މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިިވިޝަނުގެ ފައިނަލުގައި ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނަސް، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ފަސޭހަކޮށް ނުނަގާނެ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ވެމްކޯ އަކީ އަންހެން ވޮލީބޯޅައިގައި އެންމެ ކާމިޔާބު ޓީމެވެ. މި ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ވެމްކޯ އިން ނުކުންނައިރު، އެ ޓީމުން މި ފަހަރު ނުކުންނަނީ ވިދިވިދިގެން ފަސްވަނަ އަހަރަށް ގައުމީ މުބާރާތް ކާމިޔާބުކުރުމަށެވެ.
"އަދަދު ސްޕޯޓްސް"އާ ވާހަަކަ ދައްކަމުން ބޭބެ ކޯޗު ބުނީ ގައުމީ މުބާރާތައް ވެމްކޯ އިން ކަނޑައެޅި ފުރަތަމަ ޓާގެޓަށް ވާސިލްވެވިއްޖެ ކަމަށެވެ. އެ ގޮތުން، މި ފަހަރުގެ މުބާރާތައް ވެމްކޯ އިން އެންމެ ފުރަތަމަ ކަނޑައެޅި ޓާގެޓަކީ މެޗަކުން ބަލިނުވެ ފައިނަލަށް ދިޔުން ކަމަށެވެ.
ބޭބެ ބުނީ ފައިނަލުގެ ފުރަތަމަ ޖާގަ ލިބުމުން އޭގެ ފައިދާ ވެމްކޯ އަށް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ. އެ ގޮތުން ކުޅުންތެރިންނަށް އަރާމުކުރަން ދެ ދުވަސް ލިބޭ ކަމަށާއި، އަދި ފައިނަލުގެ ކުރިން ޕްރެކްޓިސް ވެސް ކުރުމަށް ލިބޭ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ މަސައްކަތް ކުރީ، އެއް ވަނަ ޓީމުގެ ގޮތުގައި އެއް ފަހަރުން ފައިނަލަށް ދިޔުމަށް އެނގޭތޯ. އެއީ ރެސްޓް ކޮށްލަން އަދި އިތުރަށް ފަރިތަކުރުމެއް ބާއްވަން ވަގުތު ލިބޭ އެބަ. އެހެންވެ، ކުޅުންތެރިންނަށް ހުރިހާ އެންމެން މަސައްކަތް ކުރީ އެއްވަނަ ޓީމުގެ ގޮތުގައި ދާން." ބޭބެ ބުންޏެވެ.
ބޭބެ ބުނީ ފައިނަލުގައި ކޮންމެ ޓީމެއް އަޔަސް ވެމްކޯ އިން ތައްޔާރުވާނީ ދޫނުދީ ތަށި ދިފާއުކުރުމަށް ކަމަށެވެ.
"ހުރިހާ ޓީމަކަށްވެސް މި އޮވޭ (ޕްރެޝަރު) އެނގޭތޯ. ވަކި ޓީމަކަށް ނޫން ހުރިހާ ޓީމަކަށްވެސް. ވާދަވެރި ޓީމުތަކެއް މިއޮތީ ހަމަ. ކޮންމެ ޓީމަކުން ކޮންމެ ޓީމަކާ އޮތަސް، ވަކި މިދިޔަ އަހަރުގެ ޗެމްޕިއަނުންނެކޭ ކިޔަސް. އެކަމަކު ތަށި ދިފާއު ކުރަން އެ އިންނަ ޕްރެޝަރު ހަމަ އޮވޭ. އެކަމަކު އަޅުގަނޑުމެން އެކަމަށް ތައްޔާރުވެގެން ހަމަ އަޅުގަނޑުމެން ނުކުންނާނީ" ބޭބެ ބުންޏެވެ.
ސެމީ ފައިނަލުގައި މިރޭ ޕޮލިސް ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބުން މިރޭ ބައްދަލުކުރާނެ އެވެ.
މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި، ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ވެމްކޯ އިން ވަނީ ތަށި މިލްކުކޮށްފަ އެވެ. މި ސީޒަނުގައި ވެމްކޯ އިން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި ނަމަވެސް، ލީގު ޗެމްޕިއަންކަން ހޯދީ ޕޮލިހެވެ.
ގައުމީ ފައިނަލުގައި ކޮންމެ ޓީމަކާ ޖެހުނަސް ވެމްކޯ އިން ފަސޭހަކޮށް ނުނަގާނެ ގައުމީ ފައިނަލުގައި ކޮންމެ ޓީމަކާ ޖެހުނަސް ވެމްކޯ އިން ފަސޭހަކޮށް ނުނަގާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ