ބޮކްސް އޮފީހުގައި ފެއިލްވާ ފިލްމުތަކަށް ފައިސާ ނުނަގާ ކަމަށް އާމިރު ބުނެފި
ބޮކްސް އޮފީހުގައި ނާކާމިޔާބުވާ ފިލްމުތަކަށް އެއްވެސް އަގެއް ނުނަގާ ކަމަށް އިންޑިއާގެ އެކްޓަރު އާމިރު ޚާން ބުނެފިއެވެ. އަންނަ މަހު ރިލީޒްކުރާ އާމިރުގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕްރޮމޯޓުކުރުމަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ، ފިލްމަށް އެއްބަސްވާ އަގު ނަގަނީ އެ ފިލްމަކަށް ލިބޭ ފައިދާގެ ގޮތުގައި ލިބޭ އާމްދަނީއިން ކަމަށެވެ. އާމިރު މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއް ފެއިލްވެއްޖެ ނަމަ އެ ފިލްމަކަށް އާމިރު އަގެއް ނަގާފައި ނުވާނެ ކަމަށާއި އެފަދަ އެއް ފިލްމަކީ "ލާލް ސިންގް ޗައްދާ" ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އޭބީޕީ ނިއުސްއަށް ދިން އިންޓަވިއުގައި އާމިރު ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ކުޅެފައިވާ ފިލްމެއް ނާކާމިޔާބުވުމުގެ ޒިންމާ، އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ވެސް ނަގަންޖެހޭ ކަމަށެވެ. އާމިރު ލީޑް ރޯލް ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ"ގެ މަންޒަރެއްގައި ބަތަލާ ކަރީނާ ކަޕޫރު ޚާން--ފޮޓޯ/މިޑްޑޭ އެއީ އޭނާއެކަމުގައި ދެކޭ ގޮތް ކަމަށާއި އެއީ ވަރަށް ރަނގަޅު ގަވައިދެއް ކަމަށް ގަބޫލުކުރެވޭއިރު އެ ނިންމުމާ މެދު ފަހުން ވެސް ހިތާމަނުކުރާ ކަމަށެވެ. އާމިރުގެ ފިލްމެއް ބަލަންދާ މީހުން ތިއޭޓަރަށް ވަންނަނީ އެކްޓަރަށް އޮންނަ އިތުބާރެއްގެ ބޮޑު ކަމުން ކަމަށް ގަބޫލުކުރެވޭއިރު އެކަމުގެ ޒިންމާ އެހެން ބަޔަކު ނަގަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ފިލްމު "ގަޖްނީ"ގެ އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ އެކްޓަރުންނަކީ މިސާލަކަށް 60 ދުވަހަށް މަސައްކަތްކުރާ މީހެއްނަމަ އެ މުއްދަތަށް އަގު ނަގާ މީހުން ކަމަށް އާމިރު ވަނީ ބުނެފައެވެ. އެއީ ޕްރޮފެޝަނަލީ ބައެއް މީހުން މަސައްކަތްކުރާ ގޮތް ކަމަށާއި ނަމަވެސް އެއީ އާމިރުގެ ވިސްނުން އެކަމުގައި ގެންގުޅޭ ގޮތް ނޫންކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އޭގެ މާނައަކީ އެފަދަ އެކްޓަރުންނަށް އާމިރު ފާޑުކިޔަނީ ނޫން ކަމަށާއި ކޮންމެ އެކްޓަރަކީ ވެސް އަމިއްލައަށް ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ އެކްޓަރުން ކަމަށް ގަބޫލުކުރާ ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" އަންނަ މަހުގެ 20ގައި ސިނަމާތަކަށް ގެންނައިރު މި ފިލްމު ބޮއިކޮޓް ކުރުމަށް އިންޑިއާގެ ބައެއް މީހުން ވަނީ ގޮވާލާފައެވެ. އެހެންކަމުން މި ފިލްމުގެ ކާމިޔާބީއާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ