ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓުގެ ނަމުގައި މާލީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ކުންފުންޏެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ ގަރާރަކުން 'ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް' އުފެއްދެވީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
ތަފްސީލް - އެ ކުންފުނީގެ މަގުސަދުތަކަކީ:
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން
ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓު އަދި ފައިނޭންޝަލް ޓޫރިޒަމް ކުރިއެރުވުން
ބޭންކިން އަދި މާލީ ހިދުމަތުގެ ދާއިރާ ކުރިއެރުވުން
ބައިނަލްއަގުވާމީ މާލީ ހިދުމަތުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
މި ކުންފުނި ހިންގާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުންނެވެ.
އެ ކުންފުނި އުފެއްދުމަށް ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ:
ކުންފުނީގެ ދަރަންޏަށް އަދި ޝަރުއީ ބޭނުންތަކަށާއި އެހެން ހުރިހާ ހާލަތެއްގައި ވެސް ސަރުކާރުން ޒިންމާވާނީ ކުންްފުނި އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސުލްމާލުގެ ތެރެއިން އެއްވެސް ވަރެއް އެ ކުންފުންޏަށް ސަރުކާރުން ދައްކާފައި ނުވާ ނަމަ
ފައިނޭންޝަލް ޑިސްޓްރިކްޓު ލިމިޓެޑަށް ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10ރ.ގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލާފައިވާ 1 ބިލިއަން ރުފިޔާ
އެ ކުންފުންޏަކީ ހިންގާ ގަވައިދު އަދި އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންތައް ހިންގުމުގައި އަދި އަމިއްލަ ނަމުގައި ދައުވާކޮށް، ދައުވާ ލިބިގަތުމުގެ ހައްގު އޮންނަ ކުންފުންޏެއް
ގުޅުން ހުރި - ފައިނޭންޝަލް ޑިސްޓްރިކްޓުގެ ނަމުގައި ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދެވިއިރު، ހުޅުމާލެ އަކީ މި ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.
ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ނަމުގައި މާލީ ސެންޓަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ ތަނުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.
މާލީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ