ކްރިކެޓް އެކަޑަމީގެ "އޯޕަން ޑޭ" އެއް ބާއްވަނީ ކްރިކެޓް އެކަޑަމީގެ "އޯޕަން ޑޭ" އެއް ބާއްވަނީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މުޅިން އަލަށް ފަށާ ކްރިކެޓް އެކެޑަމީގެ ކަންކަން ފަށައިގަތުމަށްޓަކައި، އޯޕަން ޑޭ އެއް ބޭއްވުމަށް ނިންމައިފި އެވެ.
ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލްގެ ދެ ވަނަ ދައުރުގައި، ކްރިކެޓް ބޯޑުން ފަށަން ނިންމާފައިވާ އެއް ކަމަކީ، ކްރިކެޓް އެކަޑެމީ އޮފް މޯލްޑިވްސް އެވެ. މި އެކެޑަމީ އަކީ، ކްރިކެޓް ޖޫނިއާ ޕްރޮގްރާމް ހިންގުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާ އެކު، ކްރިކެޓްގެ އާ ޖީލެއް އުފެއްދުމަށްޓަކައި، އާ މަސައްކަތްތަކެއް ކުރުމަށް ސީބީއެމް ގެ އިދާރީ އޮނިގަނޑުތެރޭ އުފައްދާ ކްރިކެޓް އެކަޑަމީއެކެވެ.
އެ ގޮތުން، އަލަށް ފަށާ ކްރިކެޓް އެކެޑަމީގެ ފަން އިވެންޓެއްގެ ގޮތުގައި ކުރިއަށްދާ ހަވީރު އޮންނާނީ މިއަދު ހަވީރު 4 އިން ފެށިގެން، ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގަ އެވެ.
ކްރިކެޓް އެެކަޑަމީން މައުލޫމާތު ދޭ ގޮތުގައި ފެންވަރު ރަނގަޅު ކޯޗުންނާ އެކު، މި އެކަޑަމީގެ މަސައްކަތް ފަށާއިރު، އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި، މިއީ، ކްރިކެޓަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް މި ކަމުން ކުރިއެރުން ހޯދައިދީ ކެރިއަރެއް ބިނާ ކުރުމަށްޓަކައި ފެށިގެންދާ މުހިންމު މަސައްކަތެއް ކަމަށް ސީބީއެމް އިން ވަނީ ބުނެފަ އެވެ.
އެކަޑަމީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީގެ ކުރިން، ފައިސަލް ވިދާޅުވީ، މި އެކެޑަމީ އަކީ މިނިވަންކޮށް ވީހާ ވެސް ވިސްނުންތެރިކަމާ އެކުމ ކުރިއަށްގެންދެވޭނެ އެކަޑަމީއެއް ކަމަށެވެ.
ސީބީއެމް އިން އެކަޑަމީގެ އިތުރުން، ޑިވެލޮޕްމަންޓަށް ކުރެވޭ ބޮޑު ދެ ވަަނަ މަސައްކަތެއްގެ ގޮތުގައި، ފެށޭ ސީޑީސް ޕްރޮގްރާމަކީ، ކްރިކެޓްގެ ވިޝަން 2030 ތެރެއިން ކުރެވޭ ކްރިކެޓްގެ ޑިވެލޮޕްމަންޓާ ގުޅޭ މުހިންމު މަސައްކަތެކެވެ. އެ ގޮތުން، ސީޑްސް ޕްރޮގްރާމުގެ އަމާޒަކީ، ކުރިއަށް އޮތް ތިން އަހަރު ތެރޭ މުޅިން އަލަށް 5000 ކުދިންނަށް ކްރިކެޓް ތައާރަފް ކުރުމެވެ. އެ ގޮތުން ހިންގޭ މި ޕްރޮގްރާމްގައި، ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ކްރިކެޓް ގެ "އޮއްތަކެއް" އިންދައި، ކްރިކެޓަށް އަހުލުވެރި، ކްރިކެޓް ދެކެ ލޯބިވާ ކުދިންތަކެއް އުފެއްދުމަށް ހިންގޭނެ ކަމުގެ އުންމީދު ބޮޑެވެ.
ސީޑްސް ޕްރޮގްރާމް ހިންގާނެ ގޮތާ ބެހޭގޮތުން ފައިސަލް ވިދާޅުވީ، ރަށްރަށުގައި މި ޕްރޮގްރާމް ހިންގުމަށްޓަކައި، އެކި ޖަމިއްޔާތަކާއި ކްލަބްތަކާ ގުޅުމުގެ ވިސްނުން ކްރިކެޓް ބޯޑުގެ އެބަހުރި ކަމަށެވެ. އަދި، މި ކަމަށް ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، ޔޫއެންޑީޕީ މޯލްޑިވްސްއާ އެކު ވެސް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ފައިސަލް ވިދާޅުވި އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ