ބެންގަލޫރު (މެއި 4) - އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ދެ ލަނޑުން ޗެންނާއި ސުޕަ ކިންގްސްގެ މައްޗަށް ކުރިހޯދައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގުގެ އެއް ވަނައިގައި ބެންގަލޫރު މި ވަގުތު އޮތީ 11 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މުމްބައި އިންޑިއަންސް އަށް 11 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް ވަނީ 10 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ޕްލޭއޮފުގެ ފަހު ޖާގަ ލިބޭ ހަތަރު ވަނައިގައި މި ވަގުތު އޮޮތީ 10 މެޗުން 13 ޕޮއިންޓާ އެކު، ޕަންޖާބު ކިންގްސް އެވެ.
ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޗެންނާއި އިން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، އޯޕަނިންސް ބެޓްސްމަނުންގެ ގޮތުގައި ފެނުނު، ވިރާތު ކޯލީ އާއި ޖޭކަބް ބެތެލް ވަނީ ރަނގަޅު ސްކޯއެއް ހަދައިފަ އެވެ. އެ ގޮތުން، ވިރާތު 33 ބޯޅައިން 62 ލަނޑު ހެދިއިރު، ބެތެލް ވަނީ 33 ބޯޅައިން 55 ލަނޑު ހަދައިފަ އެވެ.
ބެންގަލޫރުން 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 213 ލަނޑު ހެދިއިރު، އެންމެ ފަހު ވަގުތު ކުޅެން އެރި، ރޮމާރިއޯ ޝެޕާޑް ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާ އަކީ އައިޕީއެލް ތާރީހުގައި ދެ ވަނަ އަށް އެންމެ މަދު ބޯޅައިން 50 ލަނޑު ހެދި ކުޅުންތެރިޔާ އެވެ. ޝެޕާޑް ނިންމާލީ ނުބައިނުވެ، 14 ބޯޅައިން 53 ލަނޑާ އެކު އެވެ.
މި އިނިންސްގައި ޗެންނާއިގެ މަތީޝާ ޕަތިރާނާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޗެންނާއި އަށް 20 އޯވަރުގެ ތެރޭގައި ހެދުނީ ފަސް ކުޅުންތެރިން ނުބައިވެގެން 211 ލަނޑެެވެ. ޗެންނާއި އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 48 ބޯޅައިން 94 ލަނޑަށް ނުބައިވި، އަޔޫޝް މާތުރޭ އާއި ނުބައިނުވެ، 45 ބޯޅައިން 77 ލަނޑު ހެދި ރަވިންދުރަ ޖަދޭޖާ އެވެ. ފަހު އޯވަރުގައި ޗެންނާއިގެ ޝިވަމް ދޫބޭ ކުޅެން އަރައި އެ ޓީމަށް އުންމީދެއް ހޯދައިދިން ނަމަވެސް، މި އޯވަރުގައި އުކި ޔަޝް ދަޔާލް ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ބެންގަލޫރު މޮޅުކޮށްދޭން ތަފާތު ދައްކައިފަ އެވެ.
ބެންގަލޫރުގެ ލުންގީ އެންގީދީ ވަނީ މި އިނިންސްގައި ތިން ވިކެޓް ނަގައިފަ އެވެ.
އައިޕީއެލް: ޗެންނާއި ބަލިކޮށް ބެންގަލޫރު އެއް ވަނަ އަށް އައިޕީއެލް: ޗެންނާއި ބަލިކޮށް ބެންގަލޫރު އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ