ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް ނިންމައިފި

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލައިފި އެވެ.އެކަން ހާމަކުރެއްވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ މި ބްރިޖުގެ އެންމެ ފަހުގެ ފޮޓޯތަކާ އެކު މުއްތޮލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ."ޖުމްލަ 263 ޕައިލް ވަނީ އެއްގަމާއި ކަނޑުމަތީގެ 68 ތަނެއްގައި ޖަހާފައި. މި މުހިންމު މަރުހަލާ ނިމުމާ އެކު، މަޝްރޫއުގެ %60.84 ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.ތިލަމާލެ ބްރިޖްގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް މިދިޔަ އޭޕްރީލް މަހު ވަނީ ބަހައްޓައިފަ އެވެ.އިންޑިއާ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ގުޅީފަޅުގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ.އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ