ލަންޑަން (މެއި 5) - އާސެނަލަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ، އަށް ރެއާލް މެޑްރިޑްގެ އޮފާއެއް އޮތް ކަމުގައި ވިޔަސް އޭނާ އާސެނަލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އަންނަ ސީޒަނަށް ރެއާލުން ޓީމު ވަރުގަދަ ކުރާއިރު، މައިގަނޑު ގޮތެއްގައި އެ ޓީމަށް ގެންނަން މަސައްކަތްކުރަނީ ޑިފެންޑަރުންނެވެ. އެ ގޮތުން، އާސެނަލަށް ކުޅެމުން އަންނަ ސަލީބާ، 24، އަށް ރެއާލުން ރަނގަޅު އޮފާއެއް ދީފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ސީޒަނުގައި އާސެނަލަށް ހުރިހާ މުބާރާތެއްގައި 48 މެޗު ކުޅެދީފައިވާ ސަލީބާއާ އެކު، އެ ކްލަބުން މި ވަގުތު ހަދާފައިވާ ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އާސެނަލުން އަންނަނީ ސަލީބާގެ އެ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ.
"އަހަރެން އޭނަ (ސަލީބާ)އާ ވާހަކަތަކެއް ދައްކައިިފިން، އަހަންނަށް އިތުބާރު އެބައޮތް އޭނަ މި ޓީމާ އެކު ކުރިއަށްދާނެ ކަމަށް. އަހަންނަށް ޔަގީން އޭނަ ކުރިއަށްދާން ބޭނުންވަނީ އަހަރެެމެންނާ އެކުގައިކަން،" ސަލީބާގެ މުސްތަގުބަލާ ބެހޭގޮތުން އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ މުސްތަގުބަލުގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށާއި ރަނގަޅު ކުޅުންތެރިން ކްލަބާ އެކު ކުރިއަށްދާނީ ކާމިޔާބު ވެސް ހޯދައި، ތަށްޓަށް ވާދަކުރެވޭ ފެންވަރު ދަމަހައްޓައިގެން ކަމަށެވެ.
އާސެނަލުން ސަލީބާގެ ސޮއިހޯދީ 2019 ވަނަ އަހަރު ސެއިން އެޓިއެން އަށް 33 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ސެއިން އެޓިއަން، ނީސް އަދި މާސޭ އަށް ކުޅުމަށް ފަހު، މިދިޔަ ދެ ސީޒަނުގައި ވެސް ސަލީބާ އަންނަނީ ގަވާއިދުން އާސެނަލް ޓީމުގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ.
ސަލީބާ އަށް ރެއާލްގެ އޮފާއެއް އޮތަސް އާސެނަލުން ބުނަނީ މަޑުކުރާނެ ކަމަށް ސަލީބާ އަށް ރެއާލްގެ އޮފާއެއް އޮތަސް އާސެނަލުން ބުނަނީ މަޑުކުރާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ