ބޭރުގެ ފިލްމުތަކުން %100 ޓެރިފް ނަގަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބޭރު ގައުމުތަކުގައި އުފައްދާ ފިލްމުތަކުން %100 ޓެރިފް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި އެކަން އެގޮތަށް ނިންމެވީ ބޭރު ފިލްމުތަކުގެ ވާދަވެރިކަން ބޮޑުކަމުން އެމެރިކާގެ ފިލްމީ ދާއިރާއަށް އެއްވެސް ކުރިއެރުމެއް ނުލިބޭތީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ބޭރުގެ ގައުމުތަކުގައި އުފައްދާ ހުރިހާ ފިލްމަކުން ޓެރިފް ނެގުމުގެ މަސައްކަތް ވަގުތުން ފެށުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އާއި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އަށް އަންގަވާފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ ފިލްމު އުފައްދާ ފަރާތްތަކާއި ސްޓޫޑިއޯތައް އެމެރިކާއާ ދުރަށް ގެންދިއުމަށް އެހެން ގައުމުތަކުން ހުރިހާ ބާވަތެއްގެ އިންސެންޓިވްތަކެއް ދެމުން އެބަދޭ،" އެމަނިކުފާނުގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ވިދާޅުވިއެވެ. އެހެންވެ އެމެރިކާގައި މިހާރު އުފައްދަނީ ވަރަށް މަދު ފިލްމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އެހެން ގައުމުތަކުން ވަނީ އަޅުގަނޑުމެންގެ ފިލްމީ އިންޑަސްޓްރީ ވަގަށް ނަގާފައި. އެމެރިކާގައި ފިލްމެއް ހަދަން އެ މީހުން ތައްޔާރަށް ނެތް ނަމަ އެމެރިކާއަށް އަންނަ ފިލްމުތަކުން ޓެރިފެއް ނަގަން ޖެހޭނެ،" ނަމަވެސް އެފަދަ ޓެރިފެއް ނަގަން އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ. ގޮންޖެހުންތަކެއް ހުރި ނަމަވެސް އެމެރިކާއަކީ ދުނިޔޭގެ ފެންވަރުގައި ފިލްމު އުފެއްދުމުގެ ބޮޑު މަރުކަޒެއްގެ ގޮތުގައި ދެމިއޮތް ގައުމެއް ކަމަށް ފިލްމު އިންޑަސްޓްރީގެ ރިސާޗް ކުންފުންޏެއް ކަމަށްވާ ޕްރޮޑްޕްރޯ އިން ބުނެއެވެ. އެ ކުންފުނީގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެމެރިކާއިން ވަނީ 14.54 ބިލިއަން ޑޮލަރު ފިލްމު އުފެއްދުމަށް ޚަރަދުކޮށްފައެވެ. ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން އެ އަދަދު ވަނީ 26 އިންސައްތައަށް ދަށްވެފައި ކަމަށް އެ ރިޕޯޓުގައިވެއެވެ. ކޮވިޑް-19 އާއި 2023ވަނަ އަހަރު އެކްޓަރުންނާއި ލިޔުންތެރިންގެ ކުރި ހަޅުތާލުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ހޮލީވުޑްގެ ވިޔަފާރީ ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. ހޮލީވުޑް ސްޓޫޑިއޯތަކަށް މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2023ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތް ޕަސެންޓް ދަށް އަދަދެއް ކަމަށް ގަވާ ސްޓްރީޓް އެނަލިޓިކްސް އާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ޓްރަމްޕް ގެންގުޅުއްވާ އާ ވިޔަފާރީގެ އުސޫލުގެ ދަށުން އެހެން ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތަ ޓެރިފް ނެގުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް ޓެރިފް ރޭޓަށް އަމަލުކުރުން ޗައިނާ ފިޔަވައި، އެހެން ގައުމުތަކަށް 90 ދުވަހަށް މެދު ކަނޑައިލުމަށް ޓްރަމްޕް ވަނީ އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ