ފަޒުލްގެ ބޭބެ ފަޒީލް ހުޅުމާލެއިން އެޕާޓްމަންޓެއް ގަނެފި

ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާދެއްވި ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފި އެވެ. 
ވީ ކިހިނެއް؟ - އެކަން ހާމަވީ އޭނާގެ ނަމަށް އެ ފްލެޓުގެ ރަޖިސްޓްރީ ބަދަލުކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ. އެކަމާ ގުޅޭ އަޑުއެހުމެއް މިދިޔަ އާދިއްތަ ދުވަހު ކޯޓުގައި ތާވަލް ވެސް ކުރި އެވެ. 
ތަފްސީލް - އިތުބާރުހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފަޒީލް އެޕާޓްމަންޓެއް ބައްލަވައިގަތީ ބެޗް ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދާފައިވާ މެރީނާ ވިއު އެޕާޓްމަންޓް ކޮމްޕްލެކްސްއިންނެވެ. އެގޮތުން:
އޭނާ އެ ފްލެޓް ބައްލަވައިގަތް ކަމަށް ކޯޓަށް ހުށަހަޅާފައިވަނީ 1.18 މިލިއަން ރުފިޔާއަށް ކަމަށް؛ 
އެ ފައިސާގެ ދެބައި ކުޅައެއްގައި އޭނާ ދެއްކެވީ އަމިއްލަ ފައިސާއިން އަދި އަނެއް ބައި ހޯއްދެވީ އެޗްޑީއެފްސީގެ ހައުސިން ލޯނަކުން ކަމަށްވޭ
ފާހަގަކޮށްލެވޭ - ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ތެރެއިން ބިން ލިބިފައި ނުވަނީސް ފަޒީލްއަށް އެ ސްކީމްގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފޭސްއިން ގޯއްޗެއް ދިން މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި އެ ބިން އެޗްޑީސީން ފަޒީލްއާ ހަވާލުލުރީ ހަދާފައިވާ ވަގު ލިޔުންތަކެއް ހުށަހަޅައިގެންނެވެ. 
އެ މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުގެ މަގާމުން ވެސް އޭނާ ސަސްޕެންޑްކުރި އެެވެ. އަދި ވެސް ހުރީ ސަސްޕެންޝަންގައި ކަމަށް އެނގިފައިވެ އެވެ. 
ފަޒުލް އެޗްޑީސީގެ އެމްޑީއަކަށް ހުންނެވި ދުވަސްވަރު އެތައް ބިމެއް އެކި ފަރާތްތަކަށް ނަހަމަ ގޮތުގައި ވިއްކާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެ ތަހުގީގަށް ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ފެނިފައިވެ އެވެ. އެ ފައިސާ ފުލުހުން ފަހުން އޭނާއަށް ރައްދުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ