ތެލާއި ކާޑަށް ފައިސާ ދެއްކުމަށް ވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޫކުރަން: ރައީސް

ތެލާއި ކާޑަށް ފައިސާ ދޫކުރުމުގެ ކުރިން، ސަރުކާރުގެ ސްކޮލާޝިޕް ސްކީމުތަކުގައި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫނުކޮށް ހުރި ނަމަ އެ ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ބޭރުގައި ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ލިބުން ލަސްވުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ބައެއް ދަރިވަރުންގެ ޓިއުޝަން ފީ ނުދައްކާ ލަސްވުމުގެ ސަބަބުން ޔުނިވާސިޓީތަކުން ދަރިވަރުންނަށް ނޯޓިސް ދޭން ފަށާފައިވާ ކަމަށް ސްކޮލާޝިޕްގައި ކިޔަވާ ބައެއް ދަރިވަރުން ބުނެފައިވެ އެވެ.
ތަފްސީލް - ރައީސް މުއިއްޒުގެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މިއަދު އެ މަނިކުފާނު ވިދާޅުވީ މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ޝަކުވާތައް އެއްސެވި ކަމަށެވެ.
ދަރިވަރުންގެ ޝަކުވާތައް މައިގަނޑު ގޮތެއްގައި ހުރީ، ރައީސް ފާހަގަކުރެއްވި ގޮތުގައި:
ދަރިވަރުންގެ އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވުން
ސްޓައިޕެންޑައި ޓިއުޝަން ފީ ލިބުން ލަސްވުން
އެެ މައްސަލަތައް ހައްލު ކުރުމަށް މިހާރު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 
"އެއް ކަމެއްގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީގެން ބޭރުގައި ދަރިވަރުން ތިބޭ ގައުމުތަކަށް ހާއްސަކޮށްގެން ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް ނަންބަރެއް ނަގާނެ. ދެން އެ ނަންބަރު މެނޭޖުކުރަން ވަކި ހާއްސަ ސްޓާފެއް ހަމަޖައްސާނެ،" ދަރިވަރުންނަށް މިނިސްޓްރީއާ ގުޅަން އުނދަގޫވާ މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
އެ ޒިންމާ މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ހަވާލުކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
"ދެން ހަޔާ އެޑިއުކޭޝަނާއި ފިނޭންސްއާ ދޭތެރޭ ކޮމިޔުނިކޭޝަން ރަނގަޅުކުރުމަށް ފިނޭންސްގައި މިހާރު އަޅުގަނޑު ޔަގީން ވެސް ކޮށްފިން. ތެލާއި ކާޑަށް ފައިސާ ދެއްކުމަށް ވުރެ އިސްކަން ދޭނެ ފިނޭންސް މިނިސްޓްރީއަށް އައިސްފައިވާ ރިކުއެސްޓެއް ލޯނު ނޫނީ ސްކޮލާޝިޕްތަކުގައި ކިޔަވާ ކުއްޖެއްގެ ޕޭމެންޓެއް އޮތިއްޔާ،" ރައީސް ވިދާޅުވި އެވެ.
"އޭތި ދޫކޮށްފައި ތެލާއި ކާޑަށް ވެސް މިހާރު ފައިސާ ދޫކުރާނީ. އެންމެ އިސްކަން ދެނީ ބޭރުގައި ކިޔަވާ ކުދިންގެ ލޯނު ނޫނީ ސްޓައިޕެންޑު އަދި ޓިއުޝަން ފީ ދޫކުރުމަށް."
ރައީސް ވިދާޅުވީ ރާއްޖެ އާއި ބޭރުގައި މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތައް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖޭން ބޭރުގައި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ