މިތުރާ ގަޔާވެލީ... 20
"އިޓްސް އޯކޭ... ރޫބީ އަހަރެންގެ ލައިފްއަށް އައިފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ..." އިކާން ބަލައިލީ ސީދާ ރޫބީގެ ދެލޮލަށެވެ. ******** "މިކަހަލަ ހިތްގައިމު މާހައުލެއްގެ އުފާވެރިކަމަކީ ކޮބައިކަން އަހަންނަށް އިހުސާސް މިކުރެވުނީ އަލަށް...." އިކާން ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. "ވިހި އަހަރު މިވީ... ރޫބީ ނޫން މީހަކާއެކީ މިހާ ސޭފް ފީލްއެއް ނުވޭ..." އިކާންގެ ދެލޮލުން ފެނުނީ އޭނާގެ ހިތެވެ. ދުލުން ބުނާ ބަހުގެ ތެދުކަމެވެ. އެ ދެލޮލުގެ ތެރެއަށް ގެނބިގެންދާން ރޫބީގެ ހިތް އެދެމުން ދިޔައެވެ. ހަނދުވަރުގެ ރިހި އަލީގައި ހަޔާތުގެ ބައިވެރިޔާއާއިއެކު ވަގުތު ހޭދަކުރުމަކީ ރޫބީ ދެކުނު ފޮނި ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަ ޖެހެމުންދިޔައީ ރޫބީ ކުޑަކޮށްވެސް އުއްމީދުކޮށްފައި ނުވާފަދަ ގޮތަކަށެވެ. އިކާންއާއި ކައިވެނިކުރަން އެއްބަސްވިޔަސް، ރޫބީގެ ހިތާއި ސިކުނޑި އަރާރުންވަނީއެވެ. ސަބަބަކީ މާޒީއެވެ. މާޒީގައި ބައްދަލުވި ގޮތް ނޭނގޭ ފަރާތަށް ރޫބީގެ ހިތުން ބައެއް ހާއްސަ ކުރެވިފައި އޮތުމެވެ. ރޫބީގެ ސިކުނޑި ބުނަމުން ދިޔައީ މާޒީއަށް ފީނައިލުމަށެވެ. ވިހި އަހަރު ކުރިން ރޫބީގެ ހިތުގައި ފެވުނު ނަން އިތުރަށް ފަވައިލުމަށެވެ. އެކަމަކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންތައް ބަދަލުވެއްޖެއެވެ. ވިހި އަހަރު ދުވަހު ރޫބީ ކުރި އިންތިޒާރަށް ނިމުން އައިއިރު، ރޫބީގެ ހިތުގައި އައު ވިންދެން ޖަހައިފިއެވެ. ކީއްވެ ހެއްޔެވެ؟ ރޫބީގެ ހިތް ބަލިކަށީ ހެއްޔެވެ؟ ޔަޒްދާނާއި ބައްދަލުވިނަމަވެސް، ރޫބީގެ ހިތުން މަގާމެއް ނުދެވުނެވެ. ރޫބީގެ ހިތުން ބައެއް ހާއްސަކުރި މީހަކީ ޔަޒްދާންކަން ގަބޫލުކުރަން ރޫބީގެ ހިތް ދެކޮޅުހަދަނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވި، ރޫބީގެ ހިތުގައި އެހެން ނަމެއް ފެވެން ފަށައިފިއެވެ. "އެހެންވެ މިބުނީ، ވަރަށް ލަކީދޯ؟..." ރޫބީއަށް އިވުނީ އިކާން ބުނި ޖުމުލައިގެ ފަހުބައެވެ. އެފަދަ ހިތްގައިމު މާހައުލެއްގައި، އިކާން ބުނަމުންދިޔަ ފޮނިފޮނި ޖުމުލަތައް ރޫބީގެ ކަންފަތާއި ހަމައަށް ވާސިލުވަނީ ހިތް ވިރިގެންދާހައި ފުރިހަމައަށެވެ. އިކާންގެ ދެތުންފަތަށް ހަރަކާތްކޮށްލާ މަންޒަރު ބަލަން ރޫބީ އިނީ ފޫހިކަމެއް ނެތިއެވެ. އެއީ އަމިއްލަ ހިތަށް ބޭވަފާތެރިވުންކަމުގައިވާނަމަ، ރޫބީއަށް އެކަން ކުރެވިއްޖެއެވެ. "ގޯސް ވާހަކައެއްތަ މި ދެއްކެނީ؟" އިކާންގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ. ރޫބީއަށް ބޯ ހޫރައިލެވުނީ އިހުތިޔާރުން ބޭރުގައެވެ. އިކާންގެ ދެލޮލުގެ ތެރެއަށް ގެނބެމުންދިޔަ ވަރަކަށް ރޫބީގެ ހިތް ފިދާވަމުން ދިޔައެވެ. ހިތުގައި އިކާންގެ ނަން ފެވެން ފެށިއެވެ. ކުރިން ފޫހިވި އެތައް ސިފައެއްދެކެ ގަޔާވެވެން ފެށުނެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތައް ފަދައިން ރޫބީގެ ހިތުގައި އައު އޮއެވަރެއް ދަތުރުކުރަން ފެށިއެވެ. އެ އޮއެވަރުގެ ތެރޭގައި ހިތުގެ ވިންދު އަވަސްކުރުވިއެވެ. އިކާންގެ މޭގައި ބޯ އަޅާލައިގެން އިނދެ ލޯ މަރާލަން ރޫބީގެ ހިތް އެދެން ފެށިއެވެ. އެ ފިނިފިނި ރޭގައި، އެފަދަ ހިތްގައިމު މާހައުލަކުން ދައުވަތު ދެނީ އެފަދަ ކަމަކަށެވެ. "އެއީ އެހާވަރުގެ ކަމެއް ނޫނޭ... އިޓްސްއޯކޭއޭ..." އިކާންގެ ކަންބޮޑުވެފައިވާ އަޑުގައިވީ އޯގާތެރިކަމެވެ. "ދެން އެކަމާ ދެރަނުވޭ!..." ރޫބީއަށް ހަމަހޭވެރިކަންވީ އިކާންގެ އިނގިލީގެ ބީހިލުން ކޯތާފަތުން އިހުސާސްކުރެވުމުންނެވެ. ލޮލުން ކަރުނަ ތިއްކެއް ވެއްޓުނުކަން ރޫބީއަށް އެނގުނީ އިކާން އެ ކަރުނަތިކި ފޮހެލަދިނުމުންނެވެ. "ސޮރީ..." ރޫބީ އަވަސް އަވަހަށް ތެދުވެގެން ދާން ހިނގައިގަތެވެ. "ވެއިޓް..." އިކާން ރޫބީގެ އަތުގައި ހިފައިލިއެވެ. "ވާރޭ ވެހެން ކަންނޭނގެ އެ އުޅެނީ..." އިކާން ކުޑަކޮށް ދުވެލާފައި ގޮސް އެނބުރި އައީ ރޫބީގެ ފައިވާން ހިފައިގެންނެވެ. އަވަހަށް ދާންހަދައިގެން ރޫބީ އޭނާގެ ފައިވާންމަތިންވެސް ހަނދާން ނެތުނެވެ. އިކާންގެ ކައިރިން ސަލާމަތްވާން އުޅުނަސް، ތަގުދީރު އެ ފުރުސަތެއް ނުދެއެވެ. ދެމީހުން އެއްތަން ކުރުވައެވެ. "އަރުވަދޭންވީތަ؟..." އިކާން ގުދުވެލާފައި ރޫބީގެ ފައި ކައިރީގައި ފައިވާން ބޭންދިއެވެ. ރޫބީ އަވަސް އަވަހަށް ފައިވާނަށް އެރިއެވެ. އިކާން ހެމުން ރޫބީގެ ފަހަތުން ދިޔައިރު، ކާރު ކައިރީގައި ފަޒާލް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އިކާން ކަން ގަބޫލުކުރަން ދަތިވާ ވަރަށް ރޫބީގެ ކައިރީގައި އިކާން އުޅޭގޮތް ތަފާތެވެ. ******** ނަޖާތަށް ބަލަން ހުރި ޔަޒްދާންގެ ހިތަށް ހަމްދަރުދީ ވަނެވެ. ނަޖާތު ރޯތަން ފެނުމުން، ހިތް މަޑު ކަފަކޮޅަކަށް ބަދަލުވިއެވެ. ނަޖާތުގެ ކަރުނަތަކުން ޔަޒްދާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. މާޒީގެ ބިރުވެރި ހާދިސާތަކުން ދުވަހެއް އައިސް ޔަޒްދާންގެ ސިކުނޑީގައި ޓަކިދިނެވެ. 20 އަހަރު ކުރި ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަން ދިހަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާގެ އަތުގައި ބޯޅައެއް އޮތެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އެކުއްޖާ ހުއްޓުނީ އެނދު ކައިރީގައެވެ. އެނދުގައި އޮތް ހަމަ އެ އުމުރުގެ ފިރިހެން ކުއްޖާ އޮތީ، މޫނާއި ހަމައަށް ރަޖާ އަޅައިގެން އަރާމު ނިންޖަކުން ނިދާލާފައެވެ. "ތެދުވޭ!... މީ ނިދާ ގަޑިއެއް ނޫން... އަވަސްކުރޭ!..." ޔަޒްދާން ފަންކާ ނިވާލިއެވެ. "އިކާނޫ.... އިކާނޫ...." އިކާންގެ ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ދަމައިގަންނަމުން ޔަޒްދާން ގުދުވެލިއެވެ. އިކާންގެ ކަންފަތަށް ފުމެލިއެވެ. އިކާން ބަލިގޮތަކަށް ލޯ ހުޅުވައިލިއެވެ. ދެފަރާތަށް ބޯ ހޫރައިލާފައި، ރަޖާގަނޑު ގެނެސް މޫނާއިއެކު ފޮރުވައިލިއެވެ. "ބޭބީ ކުއްޖާ..." ޔަޒްދާން އަނެއްކާވެސް ރަޖާގަނޑު ދަމައިގަތެވެ. "މިއަދު ނުދެވޭނެއޭ..." ޔަޒްދާންގެ އަތުގައި އޮތް ބޯޅައިގައި ފައިން ޖަހައި، ދުރަށް ހޫރައިލަމުން އިކާން ބުނެލިއެވެ. "އިއްޔެ ދިޔާމަވެސް މަންމަ ހުރީ ރުޅިއައިއްސަ..." "މަންމައަކަށް ނޭނގޭނެއޭ... ހާސްނުވޭ!... ނުގޮއްސިއްޔާ، އަހަރެމެން ބަލިވީކަމަށް އެމީހުން ނިންމާނީ.. އޭރުން ބޭބީ ކިޔާފަ އަހަރެމެންނަށް ގޮވާނީ...." ޔަޒްދާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. "ކޮންތާކަށް ދާ ވާހަކައެއް ތި ދައްކަނީ؟" ކޮޓަރި ދޮރު ހުޅުވައިލި ފަލާހާއަށް ޔަޒްދާންގެ ކައިރީގައި އޮތް ބޯޅަ ފެނުނެވެ. "އިއްޔެވެސް ބުނީމެއްނު ބޮޑު މީހަކާ އެކީ ނޫނީ ބޭރަށް ގޮސްގެން ނުވާނޭ... ފާޑުފާޑުގެ މީހުން އުޅޭނެ... ކަމެއް ވާނީ ބުނެފައެއް ނޫން..." "މަންމާ... ޔަޒްދާން އެއައީ އަޅުގަނޑު ބުނެގެން..." ޔަޒްދާންގެ ދިފާއުގައި އިކާން ތެދުވިއެވެ. "ޔަޒްދާންއަކަށް ނުފެނޭތަ ނަގާފަ ހުރި ވިލާގަނޑެއް... އިކާން އެއޮތީ ހުންވެސް އައިއްސަ... މިއަދު އެއްގޮތަކަށްވެސް ބޭރަށް ނުކުންނާނެ ކަމެއް ނެތް... އިކާންގެ ބައްޕައަށް ފާޑެއްގެ ފޯނުކޯލެއްވެސް އައިއްސަ އޮތީ... ޔަޒްދާން ތީ ވަރަށް ވިސްނޭ ކުއްޖެއްނު... ދައްތަގެ ބަސްއަހައިގެން އަވަހަށް ދޭ ކޮޓަރިއަށް..." ފަލާހާ މަސައްކަތް ކުރީ ޔަޒްދާނަށް ވިސްނައިދޭށެވެ. ޔަޒްދާން އިސްޖަހާލައިގެން ހުރެ، އިކާންގެ ކޮޓަރިން ނުކުމެގެން ޖެހިގެން ހުރި އޭނާގެ ކޮޓަރިއަށް ވަނެވެ. ފަލާހާ ދާހާއިރުކޮށްފައި ޔަޒްދާން އޭނާގެ ކޮޓަރިން ނުކުތެވެ. އިކާންގެ ކޮޓަރިއަށް ދިޔުމުގެ ކުރިން، ފަލާހާއާއި ނާޝިޒްގެ ކޮޓަރި ކައިރީގައި ޔަޒްދާން އިރުކޮޅަކު މަޑުކޮށްލިއެވެ. އޭނާ އެނބުރި ދާން ހިނގައިގަތް ވަގުތު ފަލާހާ ބުނި އެއްޗެއް އަޑު އިވިފައި ވަގުތުން ފިޔަވަޅުތައް ހުއްޓުނެވެ. "ޔަޒްދާނަކީ ނާޝިޒްގެ ދަރިއެއް ނޫނޭ ނުބުނެވިގެން ތިއުޅެނީ ކީއްވެތަ؟ އަދިވެސް އެންމެނަށް އެކަން ހާމަކުރާކަށް ނުވޭތަ؟..." ރިހުން އެކުލެވޭ ރާގަކަށް ފަލާހާ ބުނެލިއެވެ. "ނާޝިޒް ކައިރީ އޭރުވެސް ބުނީމެއްނު އޭނަ މިގެއަށް ގެންނަ ހިސާބުން މީހުން އެކަހަލަ ވާހަކަ ފަތުރާނެއޭ... އަހަންނަށް ނުކެރޭ މިހާރު އަހަރެންގެ އާއިލާ މީހެއްގެ ކުރިމައްޗަށް އަރަންވެސް... އެންމެންވެސް އަހަނީ އެވާހަކަ... ނާޝިޒް ކިތަންމެ ވަރަކަށް ބުންޏަސް، އިންކާރު ކުރިޔަސް، ދެން އެކަކުވެސް ގަބޫލެއް ނުކުރާނެ އެއީ ނާޝިޒްގެ ދަރިއެއް ނޫންކަމަކަށް... އަހަރެން އަޖައިބުވޭ އޭނަގެ މަންމަ އޭނަ ނާޝިޒާ ހަވާލުކުރީމަވެސް..." "އެއީ ކުޑަކުޑަ ކުއްޖެކޭ ފަލާ..." ވިސްނައިދޭ ރާގަކަށް ނާޝިޒް ބުނެލިއެވެ. "އާއިލާގަ އަޅާލާނެ މީހަކު ނެތް ނިކަމެތި ކުއްޖެއް... މަންމައެއް ދުނިޔެއަކު ނެތް... ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، ފަލާ އަހަންނަށް އިތުބާރު ކުރަންޏާ، އަހަންނަށް އެ ނިމުނީ... އިތުރު މީހަކަށް އެއީ އަހަރެންގެ ދަރިއެއް ނޫންކަން ޔަގީންކޮށްދޭކަށް އަހަންނަކަށް ނުޖެހޭނެ..." "އަހަންނަށް އުނދަގޫވެޔޭ އެވާހަކަތައް އަޑުއަހަން..." ފަލާހާގެ އަޑު ކުރެހުނެވެ. "ޔަޒްދާން އެ އުޅެނީ އުމުރަށްވުރެ ދޮށީކޮށް... އަހަރެން ހިތްހަމައެއް ނުޖެހޭ އޭނަޔާ އެކީ އިކާން އަބަދު ބޭރަށް ދާކަށް... އިކާނަކީ ބަލިކުއްޖެއް... އެހެން ގޮސް އުޅޭއިރު ދެރަގޮތެއް ވެއްޖެއްޔާ..." "ފަލާ މިހާރު ތިވިސްނަނީ..." ނާޝިޒްގެ ޖުމުލަ ފުރިހަމަނުކުރެވުނީ ދޮރުގައި އެއްޗެއް ޖެހުނު އަޑު އިވުމުންނެވެ. ނާޝިޒް ދޮރު ހުޅުވައިލިއިރު، ޔަޒްދާން ބާރުބާރަށް ގޮސް ކޮޓަރިއަށް ވަންނަނީއެވެ. ދޮރުގައި ލެނގިލައިގެން ހުރި ޔަޒްދާންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އޭނާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅު ތެންމައިލިއެވެ. އަމިއްލަ މަންމައާއި ބައްޕައެއްގެ ދަރަޖަ ދީގެން އުޅުނު ދެމަފިރިން ދެއްކި ވާހަކައިން ޔަޒްދާންގެ ހިތުގައި ކޫރުމެއް އެޅުނެވެ. ހިތް ގޯސްވިއެވެ. އިކާނާއިމެދު ހިތުގައި ހަސަދަވެރިކަމެއް އުފެދުނެވެ. އެތައް އިރަކު އެގޮތުގައި ހުރެފައި ޔަޒްދާން ނުކުތެވެ. ފަލާހާއާއި ނާޝިޒް ބޭރަށް ނުކުތްކަން ޔަގީންކުރުމަށްފަހު، ޔަޒްދާން ގޮސް އިކާންގެ ކޮޓަރިއަށް ވަނެވެ. އޭރު އިކާން ހުރީ ބޭރަށްދާން ތައްޔާރުވެގެންނެވެ. "މަންމަ އެހެން ބުނާ އެއްޗަކަށް ދެރަނުވައްޗޭ... ތީ އަބަދުވެސް އެންމެ ބެސްޓް..." އިކާން ބޮޑުވައި އިނގިލި އުފުލައިލިއެވެ. އިކާނާއިއެކު ގެއިން ނުކުތްއިރުވެސް ޔަޒްދާންގެ ތަބީއަތު ރަނގަޅެއް ނުވެއެވެ. ހިތަށް ވެފައި ހުރީ އުނދަގޫ ގޮތެކެވެ. ވަކި ހިސާބަކަށް ދިޔަފަހުން، ބޯޅަ ނުލައި އާދެވުނުކަން ހަނދާންވެ، ޔަޒްދާން ގެއަށް ދިޔައީ ބޯޅަ ބަލައެވެ. "އަހަރެން އަންނަންދެން މިތާ ހުރޭ!..." ޔަޒްދާންގެ އަޑުގައި ކުރިން ނުހުންނަ ދުރުކަމެއް ހުއްޓެވެ. "އެކަނި ހުންނާކަށް ނުކެރޭނެ!... ބިރުގަނޭ!" އިކާން ބޭނުންވީ ޔަޒްދާނާއިއެކު ދާށެވެ. "ބޭނުންތަ އެންމެން ބޭބީ ކިޔަން؟..." ޔަޒްދާން ކުޑަކޮށް ހަރުކަށި ރާގަކަށް ބުނެލިއެވެ. މަގުމަތީގައި އިކާން ހުރީ އެކަންޏެވެ. ދުވަހަކުވެސް އިކާން އެކަނި ދޫކޮށްލާފައި ދުރަށްވެސް ޖެހިނުލާ ޔަޒްދާން އެދުވަހު އިކާން އެތަނުގައި މަޑުކުރުވީ ފަހަރެއްގައިވެސް އިކާނަށް ގެއްލުމެއް ދިނުމުގެ މަގުސަދުގައެއް ނޫނެވެ. އެދުވަހު ޔަޒްދާނަށް ހެދުނު އެންމެ ގޯހަކުން، އިކާންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނީއެވެ. ޔަޒްދާންއަށް އިކާން ފެނުނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އެދުވަހު ފަލާހާ ޔަޒްދާނަށް ބެލިގޮތާއި، ނާޝިޒްގެ ފަރާތުން ފެނުނު ދުރުކަން ޔަޒްދާންގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ޔަޒްދާނަށް ހިޔާލުތަކުން ދުރުވެވުނީ ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. އިސްކްރީނަށް އަރާފައި އޮތް ނާޝިޒްގެ ނަން ފެނުމުން، ޔަޒްދާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ފޯނު ނަގަމުން ޔަޒްދާން ގޮސް ވަނީ ކޮޓަރިއަށެވެ. "މާދަމާ ބިޒީތަ؟" ނާޝިޒް އަހައިލިއެވެ. "ނޫން..." ޔަޒްދާން ދިނީ ކުރު ޖަވާބެކެވެ. "ބިޒީ ނޫނިއްޔާ މާދަން ގެއަށް އަންނައްޗޭ..." ނާޝިޒްގެ އަތުން ފޯނު އަތުލާފައި ފަލާހާ ބުނެލިއެވެ. ޔަޒްދާން ފިނިވިއެވެ. ފަލާހާގެ އަޑު އިވޭ ކޮންމެ ފަހަރަކު ޔަޒްދާންގެ ހިތަށް ތޫނު ތަދެއް ވެއެވެ. މާޒީ ހަނދާންވެއެވެ. އެހެނަސް، އެދުވަހެކޭ އެއްގޮތަށް މިއަދުވެސް ޔަޒްދާންގެ ހިތުން ފަލާހާއަށް ދެވިފައިވާ މަގާމަކަށް ބަދަލެއް ނާދެއެވެ. އެއީ ޔަޒްދާންގެ ދެވަނަ މަންމައެވެ. "ހަލޯ... ފޯނު ކެނޑުނީ ކަންނޭނގެ..." ފޯނުގެ އަނެއްކޮޅުން އަޑެއް ނީވުމުން، ފަލާހާ ނާޝިޒްގެ އަތަށް ފޯނު ދޭން އުޅުނެވެ. "ދާނަން..." ޔަޒްދާން ބުނެލިއެވެ. ފަލާހާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އިތުރު އެއްޗެއް ބުނަން މަސައްކަތްކުރި ނަމަވެސް ފަލާހާގެ ދުލަށް އެކައްޗެއްވެސް ނައެވެ. އޭނާގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ޔަޒްދާނާއިމެދު ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ފަލާހާ ގަބޫލުކުރެއެވެ. އެކަމާ ދެރަވެއެވެ. ޔަޒްދާން ފޯނު ކަނޑައިލި އަޑު އިވުމުން، ފަލާހާ ނާޝިޒްގެ އަތަށް ފޯނު ދިނެވެ. "ޔަޒްދާން އަދިވެސް އަހަރެމެންނާ އެހާ ދުރީ ކީއްވެތަ؟" ފަލާހާއަށް ޝަކުވާ ކުރެވުނެވެ. ނާޝިޒް ފަލާހާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. ފޯނު ތިރިކޮށްލިގޮތަށް ޔަޒްދާން އެތައް އިރަކު ގަބުވެފައި ހުއްޓެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ފައިބަން ފެށިއެވެ. މާޒީގެ ހަނދާންތަކުން ހިތަށް ލިބުނު ވޭން އިތުރުވީއިރު، ފަލާހާގެ އަޑުން ޔަޒްދާންގެ ހިތަށް ކުޑަ ލުޔެއް ލިބުނެވެ. މަޔެއްގެ ލޯބި ޔަޒްދާން ބޭނުންވީ ފަލާހާގެ ކިބައިންނެވެ. އެލޯބި މާޒީގައި އެންމެ ފުރިހަމައަށް ނުލިބުނު ކަމުގައިވީނަމަވެސް، މިއަދުވެސް ޔަޒްދާންގެ ހިތް އެދުނީ އެލޯތްބަށެވެ. ޔަޒްދާން ބޭރަށް ނުކުތީ ފެންވަރާ ތާޒާވެލައިގެންނެވެ. ފެނުނީ ޔަޒްދާން ކުޑަކޮށްވެސް އުއްމީދުކުރި މަންޒަރެއް ނޫނެވެ. ނަޖާތެއް ނެތެވެ. ނަޖާތުގެ އަތާއި ފައިގައި އެޅި ޓޭޕުތައް ސޯފާމަތީގައި އޮތެވެ. ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. ނަޖާތު އިން ހާލުން އެކަނި ސަލާމަތްވެގެން ނުދެވޭނެކަން ޔަޒްދާނަށް އެނގެއެވެ. ސޯފާގެ ކައިރިއަށް ދިޔުމުން، ޔަޒްދާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ސޯފާމަތީގައި ހުދުކުލައިގެ ކުޑަ ކަރުދާސްކޮޅެއް އޮތެވެ. ކަރުދާސްކޮޅު ކިޔައިލުމާއިއެކު، ޔަޒްދާންގެ މޫނުން ފެނުނީ ހައިރާންކަމެވެ. "ރޫބީ.... ކަލޭގެ ބަލި ފަޔަކީ ރޫބީ... އެހެންނު... މި ކަން ހިތި ގޮތަކަށް ނިމޭނެ... ތިކުރާ ކަންތައް ހުއްޓާލާ!..." ކަރުދާސްކޮޅު ކިޔާ ނިމުނުއިރު، ޔަޒްދާންގެ އަތުގެ ތެރޭގައި އެ ކަރުދާސްކޮޅު ބޮނޑިވެއްޖެއެވެ. "ޝިޓް ޝިޓް..." ޔަޒްދާނަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. "ރޫބީ..." ފޯނު ނެގިއިރު، ޔަޒްދާންގެ ދެއަތް ތުރުތުރު އަޅައެވެ. ރޫބީގެ ފޯނު ނަންބަރު ހޯދުނީވެސް އެތައް މަސައްކަތެއް ކޮށްގެންނެވެ. ******** ކާރު ދަތުރުކުރަމުންދިޔައީ މަޑު ދުވެއްޔެއްގައެވެ. އިކާންގެ ނަޒަރު ރޫބީއަށް ހުއްޓިފައިވިޔަސް، ރޫބީ އިނީ ބޭރު ބަލާށެވެ. އޭނާ އިނީ ގެއަށް ދެވޭލެއް ލަސްވެފައެވެ. އިކާން ބަލަން އިންކަން އެނގޭތީ، ރޫބީގެ ދެކޯތާފަތް ވަނީ ލަދުން ރަތްވެފައެވެ. ރޫބީ ބޭނުންވީ އިކާންގެ ނަޒަރުން ސަލާމަތްވެގެން ގެއަށް ދާށެވެ. އިކާންމެން ދަތުރުކުރަމުންދިޔަ ކާރުގެ ފަހަތުން ދެ ސައިކަލު އައީ އެމީހުންނަށް ފާރަލަމުންކަން ފަޒާލްއަށް ޔަގީންވީ، ރޫބީ އުޅޭ ގޭ މަގަށް އެޅިފަހުންނެވެ. ރަސްފަންނުން ކާރު ނައްޓާލީއްސުރެ އެ ދެ ސައިކަލު ކާރުގެ ފަހަތުން އައިކަން ފަޒާލަށް އެނގެއެވެ. ދެ ސައިކަލުގައި ތިބި ދެމީހުންވެސް ތިބީ ހެލްމެޓް އަޅައިގެންނެވެ. މޫނެއް ނުފެނެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ