ކަމުގޮސްފިއެވެ. އަންހެނުން ކަންކުރާ ގޮތް އަލަށް ދިމާވި އަންހެން މީހާއަށް ކިޔައިދިނުމުން, އޭނާ އެކަމާ ހިތާމަކޮށް, ހެޔޮ ނަސޭހަތާއި ހިތްވަރު ދޭން ފެށީއެވެ. އަންހެނުންނަކީ ކިހާ ވިޔާނުދާ މީހެއްކަމާއި ތިފަދަ ފިރިއެއް ލިބުނީމާ އެހެން އުޅޭނީ ހާދަހާ މޮޔަވީމައޭ, ކިޔާ ނިކަން ހައްދާލައިފިއެވެ. ބޭނުންވެ, ނުލިބިފައި ހުރި އަޅާލުން އެހެން ކޮޅަކުން ލިބުމާއެކު ފިރިހެން މީހާ ވަރަށް ބޮޑަށް އެ ކަމަށް ލެނބެވިއްޖެއެވެ. އެންމެ ފަހުން ދަރިން ކިތަންމެ ބޮޑުވެފައި ހުއްޓަސް, އަދި ކައިވެންޏަށް ކިތަންމެ ދުވަހެއްވީ ނަމަވެސް އެ ކައިވެނި ރޫޅާލައި، އާ ކައިވެންޏަކާ އެކު ހަޔާތުގެ އާ ދަތުރު ފެށީއެވެ. https://sun.mv/205873 ފުރަތަމަ ދެތިން މަހު, އާ އަނބިމީހާ ހަމަ ހައިރާންވާހާ ރަނގަޅެވެ. ބޮޑު ނަސީބެކޭ ހީވެ, އުފަލުން ރޮވޭފަހަރު ގިނައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވިއެވެ. އަސްލު ކުލަ ފެންނަން ފަށައިފިއެވެ. ފުރަތަމަ ރަހުމު ކުޑަ ބަސްތަކެވެ. އެއަށް ފަހު ބޭވަފާތެރިކަމާއި އަނިޔާއެވެ. ހިތްހަލާކުވެފައިވާ ފިރިމީހާއަށް ކުރެވެނީ ހަމަ އެންމެ ސުވާލެކެވެ. އަހަރެންގެ ދުވަސްވީ ކައިވެންޏާއި ދަރިންގެ މަންމަ ދޫކޮށް ތި ހަޔާތަށް އައުމުގެ ބޮޑު ގުރުބާނީގެ އަގަކީ މިއީތޯއެވެ؟ ފަހުގެ އަނބިމީހާގެ ޖަވާބު ކުރެވެ. ކުރީގެ އަންހެނުން ކަންތައް ކުރީ އެވެނި ގޮތަކަށް, މިވެނި ގޮތަކަށް ނޫން ހެއްޔެވެ. އޭރު އެކަން އޯކޭއެއް ނޫން ހެއްޔެވެ؟ މިހާރު ތިޔަ މައްސަލަ ޖައްސަނީ ކީއްވެ ހެއްޔެވެ؟ މި ކުރެވުނު މޮޔަ ކަމެކޭ ހިތާ ހުރި ފިރިހެން މީހާ ބުންޏެވެ. އެ އޮޑި ދޫކޮށް, ތި އޮޑިން މި ދަތުރު ފެށީ އެއަށް ވުރެ ރަނގަޅުކުރާށެވެ. އޭރު ކަންކުރި ގޮތަށް ކަން ކުރޭތޯއެއް ނޫނެވެ. ތަންކޮޅެއް ދިގުކޮށް ނަމަވެސް މި ދެއްކުނު މިސާލު ސިޔާސީ މައިދާނާ ވަރަށް ގުޅެއެވެ. ހަމަ އެކަނި މިހާރަކު ނޫނެވެ. ހަމަ ކޮންމެ ވެރިކަމަކާ ވެސް މި މިސާލު ގުޅެއެވެ. އެތައް ބޮޑެތި ހުވަފެންތަކެއް ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް އައިސް ކަންކަން އިސްލާހުނުކުރުމަށް އެންމެ ބޮޑަށް ދައްކާ ބަހަނާއަކީ "ކުރީ ސަރުކާރު"އެވެ. ހިތުހުރިގޮތަކަށް ކަންކަން ކުރުމަށް ފަހުގައި އެކަން ދިފާއުކުރަން ދައްކާނީ ކުރީ ސަރުކާރުން ކަންކަން ކުރި ގޮތެވެ. ހަގީގީ މިސާލަކަށް މި ފަހުން ސަރުކާރުން އިސްވެ އުޅެ ކޮށްގެން މި އުޅޭ ދެކޮޅުނުޖެހޭ ކަންތަކަށް ބަލާށެވެ. ސީދާ ސަރުކާރާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފެށުމުން މި ފެށުނު "އިއްތިފާގު"ތަކެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް އެ ކޮށްލީ ސަރުކާރު މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ބަލަން ތިއްބައި ކަހަލަ ގޮތަކަށެވެ. ޝައްކާއި ވަހުމު ހިމެނޭ, ބޮޑެތި ތުހުމަތުތަކެއް ކޮށްގެންނެވެ. އެންމެ ފަހުން ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވީއެވެ. އެ ހިސާބުން ދެން ފެށީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މަސައްކަތެވެ. އުއްތަމަފަނޑިޔާރާއި ރައީސް މުއިއްޒު: ސަރުކާރުން ވަނީ ކުއްލިއަކަށް ސުޕްރީމް ކޯޓު ބެންޗު ކުޑަކުރަން ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލި މައްސަލައިގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް އެބައޮތް ކަމަށް ގާނޫނީ ވަކީލުން ފާހަގަކޮށްކޮށް އޮއްވައި ދެ ފަނޑިޔާރުން ވަކިކުރަން ނިންމީއެވެ. ދެން އެ މައްސަލަ ބަލަން ފޮނުވި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ކަންތައް ކުރީ ވަރަށް ވަރަށް ދެރަކޮށެވެ. ދެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުވެ, ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަށް އެދި "އާދޭސް" ކުރަނިކޮށް އެ ފުރުސަތު ވެސް ނުދިނީއެވެ. މީހަކާ މެދު ތުހުމަތެއް ކުރެވޭއިރު, އަދި އެއާ ގުޅުވައި ބޮޑު ނިންމުމެއް ނިންމާއިރު އެ މީހެއްގެ ފަރާތުން ކަންވެގެން އުޅޭ ގޮތް ސާފުކޮށްލައި, އެ މީހެއްގެ ބަސް އަޑުއަހާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ފުރިހަމަ ވިސްނުމެއް ހުރި ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ. ނަމަވެސް، ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ, ސުޕްރީމް ކޯޓުގެ އެ ދެ ފަނޑިޔާރުންނަށް އެ ފުރުސަތު ވެސް މި ރާއްޖޭގެ މުއައްސަސާތަކުން ނުދިނެވެ. އެވަރުން ނިމުނީއެއް ނޫނެވެ. މިކަން ނުކޮށްފައި, އެކަން ފޫބައްދަން މި ދައްކާ ވާހަކަ އަދި ވަރަށް ތަފާތެވެ. ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަކާނުލައި މަޖިލީހުގެ ކޮމިޓީގެ ސިއްރުކުރުމަށް ފަހު, ދެ ފަނޑިޔާރުން ވަކިކުރަން އިއްޔެ ނިންމިއިރު އިދިކޮޅު އެމްޑީޕީއަށް ރައްދުދެއްވައި ރޭ ވަނީ, ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މުގައްރިރު ހުސްނީ މުބާރިކު ވާހަކަދައްކަވައިފައެވެ. ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހުސްނީ ރޭ ވިދާޅުވެފައިވަނީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ވަކިކުރީ "ހަވާ ފަޓާސްބަރި"އެއްހެން ކަމަށެވެ. އެހެންނަމަވެސް އެ ދުވަހު އެ ބޭފުޅުންނަށް އެ ކަން މައްސަލައަކަށްނުވި ކަމަށް އޭނާ ވިދާޅުވިއެވެ. "މަޖިލީހަށް ހުށަހެޅި ދުވަހު، ކޮމިޓީއަށް ފޮނުވާ، ހަމަ އެ ދުވަހު ކޮމިޓީން ގޮތް ނިންމި. ރިޕޯޓް ކިޔާލަން ވެސް ވަގުތު ނުދޭ. ހަވާ ފަޓާސް ބަރިއެއްހެން. އޭރު އޯކޭ،" ހުސްނީ ލިޔުއްވާފައިވެއެވެ. https://www.sun.mv/205883 އެމްޑީޕީން ފަނޑިޔާރުން ވަކިކުރީ އެ ސަރުކާރާއި އެ ޕާޓީގެ މަސްލަހަތު އޮތް މައްސަލައެއް ބަލަނިކޮށެއް ނޫނެވެ. ނަމަވެސް، އެމްޑީޕީއަކީ ވެސް އެ ޕާޓީއަށް ވެރިކަން ކުރަން ލިބުނު ދެ ފަހަރުގައި މާ ރަނގަޅަށް ކަންތައް ކުރި ބައެއް ނޫނެވެ. މި ރިޕޯޓްގައި މި ސަރުކާރުން ކަންތައް ކުރާ ގޮތާއި އެމްޑީޕީން ކަންތައް ކުރިގޮތާ އަޅާ ކިޔައި, އެމްޑީޕީ ދިފާއުކުރާކަށް ކުޑަކޮށް ވެސް ނޫޅެމެވެ. ނަމަވެސް، ދެކޮޅު ނުޖެހޭ ކަމަކީ ކަންކަން ކުރާނެ ގޮތަކަށް ކަންތައް ކޮށްފައި, އެމްޑީޕީން ހެދީ މިހެނޭ, ކުރީ ސަރުކާރުން ވެސް ކަންތައް ކުރީ މިގޮތަށޭ ބުނެ ދިފާއުގައި މި ދައްކާ ވާހަކައެވެ. "އެއް ސަރުކާރެއް ކަމު ނުގޮސްގެން, އަނެއް ސަރުކާރަކަށް ރައްޔިތުން ވޯޓު ދެނީ ކުރިއަށް ވުރެން ރަނގަޅު ގޮތްތަކެއް ބޭނުންވާތީ. އެމްޑީޕީގެ ކެންޑިޑޭޓް ހުއްޓައި ރައީސް މުއިއްޒަށް 129،159 މީހުން ވޯޓުދީ ރައީސް މުއިއްޒު އިންތިޚާބު ކުރީ އޭރަށް ވުރެން ކަންކަން ރަނގަޅުކުރަން. އެއް ގޮތަކަށް ވެސް އެ ގޯސް ތަކުރާރު ކުރާކަށް ނޫން," ސިޔާސީ ކަންކަމަށް ވަރަށް ޝައުގުވެރިވާ, އަދި ސޯޝަލް މީޑިއާގައި ސިޔާސީ ހިޔާލު ފާޅުކުރާ މީހަކު ބުންޏެވެ. އޭނާގެ އަތުގައި ގާނޫނީ ވަކީލުކަމުގެ ސެޓްފިކެޓާއި އެހެން މަތީ ސެޓްފިކެޓްތަކެއް ނެތް ނަމަވެސް އެ ދެއްކީ ހަމަ ވަރަށް ރަނގަޅު ވާހަކައެކެވެ. އެމްޑީޕީން ކަންތައް ކުރީ މިހެންނޭ ކިޔައި މި ސަރުކާރުން ވެސް ވެންޓިލޭޓަރުގެ ކޮރަޕްޝަނާއި ގާތް މީހުން ކުށްކުރީމައި އަދަބު ނުދެވޭ އުސޫލު ގެންގުޅޭނަމަ އެއީ ރަނގަޅެއް ނޫނެވެ. އަދި، އެމްޑީޕީގެ ސަރުކާރުން ކުޑަރަށެއް ބޮޑު ރަށެއް ނުބަލާނެ ކަމަށް ބުނެ, އިގުތިސާދީ ގޮތުން ދެކޮޅު ނުޖެހޭ އެތައް ކަމެއް ބޮޑެތި ލޯނުތައް ނަގައިގެން ކޮށް ގައުމުގެ ދަރަނި ބޮޑުކުރިއިރު މި ސަރުކާރުން ހަމަ އެގޮތަށް އެކަންތައް ކޮށް, އެމްޑީޕީން ވެސް ކަންކުރީ މިހެންނޭ ބުނާނަމަ އެއީ ގޯހެކެވެ. އެމްޑީޕީގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓުމަށްޓަކައި މެންބަރުންގެ ކުންފުނިތަކަށް އުސޫލާ ހިލާފަށް އެތައް ޕްރޮޖެކްޓެއް ދީގެން ނުހައްގު ތަނަވަސްކަން ހޯދައިދިން ކަމަށް ތުހުމަތުވާ ގޮތަށް މި ސަރުކާރުން އަނެއްކާ ކަންތައް ކުރާނަމަ އެއީ ވެސް ގޯހެކެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދައިދޭނެކަމުގެ ރިޔާސީ ވައުދާ އެކު އެމްޑީޕީން 2018 ގައި ވެރިކަމަށް އައިސް ސަރުކާރާއި މަޖިލީހުގެ ފުލް މެޖޯރިޓީ ރައްޔިތުން ދިނުމުން އެކަން ނުކުރިތާ އެންމެ ބޮޑަށް ތުހުމަތުވާ މީހާ ވެރިކަމަށް އެންމެ ފަހު ވަގުތު މިނިވަންކުރި ކުރުން މި ސަރުކާރުން ތަކުރާރު ކުރާނެ ނަމަ އެއީ ވެސް ގޯހެކެވެ. މި ސަރުކާރަށް އަދި ދެ އަހަރު ނުފުރޭއިރު, އަދި ވެރިކަން ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްކޮށްގެން ހިންގާއިރު ބައެއް ކަންކަމުގައި ގޯހުގެ މައްޗަށް ގޯސް ހަދާތަން އެބަ ފެނެއެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 700އަށް ވުރެ މަތި ނުކުރާނެ ކަމަށް ސީދާ ރައީސް މުއިއްޒު އިއުލާންކުރެއްވުމަށް ފަހުގައި އެކަން ކުރީ އެ އަދަދު ދެގުނަވާ ވަރަށް ވުރެ ވެސް ބޮޑުކޮށް ކަމަށް ތުހުމަތުކުރެވެއެވެ. މީގައި އެންމެ ހިތާމަވެރިކަމަކީ ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ, ރައީސް މުއިއްޒު ވާހަކަދެއްކެވިއިރު އާއްމުންނާއި ނޫސްވެރިން އެތައް ގޮތަކުން އެދި ވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ވެސް ސަރުކާރުން ހާމަނުކުރާތީއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދެނީ ސިޔާސީ ކިތައް މުވައްޒަފުންނަށްކަން ސިއްރު ކުރާ ސަރުކާރަކީ ޒަމާނީ ޑިމޮކްރަސީއަށް ފެތޭ ސަރުކާރެއް ނޫނެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާނީ ގާބިލު, ވައުދުތައް ފުއްދަން މަސައްކަތް ކުރެވޭ ފެންވަރުގެ މީހުން ކަމަށް ވެސް ވިދާޅުވީ، ސީދާ ރައީސް މުއިއްޒެވެ. ނަމަވެސް، މި ސަރުކާރުގެ އިސް މަގާމުތަކުގައި މުޅިން ތިބީ އެ ވިދާޅުވާ ތައުލީމާއި ތަޖުރިބާ ހުރި މީހުންނެއް ނޫނެވެ. އަވައްޓެރި އިންޑިއާއާއި ރާއްޖެއާ ޖެއްސި ޖެއްސުމަށް އެކަނި ބަލައިލިޔަސް މިކަން ސާފުވާނެއެވެ. މި ހުންނަނީ ކުރީ ސަރުކާރުން ކަންކުރީ ވެސް މިހެންނޭ ބުނެ ނިންމާލާ ވަރަށް ވުރެ ބޮޑެތި ކަންތައްތަކެވެ. https://www.sun.mv/205665 ޒަމާންނުންސުރެ, ލިބޭ އާމްދަނީއަށް ވުރެ ކުރާ ހޭދަ އިންތިހާއަށް ބޮޑު މި ގައުމުގެ އިގުތިސާދު ހަމައަކަށް އަޅުވައި, ބާރު ބޮޑު ދާއިރާތަކުގެ ޚަރަދުތައް ކުޑަ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މަސައްކަތް ވެސް ފެށިއެވެ. އާސަންދައިގެ އިސްރާފު ކުޑަކުރުމާއި ސަބްސިޑީ ހަމަ މަގަށް އަޅުވަން ޕްލޭންތަކެއް ރާވައި މަސައްކަތްތަކެއް ފެށިއެވެ. އެންމެންނަށް ދޭ އުސޫލު ދޫކޮށް, ހަމައެކަނި އެއަށް ބޭނުން ޖެހިފައި ތިބި މީހުންނަށް އެ އެހީތައް ދޭ އުސޫލަށް ކަންކަން ބަދަލުކުރާނެކަން ސަރުކާރުން އިއުލާން ވެސް ކުރިއެވެ. ނަމަވެސް، މިހާރު ރާގު ބަދަލުވެއްޖެއެވެ. ކުރީ ސަރުކާރުތަކުން ކަންކުރި ގޮތަށް ކަންތައްތައް ބާއްވާނެ މަންޒަރު ފެންނަން ފަށައިފިއެވެ. ކޮރަޕްޝަން ވެސް ހަމަ އެހެންނެވެ. ކާނެ ވަރަކަށް ކަނީއެވެ. ވަރަށް ޕްރެޝަރު ބޮޑުވެއްޖެ ނަމަ ގެއަށް ފޮނުވާލައެވެ. ނޫނީ ހަމަ ބައިއަޅައިގެން ކާން ބައިތިއްބަނީއެވެ. ސިޔާސީ ޕްރެޝަރު ކުޑަކުރަން ކަމަށް ވިޔަސް މިއީ ގޯހެކެވެ. އިސްލާހުކުރަން އައި ބަޔަކު އިސްލާހުކުރަން ވާނެއެވެ. އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ވެސް ހަމަ މިގޮތެވެ. އާނއެކެވެ. ނިމިދިޔަ އެހެން ސަރުކާރުންތަކުން ހަމަ ވަރަށް ބޮޑަށް ނުފޫޒު ފޯރުވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ދެ ވެރިކަމާއި ޕީޕީއެމްގެ ވެރިކަން ވެސް ހިމެނޭ ގޮތަށެވެ. ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވެވި ދުވަހު ގައުމާ މުހާތަބުކުރައްވަމުން ވިދާޅުވީ، އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ. ނަމަވެސް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ކަން ހިނގާ ގޮތް ފެންނަނީ އެ ގޮތަކަށެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކަށް ވެސް ސަރުކާރުން ރުހޭ ގޮތް ނޫން އެހެން ގޮތަކަށް އަމަލުކުރާނެ ޖާގައެއް މިއަދު ކުޑަކޮށް ވެސް ނުފެނެއެވެ. ސުޕްރީމް ކޯޓަކީ އޭގެ އެންމެ ބޮޑު އެއް މިސާލެވެ. ސަރުކާރުން ހަމަ ނުރުހުމާ އެކު ރާއްޖޭގެ އެންމެ މަތީ ކޯޓު އެ އޮތީ ހުއްޓުވާލައިފައެވެ. އުއްތަމަފަނޑިޔާރެއް ނެތް ގައުމެކޭ މި ގައުމެކޭ ހުރި ތަފާތަކީ ކޮބާތޯއެވެ؟ އެ މަގާމަށް މުސާރައާއި އިނާޔަތްތަކާއި ރައްކާތެރި ކަމަށް ދައުލަތުން ކިތަންމެހާ ވެސް ބޮޑު ހޭދައެއް ހަމަ ކޮންމެ ދުވަހަކު ވެސް އެބަކުރެއެވެ. އެކަމަކު، އެ މަގާމުގެ މަސްއޫލިއްޔަތު އެބަ އަދާ ކުރޭތޯއެވެ؟ ދިވެހީން ބަދަލަކަށް ވޯޓު ދީދީ ވަރުބަލިވެއްޖެއެވެ. ސިޔާސީ ކަންކަމުން ފޫހިވެއްޖެއެވެ. ހަމަ ކޮންމެ ބަޔަކު ވެސް ވެރިކަމަށް އައިސް ކަންކަން އިސްލާހުކުރުމަށް ވުރެ ބަލަނީ އެހެން މޮޅު ގޮތަކަށް ހަމަ އެކަންކަން ކޮށްލެވޭތޯއެވެ. ބަދަލު ވަނީ މީހުންނެވެ. ކަންކުރާ ގޮތާއި ކުރާ ކަންތައް ބަދަލެއް ނުވެއެވެ. ދެން އެކަމުގެ ދިފާއުގައި މި ދައްކާ ވާހަކައަކީ "ކުރީގެ ސަރުކާރު"ން ކަންތައް ކުރި ގޮތުގެ ވާހަކައެވެ. މިއީ ދެކޮޅު ޖެހޭ ދިފާއެއް ނޫނެވެ. ކުރިން އިންމީހާ ވަރިކޮށްފައި އާ މީހަކާ އިންނަނީ ކުރިއަށް ވުރެ ރަނގަޅު, މޮޅު ގޮތެއް ހޯދާށެވެ. ހަމަ އިހު ކުރިގޮތަށް ކަންކަން ކޮށްފައި, ކުރިން އިންމީހާއޭ ކުރީ ސަރުކާރޭ ކިޔުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ