ގައުމުގެ ހާލަތާ އަޅައިބަލާއިރު މަޝްރޫއުތަކުގެ ސްޕީޑު އަވަސް: ހަސަން ޒަރީރު

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާ އަޅައިބަލާއިރު، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސްޕީޑު އަވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ޒަރީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ފަށައިފައިވާ ކަމަށާއި، އެހެން ނަމަވެސް އެންމެ އެކަށީގެންވާ ސްޕީޑުގައި އެ ކަންކަން އަދި ކުރިއަށްނުދާ ކަމަށެވެ. އެހެން ނަމަވެސް ގައުމު އޮތް ހާލަތާ އަޅައިބަލާއިރު، މަޝްރޫއުތައް ކުރިއަށްދާ ސްޕީޑު ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ގޮތުން މިހާރު ރަށްރަށުގައި މަސައްކަތްތައް އެބަދޭ ކުރަމުން. އެހެން ނަމަވެސް އަދި ހަމަ ގަބޫލުކުރަން ރައްޔިތުން އެންމެ އެދޭ އެންމެ ބާރުމިނުގައި ނުދޭ. އެހެން ނަމަވެސް ގައުމު އޮތް ހާލަތާ އަޅައިބަލާއިރުގައި އަޅުގަނޑު ދަންނަވާނީ އެ ދަނީ ހަމަ ވަރަށް ރަނގަޅު ސްޕީޑުގައި މަސައްކަތްތައް ކުރަމުންނޭ،" ހަސަން ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ އިގުތިސާދީ މަޝްރޫއާއި ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރީ ސަރުކާރުގައި ފެށި ނަމަވެސް، ނިންމަވަން ޖެހިފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ. އަދި މަޝްރޫއުތަކުގައި މުހިންމު ކަމަކީ ހަމައެކަނި މަސައްކަތްތައް ފެށުން ނޫންކަމަށާއި، އެ ފަށާ ކަމެއް ނިންމައި، ރައްޔިތުންނަށް އޭގެ މަންފާ ލިބުންކަން ހަސަން ޒަރީރު ފާހަގަ ކުރެއްވިއެވެ. މި ސަރުކާރަށް މިވީހައި ދުވަހު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި އޮތުމުން، އެ ކަމުގެ ކަންބޮޑުވުންތައް އާންމުންގެ އެބަ އޮތެވެ. މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓަކަށް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި، އަހަރު ދެބައިވާންދާއިރު، މިދިޔަ މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބޯހިޔާވަހިކަމަށް ޚަރަދުކުރީ އެންމެ 65.9 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދަށްވުރެ 173.4 މިލިއަން ދަށް އަދަދެކެވެ. ޕީއެސްއައިޕީގެ ތެރެއިން މިހައިތަނަށް އެންމެ ބޮޑަށް ޚަރަދުކޮށްފައި އޮތީ ދަތުރުފަތުރަށެވެ. އެއީ ބަނދަރުތަކާއި، ބްރިޖާއި އެއާޕޯޓުތަކުގެ މަސައްކަތަށެވެ. އެ ކަމަށް މި އަހަރުގެ ބަޖެޓުން 801 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ