ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ގދ. ފިޔޯރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.ފިޔޯރީ ބަނދަރު އަލުން ހެދުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ އިއްޔެ ހަވާލުކުރީ 38 މިލިއަން ރުފިޔާ އަށެވެ. އޭގެ ތެރޭގައި ހިމެނެނީ އާ ބަނދަރު ފުންކުރުމާއި ބަނދަށް ވަންނަ ނެރު ފުންކުރުމާއި ރޭމްޕް ހެދުމާއި ބެލް ފިލް ކުރުމާއި ރިވެޓްމަންޓާއި އެއްގަމު ތޮށްޓާއި މަގުބައްތި އާއި ނެރު ބައްތި ޖެހުމާއި މޫރިންގް ރިންގް ހަރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. ގދ. ފިޔޯރީގެ ބަނދަރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ދައުލަތުގެ ރިކަރަންޓު ހަރަދަށް މިހާރު ވެސް 40 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި އެހެންވެ ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވުމުން އަބަދުވެސް ޖެހެނީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަން ކަމަށެވެ.އެހެންވެ، ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ބޮޑެތި ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ލޯނު ނެގުމުގައި ރާއްޖެ އަށް ދަތިތައް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."އެ ކަންތައް ރައްޔިތުން ގަބޫލު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަގީގަތުގައި އަޅުގަނޑުމެން މަޝްރޫއެއް ހިންގަން ބޭނުންވާއިރު، ގޮސްފައި ބޭނުން ވަގުތަކު ލޯނު ނަގައިގެން އައިސް ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެ ވަރަަކަށް ލޯނެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ