ސޯހާ އާއި ކުނާލް މިފަހަރު ތިބީ ކޮމޯ މާލިފުށީގައި
އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ސޯހާ އަލީ ޚާން އާއި ކުނާލް ކެމޫގެ ދެމަފިރިން ރާއްޖެ އަތުވެއްޖެއެވެ. ސޯހާ އާއި ކުނާލް ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ބެލެވޭ ގޮތުގައި ސޯހާ އާއި ކުނާލްގެ މި ދަތުރަކީ, މިއަދު އުމުރުން 42 އަހަރު ފުރުނު ކުނާލްގެ އުފަން ދުވަސް ފާހަގަކުރުމަށް ކުރި ޚާއްސަ ދަތުރެކެވެ. އާއްމުކޮށް މި ދެމަފިރިން ޗުއްޓީއަށް ކުރާ ދަތުރުތަކުގައި ދަރިފުޅު އިނާޔާ ބައިވެރިވާއިރު މި ފަހަރުގެ ދަތުރުގެ ފޮޓޯތަކުން އިނާޔާ ފެންނާކަށް ނެތެވެ. މީގެކުރިން ވެސް އެކިފަހަރު މަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ސޯހާ އާއި ކުނާލްގެ ދެމަފިރިން މިފަހަރު މަޑުކޮށްލައިގެން ތިބީ ތ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ކޮމޯ މާލިފުށީގައެވެ. ސޯހާގެ އާއިލާ މިދިޔަ އަހަރު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ޕިންކްވިލާ ކޮމޯ މާލިފުށީގެ ލަގްޒަރީ ވިލާއެއްގައި ނަގާފައިވާ ފޮޓޯތައް ސޯހާ އާއި ކުނާލް ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ކޮމޯ މާލިފުށީގެ ވިލާގެ ސުވިމިންގްޕޫލްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ސޯހާ ބުނެފައި ވަނީ ދިވެހިރާއްޖެއާ މެދު އޭނާގެ ހިތުގައި ވަރަށް ބޮޑު ލޯތްބެއް އޮންނަ ކަމަށެވެ. ސޯހާ އާއި ކުނާލް އެންމެފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެތެރޭގައެވެ. އެ ދަތުރުގައި ސޯހާގެ އާއިލާއިން ޗުއްޓީ ހޭދަކުރީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓުގައެވެ. ފިލްމު "ރަންގް ދެ ބަސަންތީ" އަދި "ދިލް މާންގޭ މޯ" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ފިލްމު "ޗޯރީ 2"ގެ ރޯލަކުންނެވެ. ކުނާލް އެންމެފަހުން ފެނިފައި ވަނީ 2023ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކަންޖޫސް މަކީޗޫސް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ