ކޫލް ސްކޫލްގެ ޕްރޮޖެކްޓް އަވަސްކޮށް މިއަހަރުގެ ތެރޭގައި ކުލާސް ރޫމްތައް އޭސީކޮށް ނިންމަނީ

ރައީސް ޑރ މުހައްމަދުގެ އިރުޝާދުގެ ދަށުން 'ކޫލް ސްކޫލް' މަޝްރޫއުގެ ދަށުން މިއަހަރު ހުރިހާ ކުލާސް ރޫމެއް އޭސީކޮށް ނިންމާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު، ކޫލް ސްކޫލް މަޝްރޫއުގެ ދަށުން މިހާތަނަށް 401 ކުލާސް ރޫމުގައި 802 އޭސީ ހަރުކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދަނީ 3740 ކުލާސް ރޫމުގަ އެވެ.
މިދިޔަ ޖޫންމަހުގެ އިއުލާންކުރި ކޫލް ސްކޫލް ޕްރޮޖެކްޓަކީ ދެ އަހަރުދުވަހުގެ މުއްދަތުގައި ނިންމަން އިއުލާނުކުރި މަޝްރޫއުއެއް ނަމަވެސް ސްކޫލްތަކާއި ދަރިވަރުން އަދި ބެލެނިވެރިންގެ އެދުމުގެ މަތިން، ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ޕްރޮޖެކްޓް އަވަސްކޮށްފައިވާ ކަމަށެވެ.
"މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާމުން ދަރިވަރުން ތައުލީމު ހާސިލުކުރަމުން ސްކޫލްގައި ތިބޭ ހުރިހާ ކުލާސް ރޫމެއް އަޅުގަނޑުމެން އިދާރަކުރެއްވިއްޔާ އޭސީކޮށް ނިންމާނަން." މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ދަރިވަރުން ކިޔަވާ ހުރިހާ ކުލާސް ރޫމެއް އޭސީހަރުކޮށް ނިންމާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ސްކޫލްތަކަށް މިމަހުގެ ތެރޭގައި ގަނޑުކޮށް ހުރިހާ އޭސީތަކެއް ފޮނުވުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ