އެމެރިކާ އިން ސީރިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އަމަލު ކުރަން ފަށައި ދަތިކުރުމުގެ ފިޔަވަޅުތައް ނަގައިފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޝަރީން ވަނީ އެކި ފަރާތްތަކަށާއި ޖަމިއްޔާތަކަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުކުރު ދުވަހު އިއުލާނުކޮށްފަ އެވެ. އެއީ "[ޓްރަމްޕްގެ] އެމެރިކާ ފަސްޓް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތަށް އާ އިންވެސްޓްމަންޓްތަކާއި ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވްތަކަށް ފުރުސަތު ދިނުމަށް" ކަމަށް އެ އިއުލާނުގައި ބުނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ 2019 ވަނަ އަހަރުން ފެށިގެން ގާނޫނަކަށް ލުޔެއް ދީފަ އެވެ. އެ ލުޔާ އެކު ބޭރުގެ ފަރާތްތަކަށް ސީރިއާ ހުޅުވި، ބޭރުގެ އިންވެސްޓްމަންޓަށް ފުރުސަތު ހުޅުވޭނެ ކަމަށާއި ސަރަހައްދީ ގުޅުންތައް ވެސް ވަރުގަދަ ވާނެ ކަމަށް ސީރިއާ އިިން ބުނެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ލުއިތަކުގެ ސަބަބުން ކަރަންޓާއި ހަކަތަ އާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެ، މުޅި ސީރިއާ މިހާރަށް ވުރެ ހަރުދަނާ އިންސާނީ އިޖާބައެއް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ހުއްދަތަކުގެ ތެރޭގައި ސީރިއާގައި އާ އިންވެސްޓްމަންޓްތަކާއި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ސީރިއާގެ ޕެޓްރޯލިއަމްގެ ބާވަތްތައް ހިމެނޭ މުއާމަލާތްތައް ހިމެނެ އެވެ.
"މިއަދުގެ އަމަލުތަކަކީ ސީރިއާ އާއި އެމެރިކާއާ ދެމެދު އާ ގުޅުމެއް ގާއިމުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅި ފުރަތަމަ ފިޔަވަޅު،" މާކޯ ރުބިއޯ ހުކުރު ދުވަހު ވިދާޅުވި އެވެ.
ޓްރަމްޕް ބައިނަލްއަގްވާމީ މުޖުތަމައު ހައިރާންކޮށްލީ، ސީރިއާގެ ކުރީގެ ލީޑަރު، ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް މި މަހުގެ 13 ވަނަ ދުވަހު ވައުދުވެވަޑައިގަތުމުންނެވެ.
ހުކުރު ދުވަހުގެ އިއުލާނުތަކުން ރަމްޒުކޮށްދެނީ ބައްޝާރުލް އަސަދުގެ ވެރިކަމުގައި ހިންގާފައިވާ އަމަލުތަކާއި 13 އަހަރުގެ ދާހިލީ ހަމަނުޖެހުންތަކުން ސީރިއާ ސަލާމަތްވާން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ހުކުރު ދުވަހުގެ އިއުލާނުތަކުން ރަމްޒުކޮށްދެނީ އެ އަމާޒަށް ވާސިލްވުމަށް އެޅޭ ފުރަތަމަ ފިޔަވަޅަށެވެ. އަސަދުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާއި 13 އަހަރުގެ ދާހިިލީ ހަމަނުޖެހުންތަކުން ސީރިއާ ވަނީ ވަރަށް ފަހަތަށް ޖެހިފަ އެވެ. އެމެރިކާގެ އެ ފިޔަވަޅުތަކުގެ ސަބަބުން އެކަމުން އަރައިގަތުމަށް މަގުފަހިވާނެ އެވެ.
އެމެރިކާއިން ސީރިއާއަށް އެޅި ދަތިކުރުމުގެ ފުރަތަމަ ފިޔަވަޅުތައް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ