ނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕް 'އެމްއެސް ހެބްރިޑިއަން ސްކައި' 100 ވަރަކަށް ފަތުރުވެރިންނާ އެކު މިއަދު ހެނދުނު އައްޑުއަށް ބަނދަރުކޮށްފި އެވެ.
އެ ކްރޫޒް ޝިޕުން އައި 100 ވަރަކަށް ފަތުރުވެރިން ފޭބީ މަރަދޫ ބަނދަރަށެވެ. އޭގެ ތެރޭގައި ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.
ތަފްސީލު - މަރަދޫ އަވަށު އޮފީހުން އިންތިޒާމުކުރި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމްބަރުން ވަނީ މަރަދޫ ބަނދަރު ސަރަހައްދުން ފަތުރުވެރިންނަށް މަރުހަބާ ކިޔާފަ އެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހަރަކާތްތައް ހުށަހަޅައިދީ، ސަގާފީ ބައެއް ތަކެތި ވެސް އެ މީހުންނަށް ދައްކާލި އެވެ.
ރަސްމިއްޔާތަށް ފަހު އައްޑޫގެ އީކޯ ޓޫރިޒަމް އާއި މެރިން ކޮންޒަވޭޝަނަށް މަސައްކަތްކުރާ މަންޓާ އެކްސްޕެޑިޝަންސް ގްރޫޕުން ވަނީ އައްޑޫގެ ގުދުރަތީ ރީތިކަން ދައްކައިދޭ ޓުއާއެއް ފަތުރުވެރިންނަށް ދީފަ އެެވެ.
ފަތުރުވެރިން މިއަދު ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި އައްޑޫ ނޭޗާ ޕާކާއި އެ އަތޮޅުގެ ތާރީހު ދައްކުވައިދޭ 'ކޮށިދޮރަގެ އައްޑޫ ހެރިޓޭޖު ހައުސް' ހިމެނެ އެވެ.
ފާހަގަކޮށްލެވޭ - އެމްއެސް ހެބްރިޑިއަން ސްކައިއަކީ ކުޑަ އެހެން ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ކްރޫޒް ޝިޕެކެވެ. މިއީ މިފަދަ ކުދި ކްރޫޒް ޝިޕްތަކުގެ ތެރެއިން ދުނިޔޭގެ ވެސް އެންމެ ފެންވަރު ރަނގަޅު އެއް އުޅަނދެވެ.
ލަގްޒަރީ ކްރޫޒް ޝިޕަކުން އައްޑޫއަށް 100 ވަރަކަށް ފަތުރުވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ